މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރެވޭނީ އެކަމުން އަރައިގަތުމަށް ޕޮލިޓިކަލް ވިލްއާއެކު އެވިޑެންސްގެ މައްޗަށް ބިނާކޮށް ގައުމީ ޕޮލިސީ ހެދި އެއަށް އަމަލު ކުރެވިގެން ކަމަށް މަސްތުވާތަކެއްޗާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ ޖާނީން ބުނެފި އެވެ. އެ ޖަމިއްޔާއިން މިހެން ބުނެފައިވަނީ އެ ޖަމިއްޔާގެ 15 ވަނަ އަހަރީ ދުވަހާއި ގުޅިގެން ނެރުނު ނޫސްބަޔާނެއްގަ އެވެ.
ޖާނީން ބުނީ 1990 ގެ ކުރީކޮޅު ރާއްޖެއަށް ބާރުގަދަ މަސްތުވާތަކެތީގެ ބާވަތްތައް އެތެރެވެ ޒުވާނުން އޭގެ ވަކިތަކުގައި ޖެހި، އާއިލާތައް ރޫޅި، ދަރިން ބިކަވެ، ގޭންގު ކުށްތައް ގިނަވެ މަސްތުވާތަކެތީގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރެވެމުންދާ ކަމަށެވެ. އެއީ އެންމެންނަށް އެނގޭ ހަގީގަތެއް ނަމަވެސް އޭގެ ފަހުން މި ހިނގާދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި އެއްވެސް ސަރުކާރަކުން އެ ކަމަށް ހާއްސަ އަހަންމިއްޔަތު ކަމެއް ދީ ހުއްޓުވަން މަސައްކަތް ނުކުރުމުގެ ނަތީޖާއެއްގެ ގޮތުން މަސްތުވާތަކެތީގައި ވަބާގައި އެތަށް ބަޔަކު ޖެހިފައިވާ ކަމަށެވެ.
އެކަންކަން ހައްލު ނުވެ އެތަށް އަހަރެއް ފާއިތުވެގެން ގޮސްފައިވަނީ ސިޔާސީ ވެރިންނަށް ވޯޓް ލިބޭ ކަމަކަށް އެކަން ނުވާތީތޯ ސުވާލު އުފައްދާ މިދިޔަ 30 އަހަރު އެ މައްސަލައަށް އެދެވޭ އެއްވެސް ހައްލެއް އައިސްފައި ނުވަނީ އެެހެން ވެގެން ކަމަށް ޖާނީގެ ބަޔާނުގައިވެއެވެ. ރާއްޖެއަށް މަސްތުވާތަކެތީގެ ވަބާ ފެތުރުމުގެ މާ ފަހުން އަދި ރާއްޖެއަށްވުރެ މާބޮޑަށް ހާލަތު ގޯސްވި ގައުމުތަކުގެ ތެރެއިން ޕޯޗްގަލް އާއި އައިސްލެންޑް ފަދަ ގައުމުތަކުން އެ ވަބާއިން ސަލާމަތް ވުމުގައި ބޮޑެތި ކުރިއެރުން ހޯދާފައިވާކަންވެސް ވަނީ ފާހަގަކޮށްފައެވެ.
"އެ ގައުމުތަކުން އެ ކާމިޔާބު ހޯދީ ޕޮލިޓިކަލް ވިލްއާއެކު އެވިޑެންސްގެ މައްޗަށް ބިނާކޮށް ގައުމީ ޕޮލިސީ ހެދި ގައުމީ ކަމެއްގެ ގޮތުގައި ޕޮލިސީ ކާމިޔާބު ކުރުމަށް ހުރިހާ ފަންތިއެއްގެ ރައްޔިތުންނާއި ޕޮލިޓިކަލް ލީޑާސް މަސައްކަތް ކޮށްގެން. މި ގައުމުތަކުގެ ލީޑާޝިޕް އިން މަސައްކަތް ކުރީ ކެރިގެން ނަސްރު ހޯދަން،"
އެ ޖަމިއްޔާއިން ބުނީ ޖާނީ އުފެދުނީއްސުރެ މިދިޔަ 15 އަހަރު މަސައްކަތް ކުރީ މަސްތުވާތަކެތީގެ ތެރެއަށް ދާ ކުދިން ވީހާވެސް އަވަހަށް ދެނެގަނެ އެ ކުދިން އަލުން މުޖްތަމައުގެ ތެރެއަށް ގެނައުމަށް ކަމަށާ ނަމަވެސް ޒަމާނާ ގުޅޭ ރިސާޗް އަދި އެވިޑެންސްގެ މައްޗަށް ބިނާވެފައިވާ ގައުމީ ޕޮލިސީއެއް ނެތުމަކީ ރާއްޖެއަށް މި މައްސަލައިގެ ހައްލު ނުހޯދިވާ ސަބަބަށް ވުމަކީ އެކަށީގެންވާ ކަމެއް ކަަމަށެވެ.
"ތިރީސް ފަސް އަހަރުވެ އިތުރު ފަސް އަހަރުވެސް ވާނެ. ނަމަވެސް ޕޮލިސީއެއް ނެތި ދާނެ މިސްރާބެއް ކަނޑަނޭޅި ދެންވެސް ދާން ވެއްޖެނަމަަ ރާއްޖޭގެ އާއިލާތަކަށް ކުރިމަގުގައިވެސް ލިބޭނީ ދެރަ. މި ސަބަބުތަކަށް ބަލާ ޖާނީގެ 15 ވަނަ އަަހަރީ ދުވަހާއި ގުޅުވާ ނިކަމެތި ރައްޔިތުންނާއި ދަރިން މަސްތުވާތަކެތީގެ ދަލުން ސަލާމަތްކޮށް ކާމިޔާބު ހޯދުމަށްޓަކައި ތަފްސީިލީ ގައުމީ ޑްރަގް ޕޮލިސީ އެއް ހައްދަވާ ދެއްވާ ތަންފީޒު ކޮށް ދެއްވުމަށް ގޮވާލަން،" ޖާނީގެ ބަޔާނުގައިވެއެވެ.
އެ ޖަމިއްޔާއިން ބުނީ ޕޮލިސީ ހެދުމުގައި ރިސާޗް އަދި އެވިޑެންސްއަށް ބަލާ މަސްތުވާތަކެތި ކޮންޓްރޯލް ކުުރުމުގެ މައި މަސްދަރުތައް ނުވަތަ މައި ތިން ތަނބު ކަމަށްވާ ސަޕްލައި މަދު ކުރުމާއި ޑިމާންޑް ދަށް ކުރުމާއި ލިބޭ ގެއްލުން މަދު ކުރުން މުހިންމު ކަމަށެވެ.