ހަބަރު

ސަރަހައްދީ ތަރައްގީއަށް ސަރުކާރުން އިސްކަންދޭ މިންވަރު ބަޖެޓުން ސާފު

ކޮވިޑް-19 އިގެ ދަތި ހާލުގައިވެސް ބަޖެޓުގައި ހިމެނިފައިވާ ކަންތައްތަކުން ރައްޔިތުންނަށް ކޮންމެވެސް ވަރެއްގެ އުއްމީދެއް ލިބޭއިރު، ސަރަހައްދީ ތަރައްގީއަށް ސަރުކާރުން އިސްކަންދޭ މިންވަރުވެސް މި ބަޖެޓުން ސާފުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ އެމްޑީޕީ މެންބަރު މުހައްމަދު ވިސާމް ވިދާޅުވެއްޖެ އެވެ.

އަންނަ އަހަރަށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 34.7 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން ކުރިއަށްދިއަ ބަހުސްގައި މިދިއަ އަންގާރަ ދުވަހު ވާހަކަ ދައްކަވަމުން ވިސާމް ވިދާޅުވީ، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އަތޮޅު ތެރޭގެ ސިއްހީ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެންނަން ސަރުކާރުން މަސައްކަތް ކުރަމުންދާކަމަށެވެ.

މިގޮތުން، ސިއްހީ ނިޒާމު ހަރުދަނާ ކުރުމަށް ރާއްޖޭގެ ފަސް ސަރަހައްދެއްގައި ޓާޝަރީ ހޮސްޕިޓަލް ގާއިމުކުރުމާއި އަތޮޅުތެރޭގައި ޖޫނިއާ ކޮލެޖުތައް އެޅުމަށް ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

"ހަގީގަތުގައި މި ފަސް ހޮސްޕިޓަލުގެ ފެންވަރު ވަރަށް ބޮޑަށް ސަރުކާރުން ކުރިއަށް ޖައްސާފައިވާއިރު، ރާއްޖޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން، އަތޮޅު ތެރޭގެ ސިއްހީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން އިންގިލާބީ ބަދަލުތަކެއް ގެނައުމަށް ސަރުކާރުން އެބަ މަސައްކަތްކުރޭ،" ވިސާމް ވިދާޅުވި އެވެ.

ބަޖެޓުގައި އޭނާ ނިސްބަތްވާ ލ. ގަމުގައި ކެންސަރު ހޮސްޕިޓަލެއް ގާއިމުކުރަން 98 މިލިއަން ރުފިޔާ ހިމަނާފައިވާ ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ މިއީ ސަރުކާރަކުން ލ. އަތޮޅުގައި މިހާ ބޮޑު މަޝްރޫއުއެއް ކުރިއަށް ގެންދަން ހިމެނި ފުރަތަމަ ފަހަރު ކަމަށެވެ.

އަދި އެކަމުގެ ސަބަބުން، ލ. ގަމުގެ އިތުރުން މުޅި އަތޮޅަށް އިގުތިސޯދީ ގޮތުން ބަދަލެއް އަންނާނެކަމަށް ވިސާމް ފާހަގަކުރެއްވި އެވެ.

"އަޅުގަނޑު ދެކޭގޮތުގައި ކެންސަރު ހޮސްޕިޓަލު ލ. ގަމުގައި ގާއިމުކުރުމަކީ ވެސް ލާމަރުކަޒީ ނިޒާމުގެ އެއް ބާބު،" އެ ހޮސްޕިޓަލު ލ. ގަމުގައި ގާއިމުވެގެން ދިއުމަކީ މުޅި އަތޮޅުގެ ތަރައްގީގެ ފެށުމެއްގެ ގޮތުގައި ސިފަކުރައްވަމުން އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން 34.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހަޅާފައިވާއިރު، އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ލިބޭނެކަމަށް ލަފާކުރަނީ 17.8 ބިލިއަން ރުފިޔާ އެވެ.

އަންނަ އަހަރު 33.3 ބިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ބެލެވޭއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓަކީ 15.5 ބިލިއަން ރުފިޔާއިން ޑެފިސިޓް ބަޖެޓެކެވެ.

ޑެފިސިޓް ފޫއްބަންދަން އިތުރަށް ދަރަނި ނަގަން ސަރުކާރުން ވިސްނާއިރު، ވިސާމް ވިދާޅުވީ ހުރިހާ ރަށެއްގައި ހުރިހާ ކަމެއް ކުރަން ވިސްނައިގެން ކުރިއަށްދާނަމަ، ދަރަނިތަކުން ރާއްޖެއަށް ދުވަހަކުވެސް ސަލާމަތެއް ނެތް ކަމަށެވެ.

އެހެންކަމުން، ސަރަހައްދީ ތަރައްގީގެ ވިސްނުމުގެ ތެރެއިން، ރާއްޖޭގެ ފަސް ސަރަހައްދެއް ރަނގަޅު ފެންވަރުގައި ތަރައްގީ ކުރުމަށް މިސްރާބު ޖަހަން އޭނާ ގޮވާލެއްވި އެވެ.

"މިހެން މިކަން ކޮށްފިނަމަ، ހަގީގަތުގައި ބިން ބޮޑެތި ރަށްތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ކުރިއަށް ގެންދެވޭނެ." ވިސާމް ވިދާޅުވި އެވެ.