ހަބަރު

އިންޑިއާއިން ތިލަމާލެ ބްރިޖަށްދޭ ހިލޭ އެހީގައި ސޮއި ކުރަނީ

Nov 8, 2020
1

އިންޑިއާގެ ފޮރިން ސެކްރެޓަރީ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން ތިލަމާލެ ބުރިޖު އަޅަން އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން އެމެރިކާ ޑޮލަރުގެ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއި ކުރާނެކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މާލެ، ވިލިނގިލި އަދި ތިލަފުއްޓާއި ގުޅީފަޅު ގުޅާލަން އަޅާ "ތިލަ މާލެ" ބްރިޖަށް، އިންޑިއާ އިން 400 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 6.1 ބިލިއަން ރުފިޔާ) ގެ ލޯނުގައި ސޮއިކޮށްފައިވަނީ މިދިޔަ މަހުގެ 12 ވަނަ ދުވަހު އެވެ. މި މަޝްރޫއަށް އިންޑިއާއިން ވަނީ ޖުމްލަ 500 މިލިއަން ޑޮލަރު ދޭން ނިންމާފަ އެވެ. މީގެތެރެއިން 100 މިލިއަން ޑޮލަރަކި ހިލޭ އެހީ އެވެ

މިގޮތުން، ފޮރިން ސެކްރެޓަރީ އަބްދުލްގަފޫރު މުހައްމަދުގެ ދައުވަތަކަށް، އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދާން ޝްރިންގްލާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި އެ މަޝްރޫއުގައި ހިމެނޭ ހިލޭ އެހީގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން، މި ދަތުރުފުޅުގައި އެ ގައުމުގެ ފޮރިން ސެކްރެޓަރީ އިން، އިންޑިއާގެ އެހީގައި ރާއްޖޭގައި ކުރިއަށްދާ ޕްރޮޖެކްޓްތަކާ ބެހޭ ގޮތުންނާއި، 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހު އިންޑިއާގެ ވެރިރަށް ނިއުދިއްލީގައި އޮތް ޖޮއިންޓް ކޮމިޝަން ބައްދަލުވުމުގެ ނިންމުންތަކާ ބެހޭ ގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އިންޑިއާގެ ފޮރިން ސެކްރެޓަރީގެ މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހްގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާނެ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުއާއި މިނިސްޓަރު އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދު އާއި މިނިސްޓަރު އޮފް ފިނޭންސް އަހުމަދު މުނައްވަރު އާއި މިނިސްޓަރު އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒް އިސްމާއިލް އާއި މިނިސްޓަރު އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މުހައްމަދު އަަސްލަމް އާއި މިނިސްޓަރު އޮފް ޑިފެންސް މާރިޔާ އަހުމަދު ދީދީ އަދި މިނިސްޓަރު އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް އާއި ބައްދަލުކުރައްވާނެއެވެ.

މިއީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ކަމަށް ވަޑައިގެންނެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. ހަރްޝް ވަރްދާން ޝްރިންގްލާ އަކީ އިންޑިއާގެ 33 ވަނަ ފޮރިން ސެކްރެޓަރީ އެވެ.