ސަލަފް ޖަމިއްޔާ

ސަލަފްގެ "ރަތްރޮނގު" ދަރުސް ހުކުރު ދުވަހުގެ ރޭ

ޖަމިއްޔަތުއް ސަލަފްގެ ބޮޑު ދަރުސް ސިލްސިލާގެ އިތުރު ދަރުހެއް ހުކުރު ދުވަހުގެ ރޭ ބޭއްވުމަށް ނިންމާ އެކަން އިއުލާނު ކޮށްފި އެވެ.

ދިވެހީންގެ ދީނީ ހޭލުންތެރިކަމަށް އެންމެ ބޮޑު މަސައްކަތެއް ކުރަމުންދާ އަމިއްލަ ޖަމިއްޔާ ކަމަށްވާ ޖަމިއްޔަތުއް ސަލަފުން ގެންދަނީ ދީނީ ހޭލުންތެރިކަން އިތުރު ކުރަން ގިނަ ޕްރަގްރާމްތަކެއް ހިންގަމުންނެވެ. އާންމުންގެ އެންމެ ބޮޑު ތަރުހީބެއް އޮންނަނީ ދޭތެރެ ދޭތެރެއިން ބާއްވަމުން އަންނަ ބޮޑު ދަރުސްތަކަށެވެ.

އެ ދަރުސްތަކަކީ ވަރަށް މުހިންމު މައުލޫތަކަށް ހާއްސަކޮށްގެން ބޮޑެތި މައިދާންތަކުގައި ބާއްވަމުންދާ ދަރުހެކެވެ. މިފަހަރުގެ ދަރުސް ހާއްސަކޮށްފައިވަނީ އުންމަތުގެ ނަބިއްޔާ އަދި ރަސޫލާ صلى الله عليه وسلم އެވެ. ދަރުސްގެ މައުލޫއަކީ "ރަތް ރޮނގު" މި މައުލޫއެވެ. ދަރުސް އޮންނާނީ ހުކުރު ދުވަހުގެ ރޭ އަލިމަސް ކާނިވާ ސްޓޭޖް ސަރަހައްދުގައެވެ. ދަރުސް ދެއްވާނީ އައްޝައިހް އަބްދުއްސަލާމް ބިން ދާއޫދެވެ. ޝައިހް ސަލާމްއަކީ ދިވެހީންގެ މެދުގައި ވަރަށް މަގުބޫލު އިލްމުވެރިއެކެވެ. ޝައިހްގެ ދަރުސްތަކާއި ދީނީ ވާހަކަތަކަށް އާންމުންގެ ވަރަށް ބޮޑު ސަމާލު ކަމެއް އޮވެއެވެ.

މިފަދަ ދަރުހެއް ސަލަފުން އިންތިޒާމު ކޮށްފައި މިވަނީ އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިއްޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ހައްދުފަަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ދެ އޮފިޝަލަކު ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރިކުރުން ކުށްވެރިކޮށް މުޅި އިސްލާމީ އުންމަތް އެކަތިގަނޑެއްހެން ތެދުވެފައިވަނިކޮށެވެ.

އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި ސަލަފު ޖަމިއްޔާއިން ކުރީން ވަނީ ނޫސް ބަޔާނެއްވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނެފައިވަނީ ކީރިތި ރަސޫލާ އަކީ, ޖަހާލަތުގެ އަނދިރިކަމުން އިލްމާއި އަހްލާގިއްޔާތަށް މީސްތަކުން ނެރެދެއްވުމަށް މާތް ﷲ ފޮނުއްވި އެ އިލާހުގެ މިތުރު ކަމުގައި ވީހިނދު މުސްލިމުންގެ ޖާނާއި މާލާއި މައިންބަފައިންނާއި އަނބިދަރިންނަށް ވުރެވެސް ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވުމީ އީމާންކަން ލާޒިމު ކުރާ ކަމެއް ކަމަށެވެ. އެކަމަށްޓަކައި އެކަލޭގެފާނުގެ ހައްގަށް އަރައި ގަންނަ ކޮންމެ މީހަކަށް ނަފުރަތުކޮށް އެކަލޭގެފާނު ދިފާއުކުރުމުގެ ގޮތުން އެކަމަށް އިންކާރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއް ކަމުގައި ވީހިނދު މި ގައުމުގެ އެންމެހައި ސިޔާސަތުތަކެއް އެތުރިފައި އޮންނަން ޖެހޭނީ އިސްލާމީ ކަރާމަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ މައްޗަށްކަން ކަށަވަރެވެ. އެއަށްވުރެ މަތީ އިސްކަމެއް ދޭންޖެހޭ އެއްވެސް ގުޅުމެއް އަދި އެއްވެސް މަސްލަހަތެއް އޮވެގެން ނުވާނެއެވެ،" ސަލަފުގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރަމުންދާ ހިނދުގައިވެސް އެކަމަށް ފަރުވާލެއް ނެތި އެފަދަ ފަރާތްތަކުގެ މަސްލަހަތަށް އިސްކަން ދިނުމީ ދިވެހި ދައުލަތުގެ އެންމެ އަސާސީ ބަހާކަމުގައިވާ މި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދުނިޔެވީ މަގުސަދަކަށްޓަކައި ކަތިލުން ކަމަށެވެ. މާތް ﷲ ވަނީ ﷲ އާއި އެ އިލާހުގެ ރަސޫލާގެ މައްޗަށް އެހެން ފަރާތްތަކާ އޮންނަ ގުޅުންތައް އިސްކުރާ މީހުންނަށް އިންޒާރުގެ ބަސް ވަހީކުރައްވާފައި ކަމަށް ބަޔާންކޮށް އެކަމުގެ މިސާލު ގުރުއާނުން ގެނެސްދީފައިވެއެވެ.

ސަލަފުން ބުނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ބައެއް އިސްމީހުން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރިކުރުން ކުށްވެރިކޮށް އިސްލާމީ ގައުމުތަކާއި ބައިނަލްއަގްވާމީ އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކާއި ދީނީ އިލްމުވެރިންނާއި ވަކިވަކި އަފުރާދުން ބަޔާންތައް ނެރެ އިންޑިއާ ބޮއިކަޓް ކުރަން ގޮވަމުންދާ މި ދަނޑިވަޅުގައި އިސްލާމީ އުންމަތާއެކު ކީރިތި ރަސޫލާގެ ދިފާއުގައި ދިވެހި ރައްޔިތުން ތިބި ތިބުމުގެ މައްޗަށް ޝުކުރު އަދާކޮށް ހިތްވަރުދޭ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅާފައިވާ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންގެ ލާދީނީ ރިޕޯޓުގައި ރަސޫލާގެ އަބުރުފުޅަށް އަރައިގަތުމުންވެސް ދިވެހި ރައްޔިތުން ވަނީ މި ނަމޫނާ ދައްކާފައި ކަމަށެވެ.

"ވީމާ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނާއި ބައެއް އިސްމީހުން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރިކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހާލު އެފަދަ ޖަރީމާއެއް ހިންގަން ގަސްދުކޮށްފި ކޮންމެ މީހަކާއި އެ ކަމަށް ވާގިދިން ކޮންމެ ބަޔަކާ ދެކޮޅަށް ކީރިތި ރަސޫލާގެ ހައްގުގައި ތެދުވަންޖެހިއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް ތައްޔާރަށް ތިބުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ޖަމިއްޔަތުއްސަލަފުން އިލްތިމާސް ކުރަމެވެ،" ސަލަފުގެ ބަޔާނުގައިވެއެވެ.

ސަލަފުން އެންމެ ފަހުން ބޭއްވި ބޮޑު ދަރުހަކީ "ދެ މޫނު" ގެ ނަމުގައި ބޭއްވި ދަރުހެކެވެ. އައްޝައިހް އަހުމަދު ސަމީރު ދެއްވި މި ދަރުސް އަޑުއެހުމަށް އެތައް ބަޔަކު ހާޒިރުވެފައިވެއެވެ. އަދި ސޯޝަލް މީޑިއާއެކު އެކި ވަސީލަތްތަކުން މި ދަރުސް އެތައްހާސް ބަޔަކު ވަގުުތުން ބަލާފައިވެއެވެ.