ހަބަރު

ޝަކުވާގެ ފުރުސަތާއެކު މައްސަލަ ބަލާނެ ތަނެއް ނެތް

Jan 18, 2021
9

ހިޔާ މަޝްރޫއުގެ ކެޓަގަރީތަކުގެ ތެރެއިން އެޗް7 ފިޔަވައި، އެހެން ކެޓަގަރީތަކަށް ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަށް ފްލެޓް ކޮމިޓީން ނިންމުމާ ގުޅިގެން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަތައް އިތުރަށް ބަލާނެތަނެއް ނެތް ކަމަށް ނިންމައިފި އެވެ.

އޭސީސީގެ މީޑިއާ އޮފިޝަލު މިއަދު އަވަސްއަށް ވިދާޅުވީ ހިޔާ މަޝްރޫއުތަކުގެ ފްލެޓުތަކުގެ ވަގުތީ ލިސްޓުތައް އާންމު ކުރުމާއެކު އެކަމާ ގުޅޭ ސަތޭކައަށް ވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާ ކަމަށެވެ.

އޭގެ ތެރޭގައި ހިމެނެނީ ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދިން ގޮތާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ފުރުސަތު ނުލިބޭ ކަމަށްބުނެ ހުށަހެޅިފައިވާ މައްސަލަތައްކަމަށް އޭނާ ފާހަގަ ކުރެއްވި އެވެ.

މިގޮތުން، ހިޔާ މަޝްރޫއުގެ އެޗް7 ފިޔަވައި އެހެން ކެޓެގަރީތަކުގެ ވަގުތީ ލިސްޓް އާންމު ކުރިއިރު ދިރިއުޅުމުގެ ހާލަތަށް ޕޮއިންޓް ދޭ މިންގަނޑު އާންމުކޮށްފައި ނުވާއިރު، ޝަކުވާ ހުށަހެޅުމުގައި ބަލާނެ އެކަށީގެންވާ މިންގަނޑެއް ނެތްކަން މައްސަލަ ހުށަހެޅި ފަރާތްތަކުން ފާހަގަ ކޮށްފައިވެ އެވެ.

އަދި އެ ކެޓެގަރީ ތަކުގެ ޕޮއިންޓް ދޭ އުސޫލު އާންމުކުރިއިރު ޝަކުވާ ހުށަހެޅުމުގެ މުއްދަތު ހަމަވެފައި ވުމުން އެކަމުގެ ޝަކުވާ ގިނަ ބަޔަކު ކޮށްފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

އެއާއެކު އޭސީސީން ވަނީ އެ ކެޓެގަރީތަކަށް ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމަކީ އެންމެ އިންސާފުވެރިގޮތް ކަމަށް ފެންނަ ކަމަށް ބުނެ، ފްލެޓުތަކުގެ މައްސަލަ ބަލާ ކޮމިޓީއަށް ލަފާ ދީފައެވެ.

އަދި، ޝަކުވާ ހުށަހަޅަން އިތުރު ފުރުސަތެއް ދިނުމުން، އޭސީސީއަށް ހުށަހެޅުނު މައްސަލަތައް އިތުރަށް ނުބަލަން ނިންމާފައިވާކަމަށް އޮފިޝަލް ވިދާޅުވި އެވެ.