އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނާ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމަށް ނިންމައިފި އެވެ.
އެޓާނީ ޖެނެރަލްގެ އޮފީހުން މިރޭ ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ނަފްރަތުގެ އަމަލު ހިންގުމަކީ ކުށެއް ކަމަށް ކަނޑައެޅުމަށްޓަކައި ގާނޫނުލްއުގޫބާތަށް ގެންނަންޖެހޭ އިސްލާހުތައް ގެނައުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ބިލެއް ހުށައަޅާފައިވާއިރު އެ ބިލާއި ގުޅިގެން އާންމުންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަށްޓަކައި ގާނޫނުލް އުގޫބާތަށް އިސްލާހު ގެނައުމުގެ އިތުރު ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށައެޅުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް މިއަދު ފޮނުވާފައިވާ ކަމަށެވެ.
ސަރުކާރުން މި ބިލް ހުށައެޅުމުގެ ބޭނުމަކީ ގާނޫނުލް އުގޫބާތުގެ 617 ވަނަ މާއްދާގައި މިހާރުވެސް އެކުލެވޭ ކުށެއް ކަމުގައިވާ "އިސްލާމްދީނާ އިދިކޮޅު އަމަލުތައް" އިތުރަށް ތަފްސީލު ކޮށްދީ އެ ކުށުގެ އަމަލުތަކުގެ ތެރޭގައި އިސްލާމްދީނަށް ފުރައްސާރަ ކުރުމުގެ އަމަލުތައް ވަކިން ހިމަނާ އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއްކަން ސާފުވާ ގޮތަށް އެ މާއްދާގައި ބަޔާން ކުރުމަށްޓަކައި އެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުައް ގެނައުން ކަމަށެވެ.
އެ ގޮތުން މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން ނުވަތަ އެ ނޫންވެސް ގޮތަކުން އާންމުންގެ ކުރިމަތީގައި އިސްލާމްދީނަށް ތަައުހީނު ކުރުމުގެ -- ފުރައްސާރަކުރުމުގެ -- ނިޔަތުގައި ބަހުން ނުވަތަ އަމަލުން އިސްލާމްދީނަށް ފުރައްސާރަ ކުރުމަކީ ކުށެއް ކަމުގައި ކަނޑައެޅިގެން ބަޔާން ކުރުމަށް އެ ބިލްގައި ހުށައަޅާފައިވާނެ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.
ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުށައެޅިން ހުށަހަޅުއްވާފައި ވަނީ ގާނޫނުލް އުގޫބާތުގައި ހިމެނޭ ނަފުރަތުގެ އަމަލު ހިންގުމުގެ ބަޔަށް އިތުރު ބައިތަކެއް އިތުރު ކުރާށެވެ.
އެގޮތުން އާންމު ތަނެއްގައި ވަކި މީހަކީ އިސްލާމްދީނާ ހިލާފަށް އުޅޭ ނުވަތަަ އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުމާއި އިސްލާމީ އަގީދާއާ ގުޅުވައި މުޖުތަމައުގައި މީހަކާމެދު ނަފްރަތު އުފެއްދުން އުފެއްދުން ކުށަކަށް ހަދަން ވަނީ ހުށަހަޅައިފަ އެވެ.
ހަމަ އެހެންމެ އާންމުތަނެއްގައި މުސްލިމަކު ކާފަރު ކުރުން ސިފަކުރުން ނުވަތަ ސިފަ ކުރުމުގައި ބައިވެރިވުން ނުވަތަ އާންމު ތަނެއްގައި މުސްލިމަކު ކާފަރެއް ކަމަށް ތުހުމަތު ކުރުން ވެސް ކުށަކަށް ވާނެ އެވެ. ބިލްގައިވާ ގޮތުން މި ހުރިހާ ކުށަކީ ވެސް ޖުނާހުގެ އެއްވަނަ ދަރަޖައިގެ ކުށެކެެވެ. އެ ކުށުގެ އެންމެ ބޮޑު އަދަބަކަށް އަންނާނީ އެއް އަހަރުގެ ޖަލު ހުކުމެކެވެ
މުސްލިމަކު ކާފަރުކޮށް އެ މީހާއާމެދު އަނިޔާވެރި ވުމަށް ހިތްވަރުދީ ނުވަތަ އެކަމުގައި ބައިވެރިވެ އަދި އަނިޔާއަށް ދިނުމަށް ރޭވުމަކީ ޖިނާޔަތުގެ ފަސް ވަނަ ދަރަޖައިގެ ކުށަކަށް ހަދަން ވެސް ބިލުގައި ވަނީ ހިމަނައިފަ އެވެ. އެ ދަރަޖައިގެ ކުށަކަށް އެންމެ ގިނަވެގެން އަންނާނީ ދެ އަހަރު ދުވަހުގެ ޖަލު ހުކުމެވެ.