ކީރިތި ރަސޫލާ / ކީރިތި ނަބިއްޔާ

ނަބިއްޔާއަށް އޮތް ލޯބި ދިވެހިން ދައްކުވައިފި

އިންޑިއާގައި މިހާރު ވެރިކަންކުރާ ބާރަތިއްޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ ހައްދުފަަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ދެ އޮފިޝަލަކު ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރިކުރުން ކުށްވެރިކޮށް ދިވެހީން އެކަމާއި ދެކޮޅަށް ތެދުވެ އަޑުއުފުލައިފި އެވެ. ދިވެހީންގެ ހިތްތަކުގައި މާތް ނަބިއްޔާއަށް ލޯތްބާއި އެ ނަބިއްޔާގެ ދިފާއުގައި ތިބިކަން ހާމަކޮށް ދިނުމުގެ ގޮތުން މިއަދު ހަވީރު ވަނީ ސައިކަލު ބުރެއް ބާއްވާފައެވެ.

ދެ ޖިންސުގެ އެތައް ސަތޭކަ ބަޔަކު ބައިވެރިވި ސައިކަލް ބުރުގައި ބީޖޭޕީގެ ހައްދުފަަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ދެ އޮފިޝަލަކު ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރިކުރުން ވަރަށް ބޮޑަށް ކުށްވެރިކޮށްފައިވެއެވެ. އެފަދަ ޝުއޫރުތައް ލިޔެފައިވާ ބޯޑްތައް ބޭނުންކޮށްފައިވެއެވެ.

ސައިކަލް ބުރު ކުރިއަށް ގެންގޮސްފައިވަނީ ރަސްފަންނުން ފެށިގެން އުސް ފަސްގަނޑު ސަރަހައްދަށެވެ. ސައިކަލު ބުރު ނިންމުމުގެ ގޮތުން ބައެއް އިލްމުވެރިން ވަނީ ރަސޫލާ صلى الله عليه وسلم ގެ މާތްކަމާއި މަތިވެރިކަން އަދި ނަބިއްޔާއަށް މުސްލިމެއްގެ ހިތުގައި އޮންނަން ޖެހޭ މަތިވެރި ލޯބި ބަޔާންކޮށްދެއްވިއެވެ.

ސައިކަލް ބުރު ކުރިއަށް ގެންގޮސްފައިވަނީ ދެ ޖިންސު ވަކީންނެވެ. އިލްމުވެރިންނާއި ސިޔާސީ ބައެއް ބޭފުޅުންވެސް މި ސައިކަލް ބުރުގައި ބައިވެރިވެފައިވެއެވެ.

ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރި މައްސަލާގައި މުޅި އިސްލާމީ އުންމަތް ނުރުހުން ފާޅުކުރަމުންދާ ދަނޑިވަޅުގައި އިއްޔެގެ ހުކުރު ހުތުބާ ހާއްސަކޮށްފައިވަނީވެސް "ކީރިތި ރަސޫލާ صلى الله عليه وسلم ދެކެ ލޯބިވުން" މި މައުލޫއަށެވެ. މުޅި ރާއްޖޭގައި އިއްޔެ އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ނަބީބޭކަލުންނަށް ފުރައްސާރަ ކުރުމަކީ އިއްޔެއަކު އަދަކު ކުރިމަތިވެގެން އުޅޭ އާ ކަމެއް ނޫން ކަމަށާ މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަ ކުރި ބަޔަކު ވާ ކަމަށެވެ. އަދި އެފަދަ އިން ފުރައްސާރަކުރި ފުރައްސާރަވެރީން ނިކަމެތި ކުރައްވާ މާތްﷲ އެ ބޭކަލުންނަށް ނަސްރު ދެއްވި ކަމަށެވެ.

ކީރިތި ރަސޫލާ صلى الله عليه وسلم ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށާ ކޮންމެ މީހަކަށްވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ކުރަން ޖެހޭ ކަމަށްވެސް ހުުތުބާގައި ބުނެފައިވެއެވެ.

