ރާއްޖެ ކުޅިވަރު

ފަހަތުން އަރައި ވެލެންސިއާ މޮޅުވުމުން، މަހިބަދޫ ފުލަށް

މަހިބަދޫ ދެ ލަނޑު ޖަހާފައިވަނިކޮށް ފަހަތުން އަރައި ވެލެންސިއާ 3-2އިން މޮޅުވުމުން އުރީދޫ ދިވެހި ޕްރެމިއާ ލީގުގެ ފުރަތަމަ ބުރުން ފުލަށް މަހިބަދޫ ހިނގައްޖެ އެވެ.

ޓޭބަލުގެ އެންމެ ފަހަތުގައި އޮތް ދެ ޓީމުގެ ކުރިމަތިލުމުގައި މިއަދު ވެލެންސިއާ ބަލިކޮށްގެން މަހިބަދޫ އަށް ފުލުން އަރައިގަނެވެން އޮތެވެ. އެކަމަކު ބަލްގޭރިޔާގެ ކޯޗު ޔްރޮދާން ސްޓޮއިކޯފް އިވަނޯފްގެ އިރުޝާދުގެ ދަށުން ކުޅުނު ޓީމު ކޮޅަށް ވެލެންސިއާއިން ތިން ލަނޑު ޖެހީ ފަހު 30 މިނިޓްގަ އެވެ.

ވެލެންސިއާގެ ފުރަތަމަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔާ މަޒްހަރު އަބުދުﷲ އެވެ. 60 ވަނަ މިނިޓްގައި އޭނާ ޖެހި މި ލަނޑަށް ފަހު އޭގެ ނުވަ މިނިޓް ފަހުން ނަތީޖާ އެއްވަރުކޮށްދިނީ ވެސް ކަނާތްފަރާތުން ފަހަތަށް ކުޅުނު މި ޑިފެންޑަރެވެ. އޭގެ ފަހުން ވެލެންސިއާގެ ކެޕްޓަން އިބްރާހީމް އަބުދުﷲ (އިއްބެ) ބޮލުން ޖެހި ބާރު ބޯޅަ ހުރަސް ދަނޑީގައި ވެސް ޖެހުނެވެ. މެޗުން ވެލެންސިއާ މޮޅުކޮށްދިން ލަނޑު އިއްބެ ގޯލަށް ވައްދާނީ މެޗު ނިމެން އަށް މިނިޓަށްވެފައިވަނިކޮށެވެ.

ވެލެންސިއާ ފަހަތުން އަރައި ތިން ލަނޑު ޖެހުމުގެ ކުރިން 3-0 އަށް ނަތީޖާ ބަދަލުކޮށްލަން މަހިބަދޫ އަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. އެކަމަކު މެޗުގެ ފުރަތަމަ ގޯލު، ފުރަތަމަ ހާފުގެ 18 ވަނަ މިނިޓްގައި ޖެހި ރޮގްރިގޭ ތަހީ ޖެހި ޕެނަލްޓީ ވެލެންސިއާގެ ކީޕަރު އަހުމަދު އާތިފް ދިފާއުކުރި އެވެ. މަހިބަދޫގެ ދެ ވަނަ ލަނޑު ކުރިން ވިކްޓަރީ އަށް ކުޅުނު އިއްޒަތު އަބުދުލްބާރީ ޖެހީ 41 ވަނަ މިނިޓްގައި އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ސްޓޮއިކޯފް ބުނީ މެޗު ބަދަލުވެގެންދިޔައީ ޕެނަލްޓީ ނާކާމިޔާބުވުމުން ކަމަށެވެ.

"އަހަރެން ރޭ (ދިން އިންޓަވިއުގައި) ބުނީމެއްނު. މިހެންނޭ އަބަދުވެސް ވަނީ. ދެ ގޯލު ޖަހާފައި ތިން ވަނަ ލަނޑު ޖަހަން ޕެނަލްޓީއެއް ލިބި، އަހަރުމެން މެޗުން ބަލިވީމަ ކިހިނެތް އަހަރެން ހަދާނީ. މިއީ އެއްގޮތަކުން ބުނަންޏާ ވަރަށް މަޖާ ވެސް ކަމެއް. އަދި ވަރަށް ދެރަ ވެސް ކަމެއް. މި މެޗު އަހަރުމެންނަށް ނެގެންޖެހޭނެ އަހަރެން ގަބޫލުކުރާގޮތުގައި،" ކޯޗު ބުންޏެވެ.

އޭނާ އަދި ބުނީ ބަލިވި ނަމަވެސް ރެލިގޭޓްނުވެ ސަލާމަތްވާން މަހިބަދޫގެ ކުރާ އުއްމީދު އަދި ނުގެއްލޭ ކަމަށެވެ.

ވެލެންސިއާގެ ކޯޗު މުހައްމަދު އިގްބާލް ބުނީ ކުޅުންތެރިން ވަރަށް މަސައްކަތް ކުރި ކަމަށާއި މިއީ ވަރަށް ރަނގަޅު މޮޅެއް ކަމަށެވެ.

މި މެޗުން މޮޅުވުމުން ވެލެންސިއާ ވަނީ ހަ ޕޮއިންޓާއެކު ހަތް ވަނާގަ އެވެ. މަހިބަދޫ ޓޭބަލުގެ ފުލުގައި އޮތީ އެންމެ ޕޮއިންޓަކާއެކުގަ އެވެ.