ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ކޮވިޑް-19

ޓޫރިސްޓް ފެސިލިޓީތަކުން ރެންޑަމް ސާމްޕަލް ނަގަނީ

ރިޒޯޓުތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ނިންމައިފި އެވެ. އެކަން ހާމަކޮށްފައިވަނީ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ.

މިނިސްޓަރު މިއަދު ވިދާޅުވީ ރިޒޯޓުތަކާއި އެހެނިހެން ފަތުރުވެރި ފެސިލިޓީތަކުގެ މުވައްޒަފުންގެ ރެންޑަމް ސާމްޕަލް ނަގަން ފަށަން ނިންމާފައިވާ ކަމަށެވެ. ފަތުރުވެރިކަން ކުރިއަށް ގެންދިއުމުގައި އެންމެންގެ ސަލާމަތާއި ރައްކާތެރިކަން މުހިންމު ކަމަށް ވިދާޅުވެ މައުސޫމް ވަނީ ރައީސް ސޯލިހްއާ އެޗްޕީއޭއަށް ޝުކުރު އަދާކޮށްފައެވެ.

ޓޫރިސްޓް ފެސިލިޓީތަކުން ރެންޑަމް ސާމްޕަލް ނަގަން ނިންމާފައިވާއިރު ކަނޑިންމަ ރިސޯޓުން 50 މުވައްޒިފުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ކަނޑިންމަ މޯލްޑިވްސް ރިސޯޓުން ކޮވިޑަށް ޕޮޒިޓިވް ވި ފުރަތަަމަ މުވައްޒިފު ވަނީ މަރުވެފައެވެ. ގިނަ ބަޔަކު ޕޮޒިޓިވްވުމުން އެ ރިސޯޓްގެ އޮޕަރޭޝަން ހުއްޓާ ރިސޯޓަށް އަރާ ފޭބުން ވަނީ މަނާކޮށްފައެވެ. މިއީ ޖުލައި 15 ގައި އަލުން ބޯޑަރު ހުޅުވިފަހުން އޮޕަރޭޝަން ފެށި ރިސޯޓެއް ލޮކްޑައުންކޮށް އޮޕަރޭޝަން ހުއްޓާލި ފުރަތަމަަ ފަހަރެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލްވުމުގަައި އެ ސެންޓަރުގެ ތަރުޖަމާން ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ކަނޑިންމަ ރިސޯޓްގެ މުވައްޒިފެއް ކޮވިޑްގައި މަރުވުމުން އެކަމާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ބެލުމަށާއި އެ ރަށުގައި ބަލި ފެތުރިފައިވޭތޯ ބެލުމަށް މި މަހުގެ ދެވަނަ ދުވަހު އެޗްޕީއޭގެ ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށެވެ. އެ ޓީމުން ވަނީ އެ ހާދިސާ ހިނގާދިޔަ ގޮތް އަދި އެކަމާއި ގުޅިގެން ރިސޯޓުން އަޅާފައިވާ ފިޔަވަޅުތައް ބަލާފައެވެ.

ނަޒްލާ ވިދާޅުވީ ކޮވިޑްގައި މަރުވި މީހާއާމެދު ރިސޯޓުން އަމަލު ކުރިގޮތާއި ހޮސްޕިޓަލުން އަމަލުކުރި ގޮތްވެސް ބަލާފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން އެކި މީހުންނާއި ސުވާލުވެސް ކޮށްފައިވެއެވެ. އެ ޓީމު މިއަދު މާލެ އައިސް ފާހަގަ ކުރެވުނު ކަންކަން ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރާ ވަނީ ހިއްސާ ކުރައްވާފައެވެ. އަދި އެކަމަނާ ވަނީ އެޗްޕީއޭގެ ހޯދުންތަކުން ފާހަގަ ކުރެވުނު ކަންކަން އިތުރަށް ތަހުގީގު ކުރަން ޖެހޭނީ އެކަންކަން ބެލުމަށް ފުލުހަށް މައްސަލަ ހުށައަޅާފައެވެ.

"ރިޕޯޓްގެ ފައިންޑިންގްސްތައް ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތާ ވަނީ ހިއްސާ ކުރެވިފައި. އަދި މި ފައިންޑިންގްސްތައް ބެއްލެވުމަށްފަހު ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ވަނީ މިކަންކަން އިތުރަށް އިންވެސްޓިގޭޓް ކުރުމަށް ފުލުހަށް ހުށައަޅާފައި،" ނަޒްލާ ވިދާޅުވިއެވެ.

ކަނޑިންމަ ރިސޯޓުގައި މަސައްކަތް ކުރަމުންދިޔަ އެ ރިސޯޓުގެ މުވައްޒަފަކު ހާލު ސީރިއަސްވުމާއި ގުޅިގެން ދ. އަތޮޅު ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ މަރުވެފަ އެވެ. އަދި އޭނާގެ ގައިން ކޮވިޑް-19ގެ އަލާމާތްތަށް ފެނި ޓެސްޓު ކުރުމުން ބައްޔަށް ވަނީ ޕޮޒިޓިވް ވެސް ވެފަ އެވެ. އެއީ ރާއްޖެއިން ކޮވިޑް-19 ގައި މަރުވި 38 ވަނަ މީހާ އެވެ.

އޭނާ ފަރުވާއަށް ފޮނުވުމުގައި ރިސޯޓުގެ ބޮޑު އިހުމާލެއް އޮތް ކަމަށް އެ ރިސޯޓުގައި އޭނާ އާއެކު މަސައްކަތް ކުރާ މުވައްޒަފުންނާއި އާއިލާއިން ވެސް ވަނީ ތުހުމަތު ކޮށްފަ އެވެ.