ފެބްރުއަރީ 7

ނަޝީދުގެ ވެރިކަން ވައްޓާލީ ޑުރަގު ބޮޑުންނާ ގުޅިގެން: އިލްޔާސް

ހަތެއް ފެބްރުއަރީގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވައްޓާލީ އިދިކޮޅު ފަރާތްތަކުން ޑުރަގުގެ ބޮޑުންނާ ގުޅިގެން ކަމަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބު ތުހުމަތު ކުރައްވައިފި އެވެ.

އިލްޔާސް މިއަދު މަޖިލީހުގައި ވިދާޅުވީ ރައީސް ނަޝީދު ވެރިކަަމަށް ވަޑައިގަތުމުގެ ކުރިން އެންމެ ބޮޑަށް ވައުދެވަޑައިގެންނެވީ މަސްތުވާތަކެއްޗަށް ހުޅުވިފައިވާ ދޮރުތައް ބަންދު ކުރުމުގެ ވައުދު ކަމަށާއި އެ ވައުދާ އެއްގޮތަށް އެ ދޮރުތައް ބަންދު ކުރުމުގެ މަސައްކަތް ވަރަށް ފުޅާދާއިރާއެއްގައި އެމަނިކުފާނު ކުރިއަށް ގެންދެވި ކަމަށެވެ.

އެގޮތުން މަސްތުވާތަކެއްޗަށް އޮތް މާކެޓް ކުޑަކުުރުމުގެ ގޮތުން ޑިޓޮކްސް ސެންޓަރު ހުޅުވައި މީހުން ރިހިބިލިޓޭޓް ކުރަން ފެށި ކަމަށާއި އަދި ޑުރަގް އެތެރެކުރާ މީހުން ހުއްޓުވަން ލުއި އަދަބު އޮންނާތީ ގާނޫނު އިސްލާހު ކުރަން މަސައްކަތް ކުރެއްވި ކަަމަށެވެ. އެހެން ނަމަވެސް ރައީސް ނަޝީދުގެ ވެރިކަން ވައްޓާލުމަށް ފަހު މުޅި މަންޒަރު ބަދަލު ކޮށްލާފައިވާ ކަމަށެވެ.

"ވެރިކަން ބަޣާވާތަކުން ވައްޓާލުމަށް ފަހު [ރައީސް] ވަހީދާއި [ރައީސް] ޔާމީނާ ދެ ބޭފުޅުން ވެގެން ޑިޓޮކްސް ސެންޓަރު ބަންދު ކޮށްލީ. ރިހިބިލިޓޭޝަން ސެންޓަރުތައް ބަންދު ކޮށްލީ. އެއީ ބަޣާވާތަށް ފަހު ވެރިކަން ވައްޓާލުމަށް ފަހު ކުރެއްވި ކަންތައް." އިލްޔާސް ވިދާޅުވި އެވެ.

ހަމަ އެހެންމެ ރައީސް ނަޝީދުގެ ވެރިކަމުގައި ޑުރަގް ކޯޓު އުފައްދަވައި ވަކި ފަނިޑިޔާރުންތަކެއް އައްޔަން ކުރެއްވި ކަމަށާއި ނަމަވެސް އެއިރު މިހާރުގެ ޕީޕީއެމްއާ ޕީއެންސީގެ ބޭފުޅުންނަށް އެކަން ހަޖަމެއް ނުވި ކަމަށެވެ.

އިލިޔާސް ތުހުމަތު ކުރައްވާ ގޮތުގައި މަސްތުވާތަކެތި އެތެރެކުރާ ބޮޑު ފަސް މީހަކު ފާހަގަ ކުރެވި އެ މީހުންގެ މައްސަލަ ބަލަން ފެށި ހިސާބުން އިދިކޮޅުން އެ މީހުނާ ގުޅިގެން ވެރިކަން ވައްޓާލުމުގެ މަސައްކަތް ފެށި ކަަމަށެވެ. އަދި ވެރިކަން ވައްޓާލުމަށް ފަހު ޑްރަގްގެ ނެޓްވޯކުގައި މަސައްކަތް ކުރި މީހުނަށް ބަދަލުދީ އެ މީހުންނަށް ސިޔާސީ މަގާމުދީ ޑުރަގު ނެޓްވޯކު ފުޅާކުރި ކަމަށެވެ.