ޑިސެންބަރު 26، 2004 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި 25،593 ދަރިވަރުންނަށް އަސަރުކޮށްފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު މިހެން ވިދާޅުވީ "ސުނާމީއަށް ހޭލުންތެރި ކުރުވުމުގެ ދުވަސް" ފާހަގަކުރުމުގެ ގޮތުން ދެއްވި ހިތާބުގައެވެ. އެ ކާރިސާގައި ރާއްޖެއިން 108 މީހަކު މަރުވިއިރު އޭގެ ތެރޭގައި ސުކޫލް ދަރިވަރުންވެސް ހިމެނެއެވެ. މިނިސްޓަރު ވިދާޅުވީ ރާއްޖެއިން މަރުވި މީހުންގެ ތެރޭގައި 33 ދަރިވަރުން ހިމެނޭ ކަމަަށެވެ.
އެ ކާރިސާގެ ސަބަބުން ތައުލީމީ ދާއިރާއަށް އެކަނިވެސް 15.5 މިލިއަން ޑޮލަރުގެ ގެއްލުންވިއެވެ. މިނިސްޓަރު ވިދާޅުވީ ސުނާމީ އެރިއިރު ރާއްޖޭގައި ހުރީ 315 ސުކޫލް ކަމަށާ އޭގެ ތެރެއިމން 114 ސުކޫލަކަށް ގެއްލުންވި ކަމަށެވެ. ނުވަ ސުކޫލެއް ވަނީ މުޅިން ހަލާކުވެފައެވެ. އަދި 31 ސުކޫލަަކަށް ވަރަށް ބޮޑެތި ގެއްލުންވިއެވެ. 24 ސުކޫލެއްގެ ހުރިހާ ފަރުނީޗަރާއި ހިފާ ގެންގުޅޭ ސާމާނު ހަލާކުވިއެވެ.
"މި ކާރިސާގައި މާލެ އާއި އަތޮޅުތަކުގެ 28 ސުކޫލެއް ވަނީ ރައްކާތެރި ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދޭ މަރުކަޒުތަކެއްގެ ގޮތުގައި ބޭނުން ކުރެވިފައި. އެކި ގޮތްގޮތުން ސުނާމީގެ އަސަރު 25،593 ދަރިވަރުންނަށް ކޮށްފައިވޭ. އަދި ސުކޫލްތަކަށް ލިބުނު ގެއްލުމުގެ ސަބަބުން 5،430 ދަރިވަރުން ވަނީ ކިޔެވުމުން މަހުރޫމްވެފައި. އަދި 1،321 ދަރިވަރުންގެ ދިރިއުޅުން ވަގުތީ ހިޔާތަކަށް ބަދަލުކުރަން ޖެހުނު،" މިނިސްޓަރު ވިދާޅުވިއެވެ.