ހަބަރު

ރައްކާތެރިކަން ލިބޭ ގޮތަށް މަޝްރޫއުތައް ކުރިއަށްގެންދަންޖެހޭ

Nov 5, 2020

ދެމެހެއްޓެނިވި ތަރައްގީއަށް ހިންގޭ މަޝްރޫއުތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަހުފޫމް ހިމެނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއްކަމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ ޗީފް އެގްޒެކެޓިވް ހިސާން ހުސެއިން ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ސުނާމީއަށް ހޭލުންތެރިކުރުމުގެ ދުވަހުގެ މުނާސަބަތުގައި ހިސާން ވިދާޅުވީ ބާރުގަދަ ސުނާމީއެއް ކުރިމަތިވުމަށް ގިނަ އަހަރުތަކެއް ނަގާ ކަމަށް ސައިންސްވެރިންގެ ދިރާސާތަކުން ދެއްކި ނަމަވެސް، ރާއްޖެފަދަ ޖަޒީރާ ގައުމަކަށް އެފަދަ ކާރިސާއަކުން އަރައިގަތުމަށް ގިނަ އަހަރުތަކެއް ނަގާކަމަށެވެ.

މިގޮތުން، ސުނާމީ ފަދާ ކާރިސާއެއް އަތުވެދާނެ ކަމަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ހޭލުންތެރިވެ ތައްޔާރުވެ ތިބުމަކީ މުހިއްމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.

"ދެމެހެއްޓެނިވި ތަރައްގީއަށް ހިންގޭ މަޝްރޫއުތަކުގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމުގެ މަހުފޫމް ހިމެނުމަކީ ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް އެޅޭ މުހިއްމު ފިޔަވަޅެއް،" ހިސާން އިތުރަށް ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ ކުރިއަށް އޮތް ޖީލުތަކަށް ރާއްޖޭގެ ގޮނޑުދޮށްތަކާއި، ގުދުރަތީ ބިނާވެށި ގެނެސްދެވޭނީ ހުރިހާ ފަންތިއެއްގައި ކާރިސާތަކުން ލިބޭ ގެއްލުން ކުޑަ ކުރުމަށް ވިސްނާ، ފަރުދީ ޒިންމާ އަދާ ކޮށްގެން ކަމަށެވެ.

މީގެ 16 އަހަރު ކުރިން، 2004 ވަނަ އަހަރުގެ ޑިސެމްބަރު މަހު ރާއްޖެއަށް އެރި ސުނާމީގައި 80 އަށް ވުރެ ގިނަ މީހުން މަރުވެ، ގިނަ ރަށްތަކަށް ބޮޑެތި ގެއްލުންތައް ވަނީ ވެފައި އެވެ.