ނަބިއްޔާގެ ހަޔާތްޕުޅުގައި އެކަލޭގެގާނުގެ ސަހާބީން ޖާނާއި މާލުން އެކަލޭގެފާނު ދިފާއު ކުރެއްވެވި ކަމަށާ އުހުދު ހަނގުރާމައިގެ ދުވަހު ﷲ ރުއްސުންލެއްވި ތަލްހަތު ބުނި އުބައިދުﷲ އެކަލޭގެފާނުގެ ހަށިކޮޅުގެ އެތަންމިތަނަށް މުޝްރިކުންގެ ތީރުތައް އަމާޒުވެ އަތްޕުޅުން ވާގިދޫވެ ކަނދުރާފުޅަށް ތީރެއް އަމާޒުވެ ޝަހީދުވެވަޑައިގަންނަވަންދެން ހިތްވަރާއެކު ދެމި ހުންނެވި ކަމަށެވެ.

ހުތުބާގައި ބުނެފައިވަނީ ކީރިތި ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަތުމަކީ ސުވަރުގެ ވަދެވެން އޮތް މަގު ކަމަށެވެ.

ބީޖޭޕީގެ ހައްދުފަަހަނައަޅާފައިވާ ހަރުކަށި ފިކުރުގެ ދެ އޮފިޝަލަކު ރަސޫލާ صلى الله عليه وسلم އަށް ފުރައްސާރަ ކުރިކުރުން ދިވެހި ސަރުކާރުންވެސްް ވަަނީ ކުށްވެރިކޮށްފައެވެ. އަދި ސިޔާސީ ހުރިހާ ޕާޓީތަކުންވެސް ވަނީ އެކަމާ ދެކޮޅަށް ބަޔާން ނެރެފައެވެ.

ފޮރިން މިނިސްޓްރީން އިނގިރޭސި ބަހުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ އިސްލާމްދީނުގެ ހަގީގީ ތަބީއަތާއި އުނގަންނައިދިނުންތައް ފުނޑުފުނޑުކޮށްލުމަށް ކުރާ ހުރިހާ ކަމެއް އަދި އެއްވެސް އަމަލެއް ދިވެހި ސަރުކާރުން ބަލައިނުގަންނާނެ ކަމަށެވެ. އަދި އެފަދަ ކޮންމެ އަމަލެއް އެއްވެސް ޝައްކެއް ނެތް ގޮތުގައި ކުށްވެރި ކުރާ ކަމަށެވެ.

އިންޑިއާގެ ބީޖޭޕީގެ ބައެއް އޮފިޝަލުން ކީރިތި ރަސޫލާ މުހައްމަދު (ޞޢވ) އާއި އިސްލާމްދީނަށް ފުރައްސާރަކޮށް ދެއްކެވި ފުރައްސާރައިގެ ވާހަކަތަކުގެ ސަބަބުން ދިވެހި ސަރުކާރުން ވަރަށް ބޮޑަށް ކަންބޮޑުވާ ކަމަށްވެސް ބުނެފައިވެއެވެ.

ޕީޕީއެމްގެ ބަޔާނުގައި ބުނެފައިވަނީ ބީޖޭޕީގެ ތަރުޖަމާންގެ ވާހަކަތަކަކީ އިންޑިއާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ކަންކަމަށް އިތުރުކުރި އަމަލެއް ކަމަށެވެ. އިންޑިއާގައި ދިރިއުޅޭ މުސްލިމުން އަމާންރައްކާތެރި މާހައުލެއް ކަށަވަރުކޮށްދިނުމަށްވެސް ޕީޕީއެމުން ގޮވާލާފައިވެ އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބީޖޭޕީގެ ތަރުޖަމާނުގެ ވާހަކަތަކަކީ މުސްލިމުންނަށް ދިން އަނިޔާއެއް ކަމަށެވެ.

އެމްއެންޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ބާރަތިޔާ ޖަނާތާ ޕާޓީ (ބީޖޭޕީ) ގެ ތަރުޖަމާން ނުޕުރް ޝަރްމާ އިސްލާމް ދީނާއި ކީރިތި ރަސޫލާގެ ޒާތުފުޅަށް ބަދުބަސް ބުނެ އެކަލޭގެފާނުގެ ކައިވެނި ފުޅުތަކާއި ގުޅޭގޮތުން ދެއްކި ވާހަކަތަކަކީ ކަނޑައެޅިގެން އިސްލާމްދީނާ ދެކޮޅަށް ދައްކާފައިވާ ވާހަކަތަކެއް ކަމަށެވެ. އަދި މިވާހަކަތަކަކީ މިއުއްމަތުގެ މާތް ނަބިއްޔާގެ އިތުރުން މުޅި އިސްލާމީ އުންމަތާއި ދެކޮޅަށް ބުނެފައިވީ ބަސްތަކެއް ކަމުން އެކަން މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރި ކުރާ ކަމަށެވެ.

"‎ކީރިތި ރަސޫލާއަކީ މުޅި އިސްލާމީ އުއްމަތާއި އެތައް ސަތޭކަ މިލިޔަން މުސްލިމުންނެއްގެ އިތުރުން އެތަކެއް ގައިރު މުސްލިމުންގެ ލޯތްބާއި ގަދަރުލިބިގެންވާ މާތް ޝަހުޝިއްޔަތެއް ކަމުގައި ވީހިނދު ކީރިތި ރަސޫގެ ޒާތުފުޅަށް ބަދުބަސް ބުނުމަކީ އެއްވެސް މުސްލިމަކަށް ތަހައްމަލު ކޮށް ކެތްކުރެވޭނޭ ކަމެއްކަމަށް ނުވާހިނދު އެންމެހާ މުސްލިމުންގެ ކިބައިން މާފަށް އެދުމަށް އިންޑިޔާ އަށާއި އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީ ޕާޓީއަށް ގޮވާލަމެވެ،" އެމްއެންޕީގެ ބަޔާނުގައިވެއެވެ.

‎އިސްލާމްދީނަކީ އެންމެ މާތް އެންމެ މަތިވެރި ދީން ކަމަށާ ކީރިތި ރަސޫލާ އަކީ މުޅި އުންމަތަށް ރަހުމަތެއް ކަމުގައި ފޮނުއްވި މާތް ސާހިބާ ކަމުން އިންޑިޔާގައި ދިރިއުޅޭ އެތައް މިލިޔަން މުސްލިމުންނާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އުޅޭ މުސްލިމުންގެ ހައްގުތައް ރައްކާތެރިކޮށް މިފަދަ ސާބިތު ނުހިފޭ ވާހަކަ ކުރިޔަށް އޮތް ތަނުގައިވެސް ތަކުރާރު ނުކުރުމަށް ބީޖޭޕީ އަށް އެމްއެންޕީން ވަނީ ގޮވާލާފައެވެ.

މޯލްޑިވްސް ރީފޯމް މޫވްމަންޓް (އެމްއާރްއެމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މާތް ނަބިއްޔާ އަކީ މުސްލިމުންގެ އިތުރުން ދުނިޔޭގެ އެކިކަންކޮޅުތަކުން ގިނަ އަދަދެއްގެ ޣައިރު މުސްލިމުން ވެސް ނުހަނު ލޯބިވާ އަދި އަދަބު އިހްތިރާމު ކުރާ މުޅި އިންސާނިއްޔަތަށް ފޮނުއްވުނު އެންމެ ލާމަސީލު ނަމޫނާ އަށްވީ ހިނދު އެކަލޭގެފާނާ ބެހޭގޮތުން ބޭއަދަބީ އަދި ހަގީގަތާއި ހިލާފު ވާހަކަތަކެއް ފެތުރުމަކީ އެމްއާރްއެމް އިން ބަލައިގަންނާނެ ކަމެއް ނޫން ކަމަށެވެ.

