ހަބަރު

މަރުގެ އަދަބާ ގުޅިގެން އޭޖީ ދެއްކެވި ވާހަކަ ދިފާއުކޮށްފި

Nov 5, 2020
2

ރާއްޖޭގައި މަރުގެ ހުކުމް އުވާލެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމަށް ފަހު އެ ގޮތަށް ފެންނަ ނަމަ ކަމަށް ބަންޑާރަ ނާއިބު އިބްރާހިމް ރިފްއަތު ވިދާޅުވުމުން އަމާޒުވެފައިވާ ފާޑުކިއުންތައް އެޓާނީ ޖެނެރަލް (އޭޖީ) އޮފީހުން މިއަދު ދިފާއުކޮށްފި އެވެ.

ޔުނިވާސަލް ޕީރިއޮޑިކް ރިވިއުގެ ތިންވަނަ ސައިކަލްގައި ރޭ ކުރިއަށްދިޔަ ރާއްޖޭގެ ރިވިއު ސެޝަންގައި ބަންޑާރަ ނާއިބު ވިދާޅުވީ މަރުގެ ހުކުމް އުވާލުމަށް ބޭރުގެ ބައެއް ގައުމުތަކުން ރާއްޖެއަށް ގޮވާލާ ކަމަށެވެ. ނަމަވެސް އެކަމަކީ ގާނޫނު އަސާސީއަށް ބަދަލު ގެނެސް އަދި ރައްޔިތުންގެ ހިޔާލު ހޯދައިގެން ނޫނީ ކުރެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރުން މަޑުޖައްސާލާފައި އޮތް އޮތުން ދަމަހައްޓާނެ ކަމުގެ ޔަގީންކަން އޭޖީ ވަނީ ބޭރު ދުނިޔެއަށް ދެއްވާފައެވެ. ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ނުކުރާނެކަމަށް ފޮރިން މިނިސްޓްރީން 2018 ވަަނަ ވަނީ ބުނެފައެވެ. އެއީ މި ސަރުކާރު ވެރިކަމަށް އައިފަހުންނެވެ.

އެކަމާ ގުޅިގެން އަމާޒުވެފައިވާ ފާޑުކިއުންތައް ދިފާއުކޮށް، އޭޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ޔޫޕީއާރު އަކީ، ރިވިއުގެ ކޮންމެ ސައިކަލްއެއްގައި އެ ގައުމަކަށް ލިބޭ ރިކޮމެންޑޭޝަންތައް އެ ގައުމަކުން ތަންފީޒުކޮށްފައިވާ މިންވަރު، ޖެހިގެން އަންނަ ސައިކަލްގައި، ބައިނަލްއަގުވާމީ މުޖުތަމައުއަށް ތަފްސީލުކޮށްދޭންޖެހޭގޮތަށް ބައްޓަންކުރެވިގެން ކުރިއަށްގެންދާ ޕްރޮސެސްއެއް ކަމަށެވެ.

އެގޮތުން، ޔޫޕީއާރު ގެ މިހާރު މި ކުރިއަށްދާ ތިންވަނަ ސައިކަލްގައި ރާއްޖެއިން ހުށަހަޅަންޖެހެނީ، 2015 ވަނަ އަހަރު ކުރިއަށްދިޔަ ދެވަނަ ސައިކަލްގައި ރާއްޖެއަށް ލިބުނު ހުށަހެޅުންތައް ތަންފީޒުކުރެވިފައިވާ މިންވަރާއި އޭގެ ފަހުން ލިބިފައިވާ ކުރިއެރުންތަކަށް ކަމަށް ބުންޏެވެ.

އެ ބަޔާނުގައި ބުނީ ރާއްޖޭގައި މަރުގެ އަދަބު ދިނުން ހުއްޓާލައި، ގާނޫނުތަކުން މަރުގެ އަދަބު އުވާލުމަށް 25 ގައުމަކުން ހުށަހެޅުންތައް ލިބިފައިވާއިރު، އިއްޔެ ބޭއްވުނު ރިވިއު ސެޝަންގެ ކުރިން، ގައުމުތަކުން ރާއްޖެއަށް ފޮނުވާފައިވާ އެޑްވާންސް ސުވާލުތަކުގައިވެސް، މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ސުވާލުތަކެއް ކޮށްފައިވާ ކަމަށެވެ.

ބަންޑާރަ ނައިބުގެ ވާހަކަފުޅުގައި މަރުގެ އަދަބު އުވާލުމާ ގުޅޭގޮތުން ރާއްޖޭގެ ސިޔާސަތު ބަޔާންކޮށްފައިވަނީ، އެހެން ގައުމުތަކުގެ ހުށަހެޅުންތައް ލިބުމުގެ ކުރިން، މިކަމުގައި ރާއްޖޭގެ ސިޔާސަތު ބައިނަލްއަގުވާމީ މުޖުތަމައުއަށް ސާފުކޮށް ހާމަކޮށްދިނުމުގެ ގޮތުންކަމަށް އެ އޮފީހުން ބުންޏެވެ.

