ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާލި މިންގަނޑު ހާމަކޮށްފި އެވެ.
ފްލެޓް ކޮމެޓީން ބުނީ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ބަޔަށް އިންސާފުވެރި އަދި ހަމަހަމަ ކަމާއެކު، ޕޮއިންޓް ދިނުމުގެ ކަންކަން ކުރިއަށް ގެންދެވޭނީ ފޯމު ހުށައަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ހަމަވާ މީހުންނަށް ދިރިއުޅޭ ގޭގެއަށް ޒިޔާރަތްކޮށް ދިރިއުޅުމުގެ ހާލަތު ވަޒަން ކޮށްގެން ކަމަށް ކޮމިޓީއިން ނިންމައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަންނީ ލަފަޔާއެކު، ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިނުމުގެ މިންގަނޑެއް އެކުލަވާލި ކަމަށެވެ.
ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިނުމަށް އެކުލަވާލާފައިވާ މިންގަނޑުގައި ކުރިން ހާމަނުކުރީ އެ މައުލޫމާތަކީ އެ މައުލޫމާތު ކުރިން ހާމަކޮށްފި ކަމުގައިވާ ނަމަ އެންމެ އިންސާފުވެރި ކަމާއެކު ޕޮއިންޓް ދިނުމަށް ހުރަސްއެޅޭނެ މައުލޫމާތުތަކެއް ކަމަށް ކޮމިޓީއަށް ފެންނާތީ ކަމަށް ފްލެޓް ކޮމެޓީން ބުންޏެވެ.
ފްލްޓް ކޮމެޓީން މިއަދު ވަނީ ޑޮކްޓަރުންނާއި ނަރުހުންނަށް ހާއްސަކުރި H4 ކެޓަގަރީ އާއި ޓީޗަރުންނަށް ހާއްސަ H4 ކެޓަގަރީ އާއި އެކަނިވެރި މައިންނާއި ބަފައިންނަށް ހާއްސަ H6 ކެޓަގަރީ އާއި 18 އަހަރާ 40 އަހަރާ ދެމެދުގެ ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ H7 ކެޓަގަރީ އާއި މާލޭ ރަށްވެހިންނަށް ހާއްސަ H8 ކެޓަގަރީ އާއި މާލޭ މުނިސިޕަލްޓީގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ މީހުންނަށް ހާއްސަ ކުރި H9 ކެޓަގަރީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކަށް ހާއްސަ H10 ކެޓަގަރީން ދިރިއުޅުމުގެ ހާލަތު ބަޔަށް ޕޮއިންޓް ދިން އުސޫލު އާންމުކޮށްފައެވެ.
ކުރީ ސަރުކާރުން އިމާރާތް ކުރި ހިޔާ ފްލެޓްތައް ދޭނެ ބަޔަކު ނިންމާ ކުރީ ސަރުކާރުންވެސް ލިޔުން ދޫކުރިއެވެ. މި ސަރުކާރުން އުފެއްދި ފްލެޓް ކޮމެޓީން އެ ލިސްޓަށް ބަދަލު ގެނެސް އެތަށް ބަޔަކު ވަނީ ލިސްޓުން އުނިކޮށްފައެވެ. އެކި ކެޓަގަރީތަކުން މިހާތަނަށް އާންމުކުރި ވަގުތީ ލިސްޓަށް ގިނަ ބަޔަކު ވަނީ އެތަށް ސަތޭކަ ޝަކުވާއެއް ހުށައަޅާފައެވެ.