".. އަދި މިފަދަ އަމަލުތަކަކީ އަޅުގަނޑުމެން ހިތްވަރުދީ ހަނުހުންނާނެ ފަދަ އަމަލުތަކެއް ވެސް ނޫން ކަމުގައި ދަންނަވަމެވެ،"

ރަސޫލާއާ ބެހޭގޮތުން މިފަދަ ހުތުރު ވިސްނުންތަކެއް އެންމެ މީހަކު ފެތުރިކަމުގައިވިޔަސް ނަބިއްޔާގެ ހުލްގު ހެޔޮކަމާއި އަދި ވަރުގަދަ ޝަޚްސިއްޔަތަކީ މުޅި ދުނިޔެވެސް ހެކިވާނެ ކަމެއް ކަމަށާ އަދި އެކަންކަމަކީ އެއްވެސް މީހަކަށް ބަދަލު ކުރެވޭނޭ ކަމެއް ވެސް ނޫން ކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މާތް ނަބިއްޔާ އަށް ބަދުބަސް ބުނެ ބީޖޭޕީގެ އިސްތަރުޖަމާނު ނުޕުރް ޝަރްމާ ފަތުރާފައިވާ ހަގީގަތާ ހިލާފު ވާހަކަތަކަށް ފާޅުގައި މާފަށް އެދުމަށް އެ ގައުމުގެ ކަމާބެހޭ ފަރާތްތަކަށް ދިވެހި ސަރުކާރުގެ ފަރާތުން ވީ އެންމެ އަވަހަކަށް އެދުމަށް އެމްއާރްއެމް އިން ވަނީ ގޮވާލާފައެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ރަސޫލާއަށް ބަދު ބަސްބުނުމަކީ މުސްލިމުން ތަހައްމަލުކުރާނެ ކަމެއް ނޫން ކަމަށެވެ. އަދި ބީޖޭޕީގެ ތަރުޖަމާންގެ ބަސްތަކަކީ މުޅި އިސްލާމީ އުންމަތާ ދެކޮޅަށް ބުނެފައިވާ ބަސްތަކެއް ކަމަށްވެސް ފާހަގަކޮށްފައިވެ އެވެ.

އަދާލަތު ޕާޓީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރަސޫލާއާ މެދު ބަޔަކު ނުރުހުނު ނަމަވެސް ރަސޫލާގެ ސިޔަރަތާއި ޝަހްސިއްޔަތުން އެތައް ބަޔަކު ނަމޫނާ ލިބިގަނެ ދުނިޔޭގެ ކަންކޮޅުތަކުގައި މުސްލިމުންގެ އަދަދު ގިނަވަމުން އަންނަ ކަމަށެވެ. އަދި ރަސޫލާގެ ދިފާއުގައި ތެދުވާނެ އެތައް މުސްލިމުންނެއް ތިބޭނެ ކަމުގައިވެސް ބުނެފައިވެ އެވެ.

އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ވެރިކަންކުރާ ބާރަތިޔަ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސްތަރުޖަމާނު އިސްލާމީ އުއްމަތުގެ މާތް ނަބިއްޔާ އަށް ފުރައްސާރަ ކުރި މައްސަލައި ގައި އެމްޑީޕީން އިންތިހާއަށް ނުރުހުން ފާޅުކޮށް އެ އަމަލު އެންމެ ހަރުއަޑުން ކުށްވެރި ކުރާ ކަމަށެވެ.

