މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެއް ކަމުގައިވާ ޖަނީއިން "ދުރާލާ ތައްޔާރުވެ ހުރަސް އެޅުން" މި ނަމުގައި ތައްޔާރުކުރި ފޮތް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ނެރެދެއްވައިފި އެވެ.
"ދުރާލާ ތައްޔާރުވެ ހުރަސް އެޅުން" މި ފޮތް ބިނާކޮށްފައި ވަނީ ޕާޓްނާޝިޕް ފޯ ޑްރަގް ފްރީ ކިޑްސްގެ "އިންޓާވެންޝަން އީބުކް" އަދި ނޭޝަނަލް އިންސްޓިޓުޓް އޮފް ޑްރަގް އެބިއުސް ގެ ސައިންސް އޮފް އެޑިކްޝަން އަދި ސަބްސްޓަންސް އެބިއުސް އެންޑް މެންޓަލް ހެލްތު ސާވިސަސް އެޑްމިނިސްޓްރޭޝަން އިން ޝާއިއުކޮށްފައިވާ އެކި މައުލޫމާތުތަކުގެ މައްޗަށެވެ. އަދި މި ފޮތަކީ އެ މައުލޫމާތުތައް ދިވެހި ބަހަށް ތަރުޖަމާކޮށް ރާއްޖޭގެ މާހައުލާއި އާދަކާދަތަކާ ގުޅޭގޮތަށް މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއާ މެދު ހޭލުންތެރިކަން އިތުރު ކުރުމަށް ބޭނުންވާ މައުލޫމާތު އެކުލަވައިލައިގެންނެވެ.
ޖާނީ އަކީ މަސްތުވާތަކެތީގެ ނުރައްކާތެރި ވަބާއިން ޒުވާނުންނާއި ކުޑަކުދިން ސަލާމަތްކޮށް ރައްކާތެރިކޮށްދީ، އެ ވަބާއިން ސަލާމަތްވާން މަސައްކަތްކުރާ މީހުންނަށް ފަރުވާ ހޯދުމާއި މުޖުތަމައަށް އެނބުރި ގުޅުމަށް މަސައްކަތްކުރާ މީހުންނަށް އެހީތެރިވެ ދިނުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. 2005 ވަނަ އަހަރުގެ ނޮވެންބަރު މަހު އުފެދުނު އެ ޖަމިއްޔާއިން މިދިޔަ 15 އަހަރުގެ ތެރޭގައި ތައުރީފް ހައްގު މަސައްކަތްތަކެއް ކޮށްފައިވެއެވެ.
ޖާނީ އުފެދުނީއްސުރެ މިދިޔަ 15 އަހަރު މަސައްކަތް ކުރީ މަސްތުވާތަކެތީގެ ތެރެއަށް ދާ ކުދިން ވީހާވެސް އަވަހަށް ދެނެގަނެ އެ ކުދިން އަލުން މުޖްތަމައުގެ ތެރެއަށް ގެނައުމަށެވެ. ނަމަވެސް ޒަމާނާ ގުޅޭ ރިސާޗް އަދި އެވިޑެންސްގެ މައްޗަށް ބިނާވެފައިވާ ގައުމީ ޕޮލިސީއެއް ނެތުމަކީ ރާއްޖެއަށް މި މައްސަލައިގެ ހައްލު ނުހޯދިވާ ސަބަބަށް ވުމަކީ އެކަށީގެންވާ ކަމެއް ޖާނީން ބުނެއެވެ.
އަދި ތަފްސީިލީ ގައުމީ ޑްރަގް ޕޮލިސީ އެއް ހަދާ ތަންފީޒު ކޮށް ދިނުމަށް އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.