އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ގިނަވަމުންދާއިރު އެފަދަ މައްސަލަތައް ބެލުމުގެ ހެޔޮ ނިޔަތެއް ސަރުކާރުގައި ނެތް ކަމަށް ވިދާޅުވެ މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ޖަމިއްޔަތުއް ސަލަފުގެ ރައީސް އަބްދުﷲ ބިން މުހައްމަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ދީނަށް ފުރައްސާރަ ކުރުމުގެ މައްސަލަތައް ރާއްޖޭގައި ދަނީ ކަންބޮޑުވާ މިންވަރަކަށް އިތުރުވަމުންނެވެ. އެފަދަ އަމަލުތައް ހިންގާ ބައެއް މީހުން އެކަން ކުރަމުންދަނީ އެއްވެސް ބިރެއް، ޖެހިލުމެއް އަދި ލަދުވެތި ކަމެއްވެސް ނެތިއެވެ. އެފަދަ އަމަލުތަކާއި ގުޅިގެން ރައްޔިތުން ނުރުހި ރުޅިވެރިކަމުގެ ބަސްތައް އުފުލަމުންދާއިރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އެޅުމާއި އެކަންކަން ހުއްޓުވުމުގައި ވަރަށް ބޮޑަށް ވަނީ ނުކުޅެދިފައެވެ. ނުވަތަ އެކަންކަން ހުއްޓުވަން ދަނީ ފަސްޖެހެމުންނެވެ.
މި ފަހުން އައްޑޫ ސިޓީއަށް ނިސްބަތްވާ ހައްދު ފަނައަޅާފައިވާ މީހަކު ސޯޝަލް މީޑިއާގައި ދަނީ ލަދެއް ނެތި އެ ފަދަ ވާހަކަތައް ދައްކަމުންނެވެ. އަދި މާތް ރަސޫލާއަށް ފުރައްސާރަ ރައްދުވާ ފަދަ ކުރެހުންތައްވެސް އޭނާ ދަނީ އާންމު ކުރަމުންނެވެ.
އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވާ ޝައިހް އަބްދުﷲ ވިދާޅުވީ އިސްލާމްދީނާއި މާތް ރަސޫލާއަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ގިނަވަމުންދާއިރު އެފަދަ މައްސަލަތައް ބެލުމުގެ ހެޔޮ ނިޔަތެއް ސަރުކާރުގައި ނެތް ކަމަށެވެ. ލާދީނީ މީހުންނަށް ހިމާޔަތްދީ، ދީނީ މީހުންނަށް ދަތިކޮށް ޖެއްސުން ކުރަމުންދާ ކަމަަށްވެސް ޝައިހް ފާހަގަ ކުރެއްވިއެވެ.
"އެމްޑީއެން މައްސަލަ ވެސް ހަދާފައި އެ އޮތީ ކޮމެޑީ ކޮންސެޓަކަށް،" އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު އެމްޑީއެން އުވާލި ކަމަށް ސަރުކާރުން ބުނި ނަމަވެސް އެ ޖަމިއްޔާއިން ހަރަކާތްތެރިވަމުންދާ ދިއުމަށް އިޝާރާތް ކުރައްވާ އަބްދުﷲ ވިދާޅުވިއެވެ.
މީގެ ކުރިން ނައިފަރަށް ނިސްބަތްވާ ހައްދު ފަނައަޅާފައިވާ އަންހެނަކު ވެސް ވަނީ އެކި ފަހަރު މަތިން އިސްލާމްދީން ގަބޫލު ނުކުރާ ކަމަށް ބުނެ ސޯޝަލް މީޑީއާގައި ތަފާތު ޕޯސްޓްތައް ކޮށްފައެވެ. އޭނާ ރާއްޖޭގައި ހުރެގެން އެފަދަ ކަންކަން ކުރަމުން ގެންދާތީ އޭނާ ހައްޔަރުކޮށް ފިޔަވަޅު އެޅުމަށް އެތަށް ބަޔަކު ގޮވާލިއެވެ. ނަމަވެސް ރާއްޖެ ދޫކޮށްދާކަަން އިއުލާނުކޮށް ބޭރުގެ އެހީއަށް އެދި އޭނާ ރާއްޖެއިން ފުރައިގެން ދިޔައިރުވެސް އެކަންކަން ހުއްޓުވަން، އަދި އޭނާ ހުއްޓުވަންވެސް ކަމާބެހޭ އިދާރާތަކުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. ބޭރުގައި ހުރެގެންވެސް އޭނާ ދަނީ ދީނަށް ފުރައްސާރަކޮށް ވީޑިއޯ އާންމު ކުރަމުންނެވެ.
ދާދި ފަހުން އިންޑިއާ މީހަކުވެސް ވަނީ މަސްތުގެ ހާލުގައި ހުރެ މަގުމައްޗަށް ނިކުމެ ދީނަށް ހުތުރު ބަސްތައް ރައްދުކޮށްފައެވެ. އެ މީހާ އެކަން ކުރީ ފުލުހުންގެ އެތަށް ބައެއްގެ ކުރިމަތީގައެވެ. ހައްދު ފަހަނަ އެޅި އެ މީހާއަށްވެސް ފިޔަވަޅު އެޅުމެއް ނެތި ފުލުހުން ބުނީ އޭނާ ޑީޕޯޓް ކޮށްލައިފި ކަމަށެވެ.