އިދިކޮޅު ފަރާތްތައް

ރައީސް ހެއްދެވީ ބުހުތާނު ދޮގު، ޖަވާބުދާރީވާން ޖެހޭނެ: އިދިކޮޅު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށާ އެ ރަށްރަށުން ލިބުނު ފައިސާގައި އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެއްކެވީ ބުހުތާނު ދޮގު ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފި އެވެ.

ހޯރަފުށީ އެއާޕޯޓް ހުޅުވުމަށް އިއްޔެ ހަވީރު އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ ޔާމީންގެ ވެރިކަމުގައި ޓޫރިޒަމަށް ރަށްތައް ދޫކޮށްފައިވަނީ ނުއަގުގައި ކަމަށެވެ. އެ ރަށްރަށް އިންވެސްޓަރުންނަށް ދީގެން ލިބުނު ފައިސާގައިވެސް އެމަނިކުފާނު ޖެހިވަޑައިގެންފައިވާ ކަމަށް ވިދާޅުވިއެވެ.

"އަދި މިހާ ހިސާބަށް އައިއިރުގައި ކުރީގެ ސަރުކާރުތަކުން އަޅުގަނޑު ދަންނަވާނީ ވިއްކާފައިވާ 85 ރަށް ރިސޯޓް ނުހެދި އެބައޮތް. ދައުލަތަށް ލިބެންވާ އާމްދަނީ އެއް ނެތް، ނުލިބޭ. އަޅުގަނޑުމެން މިހާތަނަށް އައިއިރުގައި އެއްވެސް ފަޅު ރަށެއް ރިސޯޓް ހަދާކަށް އަދި ދޫކޮށްފައެއް ނުވާނެ. އަދި އެހާ ހިސާބުން ނިމުނީއެއް ނޫނޭ އިނގޭތޯ. ރައީސް ޔާމީންގެ ވެރިކަމުގައި އެ ދޫކުރި ރަށްތައް ނުއަގުގައި ދޫކޮށް އެ ލިބިވަޑައިގެންނެވި ފައިސާކޮޅުވެސް ހިފައިގެން ވަޑައިގެންނެވީ. އެވެސް ބަޖެޓްގައި ހުރިނަމަތާ މި ދަތި ހާލަތުގައި އަޅުގަނޑުމެންނަށް އެއިގެން ހަރަދު ކުރެވޭނީ،" ރައީސް ވިދާޅުވިއެވެ.

އެ ވާހަކަތަކަށް ރައްދު ދީ އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ފެށި ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށްޓަކައި ބޭއްވި އަގު ބޮޑު ރަސްމިއްޔާތުގައި ރައީސް ދެއްކެވީ އެމްޑީޕީގެ ފެންވަރުންވެސް ވަރަށް ދަށު ދަރަޖައިގެ ހުތުރު އަދި ނާތަހުޒީބު ވާހަކަފުޅުތަކެއް ކަމަށެވެ.

"ރައްޔިތުން ބިކަވެ ހާސްކަންމަތީ ތިބި ދަނޑިވަޅެއްގައި އެތައް މިލިއަން ރުފިޔާއެއް އިސްރާފު ކުރައްވައިގެން ކެމްޕޭނު ކުރެއްވުމަށް ރައީސް ސޯލިހް ތިލަދުންމައްޗަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅުތަކަކީ އާންމު އުސޫލުން އެމްޑީޕީގެ އެންމެ ދަށު ދަރަޖައިގެ އެކްޓިވިސްޓުން ދައްކާ ފަދަ ދެކޮޅު ނުޖެހޭ، ދެއުޅިއެއް ނެތް، ސާބިތު ނުހިފޭ އަދި ރޯ ބުހުތާނު ދޮގު ވާހަކަތަކެއް،"

ގައުމީ އިގްތިސާދާއި ވޭތުވެދިޔަ ފަނަރަ ވަރަކަށް އަހަރުގެ ދަރަނީގެ ހިސާބުތައް ވިދާޅުވުމުގައި ރައީސް ވިދާޅުވި އެއްޗަކާ އެ ހިސާބުތަކުން އެންމެނަށް ފެންނަންހުރި ހަގީގަތާ ދިމާ އިދިކޮޅު ކަމަށާ އިގްތިސާދީ އިލްމު ލިބިވަޑައިގެންފައި ނެތަސް ދައްކަވާ ވާހަކަފުޅުތަކުގައި އަރިހުގައި ގެންގުޅޭ ބަޔަކު ލިޔެފައި ދޭ އެއްޗެއް ވިދާޅުވުމުގައިވެސް އޭގައި ހުރި މައުލޫމާތާއި ހުލާސާތައް ސައްހަތޯ ބެއްލެވުމަކީ ރައީސެއްގެ ޒިންމާއެއް ކަމަށް އިދިކޮޅުގެ ބަޔާނުގައިވެއެވެ. ރައީސްގެ ވާހަކަފުޅުން ރައްޔިތުންނަށް ހާމަވެގެންދިޔައީ އެމަނިކުފާނަކީ ރާއްޖެފަދަ ތައުލީމީ އަދި ތަހުޒީބު މުޖްތަމައެއްގައި ވެރިކަން ކުރައްވާ ފެންވަރާއި ފަންވަރު ނެތް، އެފަދަ މަގާމަކަށް ކުފޫ ހަމަނުވާ ބޭފުޅެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

