މުންކަރާތްތައް މަނާކުރަން ހާއްސަ ކޮމިޝަނެއް މުހިންމު ކަމަށާ އިސްލާމްދީނުގެ ހުކުމްތަކަށް އިހްތިރާމް ކުރުމުގެ ގާނޫނެއް ވެސް އޮންނަން ޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ އަދި ޖަމިއްޔަތުއްސަލަފުގެ ރައީސް އައްޝައިހް އަބްދުﷲ ބިން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝައިހް އަބްދުﷲ މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ބަންޑާރަ ނައިބު އޮފީހުން ރައީސް އޮފީހަށް ބިލެއް ފޮނުވުމާއި ގުޅިގެން އެކަމަށް އިޝާރާތް ކުރައްވައެވެ.
އަބްދުﷲ ވިދާޅުވީ ރާއްޖޭގެ ދާހިލީ މަސްލަހަތު ހިމާޔަތް ކޮށް އިޖްތިމާއީ ފޭރާން ވީދުނަ ނުދިނުމުގެ ގޮތުން ގުރްއާނާ ސުންނަތަށް އަމަލު ކުރަން ޖެހޭ ކަަމަށެވެ. އަދި ސްލާމްދީނުގެ ހުކުމްތަކަށް އިހްތިރާމް ކުރުމުގެ ގާނޫނެއްވެސް އޮންނަން ޖެހޭ ކަމަށެވެ. ޝައިހް ވިދާޅުވީ މުންކަރާތްތައް މަނާ ކުރުމަށްޓަކައި ހާއްސަ ކޮމިޝަނެއް ވެސް ރާއްޖޭގައި އޮތުން މުހިންމު ކަމަށެވެ.
ރާއްޖޭގެ ދާހިލީ މަސްލަހަތު ހިމާޔަތް ކޮށް އިޖްތިމާއީ ފޭރާން ވީދުނަ ނުދިނުމުގެ ގޮތުން ގުރްއާނާ ސުންނަތަށް އަމަލު ކޮށް އިސްލާމްދީނުގެ ހުކުމްތަކަށް އިހްތިރާމް ކުރުމުގެ ގާނޫނެއްވެސް އޮންނަން އެބަ ޖެހެ އެވެ. މީގެ އިތުރުން މުންކަރާތްތައް މަނާ ކުރުމަށްޓަކައި ހާއްސަ ކޮމިޝަނެއް ވެސް މުހިއްމެވެއައްޝައިހް އަބްދުﷲ ބިން މުހައްމަދު | ޖަމިއްޔަތުއްސަލަފުގެ ރައީސް
އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރުގެ ފަރާތުން މި ބިލު ހުށަހެޅީ، ރާއްޖޭގެ ގާނޫނުލްއުގޫބާތުގައި ބަޔާންކުރާ އަމަންއަމާންކަމާއި، ރައްކާތެރިކަމާއި، އަހުލާގީ މިންގަނޑުތަކާ ގުޅޭ ކުށްތަކުގެ ތެރޭގައި ރާއްޖޭގެ ޚާރިޖީ މަސްލަހަތަށް ގެއްލުންދިނުމުގެ އަމަލުތަކަކީ ވަކި ކުށެއްގެ ގޮތުގައި ކަނޑައެޅުމަށް ކަމަށެވެ.
އަދި އެ ކުށުގެ ގޮތުގައި ބެލެވޭނެ އަމަލުތައް ސާފުކޮށް ބަޔާންކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ބިލުގައި ހިމަނާފައިވާނެ ކަމަށް އެ ބަޔާނުގައި ބުނެ އެވެ.
ޖިނާއީ ކުށެއްގެ ގޮތުގައި ހުށަހަޅާފައިވާ ކަންކަން
- އެހެން ގައުމެއްގެ ދިދައަކަށް، ގައުމީ ރަމްޒަކަށް ނުވަތަ ނިޝާނަކަށް ގެއްލުން ދިނުން ނުވަތަ ބަދަލު ގެނައުން
- އެހެން ގައުމަކަށް ނިސްބަތްވާ މުއައްސަސާއަކަށް ގެއްލުންދިނުން ނުވަތަ ގެއްލުން ދިނުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ފުރައްސާރަކުރުމުގެ ގޮތުން އަނިޔާ ދިނުން ނުވަތަ އަނިޔާއެއް ދިނުމަށް ގޮވާލުން
- އެހެން ގައުމެއްގެ ރައްޔިތަކަށް ވީތީ ދިވެހިރާއްޖެ ދޫކޮށްދިޔުމަށް ގޮވާލުން
ކުރީގެ ރައީސް އިބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ކަމަށް ބުނެ "އިންޑިއާ އައުޓް" ގެ ނަމުގައި އަންނަނީ ކެމްޕޭނެއް ކުރަމުންނެވެ. މި ކެމްޕޭނަކީ ގައުމީ ސަލާމަތަށް ނުރައްކާވާފަދަ ކެމްޕޭނެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ގަރާރަކުން ކަނޑައަޅުއްވާފަ އެވެ.
އެ ގަރާރުގައި ބަޔާން ކުރައްވާފައިވާ ގޮތުގައި، މިއީ އެންމެހާ ބައިނަލްއަގްވާމީ މުއާހަދާތަކާ ވެސް ދެކޮޅު ހަރަކާތެކެވެ. މި ހަރަކާތުގެ ސަބަބުން ރާއްޖޭގެ އަމަންއަމާންކަން ނަގައިލައި، ރާއްޖޭގެ އިގްތިސޯދީ ރައްކާތެރިކަމާއި އިޖުތިމާއީ ނިޒާމުތަކަށް ބޮޑު ބުރައެއް އުފުލަން ޖެހޭނެ ކަމެއް ކަމަށް ގަބޫލުކުރެއްވޭ ކަމަށް ރައީސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ވަކިން ހާއްސަކޮށް ބައިނަލްއަގްވާމީ މައިދާނުގައި ރާއްޖެ އެކަހެރިވެ، އިތުބާރު ގެއްލި އަދި ދައުލަތުން ގެންގުޅެމުން އަންނަ ހާރިޖީ ސިޔާސަތުތައް ރޫޅުމުގެ އިތުރުން، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިގުލާލަށް ނުރައްކާ ކުރިމަތިވެދާނެ ކަމަށް ވެސް ފާހަގަކުރެއްވޭ ކަމަށް ބަޔާންކުރައްވާފައިވެ އެވެ.
އަދި މި ކެމްޕޭނު ނުހުއްޓެއްޖެނަމަ ރާއްޖޭގެ ރައްޔިތުންނަށް ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށާއި، ފޫނުބެއްދޭނެވަރުގެ ބޮޑު ގެއްލުމެއް ވެސް ލިބިދާނެ ކަމަށް މި ގަރާރުގައި ވަނީ ފާހަގަކުރައްވައިފަ އެވެ.