މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުން މަދު ގްރާމް ކޮޅެއްގެ މަސްތުވާތަކެތި ފެނިގެން ބޮޑެތި ހުކުމްތަކެއް އިއްވާފައިވާ މީހުންނަށް ލުއި ލިބެން ޖެހޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ "އާސްކް ސްޕީކާ" ޕްރަގްރާމްގައި އެހެންތެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުން ހަތަރު ގްރާމްގެ މަސްތުވާތަކެތި ފެނިގެންވެސް ބޮޑެތި ހުކުމްތައް ކޮށްފައިވާ ކަމަށާ އައު ގާނޫނުގެ ދަށުން އެފަދަ ބޮޑެތި ހުކުމްތައް އިއްވުން ހުއްޓާލާފައިވާ ކަމަށެވެ. އެހެން ކަމަށްވީއިރު ކުރިން އިއްވި ބޮޑެތި ހުކުމްތަކަށް ލުއި ލިބެން ޖެހޭނެ ކަަމަށް ގަބޫލުކުރަންތޯ އާންމުންގެ މީހަކު ވަނީ ސުވާލުކޮށްފައެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ރަައީސް ނަޝީދު ވިދާޅުވީ މަސްތުވާތަކެތީގެ ކުރީގެ ގާނޫނުގެ ދަށުން މަދު ގްރާމް ކޮޅެއްގެ މަސްތުވާތަކެތި ފެނިގެން ބޮޑެތި ހުކުމްތަކެއް އިއްވާފައިވާ އެތަށް ބަޔަކު ޖަލުގައި އެބަތިބި ކަމަށެވެ. ނަމަވެސް މިހާރު އަމަލު ކުރަމުންދާ ގާނޫނުގެ ދަށުން މަދު ގްރާމް ކޮޅެއްގެ މަސްތުވާތަކެތި ފެނިގެން ބޮޑެތި ހުކުމް ކުރަމުން ނުދާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އާ ގާނޫނާއެކު ކުރިން ބޮޑެތި ހުކުމް އިއްވާފައިވާ މީހުންނަށް ލުއި ގޮތްތަކެއް ހޯދޭނެ ކަމަށެވެ. އަދި އެ ލުއި ލިބެން ޖެހޭ ކަމަށްވެސް ވިދާޅުވިއެވެ.
"ކުރީގެ ގާނޫނުގެ ދަށުން ބޮޑެތި ހުކުމްތަކެއް އައިސް ތިބި ކުދިންތަކެއް އެ ތިބެނީ. އެތާ ތިބެ ވަކި ވާ ރަނގަޅެއް އޮތީއެއް ނޫން، ދެން އިތުރަކަށް އަޅުގަނޑަކަށް ނުވިސްނޭ އެ ތަކުލީފުގައި ބަޔަކު އުޅެގެން އަޅުގަނޑުމެންނަށް ހައްލު ކުރެވޭ ކަންތައްތަކެއް. މީގައި ބަލަން ޖެހޭ ކަންތައްތަކަކީ މުޖްތަމައުއަކަށްވެސް އުނގަދޫ ވެގެެނެއް ނުވޭ އަދި އަޅުގަނޑުމެންގެ އާންމު އުސޫލުތަކާއި އަސާސީ ހަމަތަކާއި ގާނޫނުތަކާއި އަޅުގަނޑުމެންގެ ސަގާފަތާއި ދީނާއި އެކަންކަމާއިވެސް ބީރައްޓެހި ވެގެން ނުވާނެ. ނުވެ މި މައްސަލަތަކަށް ހައްލެއް ގެނައުމަށް ކަނޑައަޅަންވީ ކޮންކޮން ސިޔާސަތެއްތޯ. އަޅުގަނޑު ހިތުން ކުރީ ގާނޫނުގެ ދަށުން ހަތަރު ގްރާމުގެ ސަބަބުން އިއްވާފައިވާ ބޮޑު ހުކުމް މިހާރުގެ ގާނޫނުގެ ދަށުން މިހާރަކު ނީއްވާ އެވަރަކަށް. އެހެންވީމަ ކުރީގެ މީހުންނަށް އެ ލުއި ލިބޭނެތޯ ހޯދައިދެވޭނެތޯ، އަޅުގަނޑު ދެކޭގޮތުގައި ލިބެންޖެހޭނެ،" ނަޝީދު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެ މައްސަލައަކީ ރައްޔިތުންގެ މަޖިލީހަށްވެސް ހައްލު ހޯދާދެވިދާނެ މައްސަލައެއް ކަަމަށެވެ. އެމަނިކުފާނު އެ އިޝާރާތް ކުރައްވަނީ ގާނޫނަށް ބަދަލުތަކެއް ގެންނަ ގެނައުމަށެވެ.