"މަތިންދާބޯޓުތައް ޗާޓާކޮށްގެން ކޮވިޑްގެ ތެރޭގައި ގައިގޯޅިކޮށް ރަތްދައްކާ އަވީގައި ކުޑަކުދިން ބައިތިއްބައިގެން ސަނާ ކިޔުއްވާ ރަސްކަލެއްހެން ހަތްކޮޅުގައި ރަށަށް ބާލަން މަޖުބޫރު ކުރުމުގެ އިތުރުން އަމިއްލަ ސޫރައިގެ ވިހިތިރީސް ފޫޓުގެ ބޮޑެތި ކުރެހުންތައް ރަށުތެރޭގައި ބަހައްޓައިގެން ކުރަމުންދާ އިސްރާފުތަކަކީ އެ ކަމަށްޓަކައި ރައްޔިތުން ދުވަހަކުވެސް އެމަނިކުފާނަށް މައާފުކުރާނެ ކަންކަމެއް ނޫން. އެކަމުގެ އަޒުލު ރައްޔިތުންގެ އަތްމަތިން ފުރަތަމަ ލިބިވަޑައިގަންނަވާނީ މާޗް 2021 ގައި. އަދި އެއަށްފަހު، ވަރަށް ހުތުރުގޮތެއްގައި ސެޕްޓެމްބަރު 2023 ގައި. ރައްޔިތުންގެ ފައިސާ އިސްރާފު ކުރައްވާ ދޮގު މައުލޫމާތު ދެއްވުމުގެ ބަދަލުގައި ގާނޫނު އަރާ ހަމަ ކުރާނެ ދުވަހަށް ތައްޔާރުވުން އެމަނިކުފާނަށް އައުލާކަން ބޮޑު ކަމުގައި ދެކެން،"

އެ ބަޔާނުގައި ރައީސް ޔާމީނާ މެދު ކުރެއްވި ތުހުމަތުތައް ސާބިތުކޮށްދެއްވުމަށް ރައީސް ސޯލިހަށް އެ ކޯލިޝަނުން ވަނީ ޗެލެންޖް ކޮށްފައެވެ. އަދި އެކަން ނުކުރެއްވޭ ނަމަ، އެމަނިކުފާނުގެ ވެރިކަން ނިމޭ ދުވަހަކުން އިންސާފާ ކުރިމަތިލާން ޖެހޭނެ ކަމަަށް ވަނީ ބުނެފައެވެ.

"އެ ދުވަހަކުން ކޯޓުގައި ހުންނަވައިގެންވެސް ސާބިތު ނުކޮށްދެއްވޭ ނަމަ ދިގު މުއްދަތަށް ޖަލުގެ ގޮޅީގައި މަނިކުފާނުވެސް އޮންނަވަންޖެހިވަޑައިގަންނަވާނެ ދުވަސް ގާތްވަމުން އަންނަކަން ދަންނަވާލަން. ނު ހައްގުން އަނިޔާވެރި ގޮތަކަށް ޖަލަށްލައިގެން މި ޕާޓީގެ ރައީސް ގެންގުޅުއްވާތާ އެއް އަހަރު ފުރެމުންދާކަން މިޕާޓީގެ އެއްވެސް މެންބަރެއްގެ ހަނދާނުން ދުވަހަކުވެސް ފިލައިގެން ނުދާނެކަން ވިސްނާވަޑައިގަތުން ބުއްދިވެރި. ބޭރުގެ އިސްތިއުމާރީ ބާރެއްގެ މަދަދާއި ފައިސާއިން، އަދި ގާނޫނު އަސާސީއާއި ގާނޫނުތައް މުގުރުގެ މަތީ ތާއަބަދު ވެރިކަމުގައި ހުންނެވޭނެކަމަށް ހީފުޅުކުރެއްވުމަކީ ބޮޑު ކުށެއް،"

ރައީސް ޔާމީން ވަޑައިގަތީ 85 ރަށުގެ ފައިސާ ހިއްޕަވައިގެން ކަމަށާ ގައުމު ނުހިންގެވިގެން އުޅުއްވަނީ އެހެންވެ ކަމަށް ރައީސް ސޯލިހް ވިދާޅުވި ނަމަވެސް ރައީސް ޔާމީން އެއްވެސް ފައިސާއެއް ހިއްޕަވައިގެން އެއްވެސްތާކަށް ވަޑައިގެންކަމީ ކަނޑައެޅިގެން ދޮގު ވާހަކައެއް ކަމަށްވެސް އެ ބަޔާނުގައިވެއެވެ.

މި ބަޔާނުގައި ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އިގްތިސާދަށް ގެނައި ބަދަލާއި ނިމިދިޔަ ދުވަސްތަކުގައި ރާއްޖޭގެ ދަރަނި ހުރި ގޮތް ތަފްސީލްކޮށް ދީފައެވެ. އަދި ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ފަހުން މިހާތަނަށް 45 ލޯނެއް ނެންގެވިއިރު އޭގެ ޖުމްލަ އަދަދަކީ 1.6 ބިލިއަން އެމެރިކާ ޑޮލަރު ކަމަށާ މިއީ ރައްޔިތުން ލަދުވެތިވާފަދަ ދަރަނީގެ ރެކޯޑެއް ކަމަށްވެސް ބުންޏެވެ.