ބޭރު ކުޅިވަރު

ޕްލޭއޯފްގައި ބޮސްނިއާ އާއި އަޔަލޭންޑް

އަންނަ އަހަރު ފްރާންސްގައި ބާއްވާ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޕްލޭއޯފްގައި ބޮސްނިއާ އާއި ރިޕަބްލިކް އޮފް އަޔަލޭންޑް ވާދަކުރަން ޖެހިއްޖެ އެވެ.

ހޯމް އެންޑް އަވޭ އުސޫލުން ކުޅޭ ޕްލޭއޯފްގެ ފުރަތަމަ މެޗު ކުޅޭނީ ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހު އެވެ. ދެ ވަނަ މެޗު ކުޅޭނީ އޭގެ ތިން ދުވަސް ފަހުންނެވެ.

އަޔަލޭންޑަށް ޕްލޭއޯފް ކުޅެން ޖެހުނީ ގްރޫޕް ޑީގެ ފަހު މެޗުގައި ޕޮލެންޑާއެކު ޑްރޯކޮށްގެން ވެސް ކޮލިފައިވާން އޮއްވައި އެ މެޗުން 2-1އިން ބަލިވުމުންނެވެ.

ޕްލޭއޯފްގައި ޔުކްރޭން ވާދަކުރާނީ ސްލޮވީނިއާ އެވެ. ސްވިޑްން ވާދަކުރާނީ ޑެންމާކާ އެވެ. އަދި ނޯވޭ ވާދަކުރާނީ ހަންގޭރީއާ އެވެ.

އަޔަލޭންޑްގެ ކޯޗު މާޓިން އޯނީލް ބުނީ އޭނާގެ ޓީމަށް އޮތް އެންމެ ބޮޑު އެޑްވާންޓޭޖަކީ ޕްލޭއޯފްގެ ފަހު މެޗު އަމިއްލަ ގައުމުގައި ކުޅެން ޖެހުން ކަމަށެވެ. ނަމަވެސް ބޮސްނިއާ އަކީ މޮޅު ޓީމެއް ކަމަށާއި މިހެންވެ އެ ގައުމާމެދު ވަރަށް ބޮޑަށް ފަރުވާތެރިވާންޖެހޭނެ ކަމަށެވެ.