އެގޮތުން، ރާއްޖޭގެ ގާނޫނުތަކުގައި މަރުގެ އަދަބު ދެވޭގޮތަށް އޮންނަނީ، ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށްވެފައި، ގާނޫނުއަސާސީގައި އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް އެކުލަވައިނުލެވޭނެކަމަށް ބަޔާންކޮށްފައިވާކަން އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައި އެވެ.

"އެޓާނީ ޖެނެރަލްގެ އެ ވާހަކަފުޅަކީ ދިވެހިރާއްޖޭގައި މަރުގެ އަދަބު ކަނޑައެޅުން ހުއްޓާލުން، އެއީ މުސްތަހީލުކަމެއްކަން ބައިނަލްއަގުވާމީ މުޖުތަމައުއަށް ސާފާކޮށްދެއްވުމަށް ދެއްކެވި ވާހަކަފުޅެއް،" އޭޖީ އޮފީހުން ބުނެފައިވެ އެވެ.

އަދި ރާއްޖެއަކީ އިސްލާމީ ގައުއުމަކަށްވެފައި، އިސްލާމް ދީނުގެ އަސްލަކާ ހިލާފު ކަންކަމަށް ރާއްޖޭގައި ޖާގަ ދެވިގެން ދިއުމަކީ ރައްޔިތުން ބޭނުންވާނެ ކަމެއް ކަމަށް ނުވާތީ، ސަރުކާރުގެ މަރުގެ އަދަބާގުޅޭ ސިޔާސަތަކީ ގާނޫންއަސާސީ އާއި ގާނޫނުތަކުގައި ބިންވަޅު ނެގިފައިވާގޮތްކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

"އެހެންނަމަވެސް، ދިވެހިރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރަން ފެށުމަށްވުރެ ކުރިން ދިވެހިރާއްޖެއިން ފުރަތަމަ އިސްކަންދޭނީ، ވަކިފަރާތަކަށް ނުޖެހޭ، މިނިވަން، އަދި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ އަދުލު އިންސާފުގެ ނިޒާމެއް ގާއިމްކުރުމަށް،" އެ ބަޔާނުގައި ބުންޏެވެ.

އޭޖީ އޮފީހުން ބުނީ މަރުގެ އަދަބާ ގުޅޭގޮތުން މީގެ ކުރިންވެސް ރާއްޖޭގެ ސިޔާސަތު ބައިނަލްއަގުވާމީ މައިދާނުގައި ހާމަކޮށްފައިވާއިރު، އިއްޔެގެ ބައްދަލުވުމުގައި ގައުމުތަކުން އައި ހުށަހެޅުންތަކުގެ އަލީގައި އެކަމުގައި ރާއްޖޭން ވަކި ކޮޅެއް ނަގަންޖެހޭނީ އަންނަ މަހުގެ 14 ވަނަ ދުވަހުން ކުރިން ކަމަށް ބުނެފައިވެ އެވެ.

"ނަމަވެސް ސެޝަން ފެށުމުގެ ކުރިންވެސް މި ސަރުކާރުން އިޢުލާންކޮށްފައިވާ ފަދައިން، މި ސެޝަންގައި ދިވެހިރާއްޖެއަށް ލިބޭ ހުށަހެޅުންތަކުގެ ތެރެއިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީއާއި، އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ހުށަހެޅުމެއް ދިވެހިރާއްޖެއިން ބަލައެއް ނުގަންނާނެ،" އޭޖީ އޮފީހުގެ ބަޔާނުގައި ބުންޏެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް ވިދާޅުވި އެވެ. އޭރު ނިންމާފައިވަނީ ލީތަލް އިންޖެކްޝަން ޖަހައިގެން ނުވަތަ ދަން ޖައްސައިގެންނެވެ. އަދި މަރުގެ އަދަބު ދިނުމާ ގަވާއިދެއް ވެސް އޭރުގެ ސަރުކާރުން އެކުލަވާލާފައިވެ އެވެ.

ނަމަވެސް އެ ސަރުކާރު ބަދަލުވެގެން ދިޔައިރުވެސް އެކަމަށް އަަމަލީ ސިފަ ނެގެވިފައެއް ނުވެއެވެ.

މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި، ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ތިން މީހުންނެވެ. އެއީ، ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި 2012 ވަނަ އަހަރު ގާނޫނީ ވަކީލް
އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވި، ގ. ރީފް މުހައްމަދު ނަބީލެވެ.