ބަޔާނުގައި އިތުރަށް ބުނީ މި އަމަލަކީ އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ އަމަލެއް ކަމަށް އެމްޑީޕީން ދެކޭ ކަމަށާ އަދި ބީޖޭޕީ ފަދަ ހުރިހާ ދީންތަކަކަށް އިހްތިރާމް ކުރާ ޕާޓީ އެއްގެ އިސް ފަރާތަކުން މިފަދަ ނާތަހުޒީބީ އަމަލެއް ހިންގުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އިންޑިއާގައި ވެރިކަންކުރާ ބީޖޭޕީގެ ހައްދުފަހަނައަޅާފައިވާ ހަރުކަށި އިސް ތަރުޖަމާނު ނުޕޫރު ޝަރުމާ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލާގައި ސަލަފު ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކީރިތި ރަސޫލާ އަކީ, ޖަހާލަތުގެ އަނދިރިކަމުން އިލްމާއި އަހްލާގިއްޔާތަށް މީސްތަކުން ނެރެދެއްވުމަށް މާތް ﷲ ފޮނުއްވި އެ އިލާހުގެ މިތުރު ކަމުގައި ވީހިނދު މުސްލިމުންގެ ޖާނާއި މާލާއި މައިންބަފައިންނާއި އަނބިދަރިންނަށް ވުރެވެސް ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވުމީ އީމާންކަން ލާޒިމު ކުރާ ކަމެއް ކަމަށެވެ. އެކަމަށްޓަކައި އެކަލޭގެފާނުގެ ހައްގަށް އަރައި ގަންނަ ކޮންމެ މީހަކަށް ނަފުރަތުކޮށް އެކަލޭގެފާނު ދިފާއުކުރުމުގެ ގޮތުން އެކަމަށް އިންކާރު ކުރުމަކީ ކޮންމެހެން ކުރަން ޖެހޭނެ ކަމެއް ކަމަށެވެ.

"ދިވެހިރާއްޖެއަކީ ސައްތައިންސައްތަ އިސްލާމީ ގައުމެއް ކަމުގައި ވީހިނދު މި ގައުމުގެ އެންމެހައި ސިޔާސަތުތަކެއް އެތުރިފައި އޮންނަން ޖެހޭނީ އިސްލާމީ ކަރާމަތަށް އިސްކަން ދިނުމުގެ ސިޔާސަތުގެ މައްޗަށްކަން ކަށަވަރެވެ. އެއަށްވުރެ މަތީ އިސްކަމެއް ދޭންޖެހޭ އެއްވެސް ގުޅުމެއް އަދި އެއްވެސް މަސްލަހަތެއް އޮވެގެން ނުވާނެއެވެ،" ސަލަފުގެ ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރަމުންދާ ހިނދުގައިވެސް އެކަމަށް ފަރުވާލެއް ނެތި އެފަދަ ފަރާތްތަކުގެ މަސްލަހަތަށް އިސްކަން ދިނުމީ ދިވެހި ދައުލަތުގެ އެންމެ އަސާސީ ބަހާކަމުގައިވާ މި ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތު ދުނިޔެވީ މަގުސަދަކަށްޓަކައި ކަތިލުން ކަމަށެވެ. މާތް ﷲ ވަނީ ﷲ އާއި އެ އިލާހުގެ ރަސޫލާގެ މައްޗަށް އެހެން ފަރާތްތަކާ އޮންނަ ގުޅުންތައް އިސްކުރާ މީހުންނަށް އިންޒާރުގެ ބަސް ވަހީކުރައްވާފައި ކަމަށް ބަޔާންކޮށް އެކަމުގެ މިސާލު ގުރުއާނުން ގެނެސްދީފައިވެއެވެ.

