ހަބަރު

އެއްވުން ރޫޅައިލީ ގާނޫނާ ހިލާފަށް: އެމްޑީޕީ

Oct 18, 2015
1

އެމްޑީޕީން ޗާންދަނީ މަގު ސީގަލް ކަންމަތީގައި ރޭ ބޭއްވި އެއްވުން ރޫޅައިލީ ގާނޫނާ ހިލާފަށް ކަމަށާއި އެއީ ގާނޫނު އަސާސީން ރައްޔިތުންނަށް ކަށަވަރުކޮށްދޭ އެއްވެ އުޅުމުގެ މިނިވަންކަމަށް ހުރަސް އެޅުމެއް ކަމަށް ބުނެ އެ ޕާޓީން ކުށްވެރިކޮށްފި އެވެ.

ބަޔާނެއް މެދުވެރިކޮށް ބުނީ އެ ޕާޓީން ރޭ މުޒާހަރާ ކުރީ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 27 ވަނަ މާއްދާގެ ދަށުން އެއްވުމުގެ ނޯޓިސް ފުލުހުންނަށް ހުށަހެޅުމަށްފަހު ކަމަށާއި ނަމަވެސް އެއްވުމުގެ ތެރެއަށް ފުލުހުން ވަދެގަނެ އެއްވެސް ގާނޫނީ ހަމައެއްނެތި އެއްވުމުގައި ބޭނުންކުރަމުން ގެންދިޔަ ސައުންޑް ސިސްޓަމަށް ގެއްލުން ދީ ބައެއް މެމްބަރުންނާއި އާންމުންގެ ލޮލަށް ޕެޕާ ސްޕްރޭ ޖަހައި ގާނޫނާ ހިލާފަށް އެއްވުން ރޫޅާލާފައިވާ ކަމަށެވެ.

"... ސުލްހަވެރި ސިޔާސީ ހަރަކާތްތައް ގާނޫނާ ހިލާފަށް ހުއްޓުވައި، އެއްވެ އުޅުމުގެ މިނިވަންކަމަށް ފުލުހުން އަންނަނީ ތަކުރާރުކޮށް ހުރަސް އަޅަމުން. ޕާޓީގެ ފަރާތުން މިކަން ބަލައިދިނުމަށް ތަކުރާރުކޮށް ހިއުމަން ރައިޓްސް ކޮމިޝަނުގައި އެދިފައިވާނެ. އަދި ސަރުކާރުން އެއްވުންތަކުގެ މިނިވަންކަން ހަނިކުރަމުންދާތީ އެ ކޮމިޝަނާއެކު ބައްދަލުވުމަކަށްވެސް މި ޕާޓީން އެދިފައިވާނެ. ނަމަވެސް އެކަމަށް އިޖާބައެއް ދީފައެއްނުވޭ،" އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.