ނަފްރަތުގެ އަމަލުތަކަކީ ކުށެއް ކަމުގައި ކަނޑައެޅުމަށްޓަކައި ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުން ހުށަހަޅާފައިވާ ބިލާގުޅޭ ގޮތުން ކަމާބެހޭ މިނިސްޓްރީތަކުގެ ވެރިންނާއި އިސްލާމީ ޝަރީއާގެ ދާއިރާގެ އީލްމީ ބޭފުޅުންނާ ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު މިއަދު ބައްދަލުކުރައްވާ މަޝްވަރާ ކުރައްވައިފި އެވެ.
ބަންޑާރަ ނާއިބުގެ އޮފީހުން ބުނީ މި ބައްދަލުވުމުގައި މަޖިލީހުގެ ޖުޑީޝަރީ ކޮމީޓީން ފާސް ކޮށްފަައިވާ ބިލުގެ ދެލިކޮޕީއާމެދު މަޝްވަރާކޮށްފައިވާ ކަމަށެވެ. އަދި އެ ބިލު އިތުރަށް ފުރިހަމަ ކުރުމަށްޓަކައި ގެނެވިދާނެ ބަދަލުތައް ބައްދަލުވުމުގެ ބައިވެރިންވަނީ ހުށައަޅާފައިވާ ކަމަށެވެ.
މިއީ ސިލްސިލާ ގޮތެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ބައްދަލުވުންތަކެއް ކަމަށްވެސް ވަނީ ބުނެފައެވެ.
ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ހުށަހަޅުއްވާފައިވާ "ހިސާން ބިލް" ސަރުކާރުން ހުށަހެޅި ގޮތަށް ފާސްކުރަން މިހާރު ބޭނުން ނުވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދާދި ފަހުން ވަނީ ވިދާޅުވެފައެވެ.
އޮގަސްޓް 11 ގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ރައީސް ވިދާޅުވީ ސަރުކާރުން މަޖިލީހަށް ފޮނުވާ ކޮންމެ ބިލަކީ އެ އޮތްގޮތަށް ފާސްވާންޖެހޭ ބިލެއް ނޫން ކަމަށާއި އިސްލާހުކުރަންޖެހޭ ކަންކަން ބިލްގައި ހުންނާނެ ކަމަށެވެ. އަދި ބައެއް ބިލްތައް މަޖިލީހަށް ފޮނުވުމަށް ފަހު، އަނބުރާ ގެނެސްފައި ވެސް ހުންނާނެ ކަމަށާއި އެއީ މިހާރު އެކަނި އެކަން ހިނގާ ގޮތް ނޫން ކަމުގައިވެސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އެ ބިލް މަޖިލީހަށް ފޮނުވި ފަހުން އާންމުންގެ ފަރާތުން ލިބުނު ހިޔާލުތަކަށް ވިސްނާލެއްވުމުން ބިލަށް އިތުރު އިސްލާހުތަކެއް ގެންނަންޖެހޭ ކަން އެނގިވަޑައިގެންނެވި ކަމަށެވެ. އެހެންވެ ބިލްގެ ކޮމިޓީ މަރުހަލާގައި ސަރުކާރުން އިސްލާހުތަކެއް ހުށަހެޅި ކަމަށާއި ކޮމިޓީގައި ބައެއް އިސްލާހުތައް ގެނެސްފައި ހުރިކަން ގަބޫލުކުރައްވާ ކަމުގައިވެސް ވިދާޅުވި އެވެ.
"އެހެންވީމަ، އެ ބިލް ސަރުކާރުން އޭރު ފޮނުވި ގޮތަށް ފާސްކުރުމަކީ އަޅުގަނޑު އެދޭ ކަމެއް ނޫން. އެއަށް ގަންނަންޖެހޭ އިސްލާހުތައް އަދިވެސް އެބަހުރި. އެ އިސްލާހުތަކާ އެކީގައި ފާސްވެގެން ދިއުން އަޅުގަނޑު އެދެނީ،" ރައީސް ސޯލިހް ވިދާޅުވި އެވެ.