ސަލަފުން ބުނީ އިންޑިއާގެ ވެރިކަން ކުރާ ޕާޓީގެ ތަރުޖަމާނާއި ބައެއް އިސްމީހުން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރިކުރުން ކުށްވެރިކޮށް އިސްލާމީ ގައުމުތަކާއި ބައިނަލްއަގްވާމީ އިސްލާމީ ޖަމިއްޔާ ޖަމާއަތްތަކާއި ދީނީ އިލްމުވެރިންނާއި ވަކިވަކި އަފުރާދުން ބަޔާންތައް ނެރެ އިންޑިއާ ބޮއިކަޓް ކުރަން ގޮވަމުންދާ މި ދަނޑިވަޅުގައި އިސްލާމީ އުންމަތާއެކު ކީރިތި ރަސޫލާގެ ދިފާއުގައި ދިވެހި ރައްޔިތުން ތިބި ތިބުމުގެ މައްޗަށް ޝުކުރު އަދާކޮށް ހިތްވަރުދޭ ކަމަށެވެ. އަދި ހަރުކަށި ފިކުރުގެ ހައްދުފަހަނައަޅާފައިވާ ޖަމިއްޔާއެއް ކަމަށްވާ އެމްޑީއެންގެ ލާދީނީ ރިޕޯޓުގައި ރަސޫލާގެ އަބުރުފުޅަށް އަރައިގަތުމުންވެސް ދިވެހި ރައްޔިތުން ވަނީ މި ނަމޫނާ ދައްކާފައި ކަމަށެވެ.

"ވީމާ އިންޑިއާގެ ވެރިކަންކުރާ ބީޖޭޕީގެ ތަރުޖަމާނާއި ބައެއް އިސްމީހުން ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރިކުރުން ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ހާލު އެފަދަ ޖަރީމާއެއް ހިންގަން ގަސްދުކޮށްފި ކޮންމެ މީހަކާއި އެ ކަމަށް ވާގިދިން ކޮންމެ ބަޔަކާ ދެކޮޅަށް ކީރިތި ރަސޫލާގެ ހައްގުގައި ތެދުވަންޖެހިއްޖެ ކޮންމެ ހާލަތެއްގައި އެކަމަށް ތައްޔާރަށް ތިބުމަށް ދިވެހި ލޮބުވެތި ރައްޔިތުންނަށް ޖަމިއްޔަތުއްސަލަފުން އިލްތިމާސް ކުރަމެވެ،" ސަލަފުގެ ބަޔާނުގައިވެއެވެ.

ބީޖޭޕީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ވާހަކަދައްކާފައިވަނީ އިންޑިއާގެ ޓީވާ ޗެނަލެއްގަ އެވެ. އެ މައްސަލައާއި ގުޅިގެން އިސްލާމީ ބައެއް ގައުމުތަކުން ނުރުހުން ފާޅުކޮށް ބަޔާން ނެރުމާ ގުޅިގެންނާއި އިންޑިއާގެ މުސްލިމުން އެކަމާ ދެކޮޅަށް އިހްތިޖާޖުކުރަން ފެށުމުން ބީޖޭޕީން ވަނީ އެޕާޓީގެ އިސް ތަރުޖަމާން ނުޕުރު ޝަރުމާ އާއި ޕާޓީގެ މީޑިއާ އިންޗާޖުގެ ގޮތުގައި ހުންނެވި ނަވީން ކުމާރު ޕާޓީގެ މަގާމުތަކުން ސަސްޕެންޑްކޮށްފަ އެވެ.

ބީޖޭޕީގެ އިސް އޮފިޝަލަކު ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރި މައްސަލަ ހޫނުވުމާ ގުޅިގެން ބީޖޭޕީން ބަޔާނެއް ނެރުނު ނަމަވެސް އެ ބަޔާން ނެރުނު ސަބަބެއް ބުނެފައެއް ނުވެ އެވެ. އަދި ރަސޫލާއަށް ފުރައްސާރަ ކުރި އޮފިޝަލްގެ ނަންވެސް ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު ބަޔާނުގައި ބުނެފައިވަނީ ބީޖޭޕީ އަކީ ހުރިހާ ދީނަކަށްވެސް އިހުތިރާމް ކުރާ ބައެއް ކަމަށެވެ. އަދި އެއްވެސް ދީނެއްގެ ޝަހްސިއްޔަތަކަށް ފުރައްސާރަ ކުރުން އެ ޕާޓީން ކުށްވެރި ކުރާ ކަމަށްވެސް ބުނެފައިވެ އެވެ.