ރައީސް މުހައްމަދު ނަޝީދު

ޑުރަގް އެތެރެވާ މިންވަރު އިތުރުވާތީ ސުވާލު އުފެދޭ: ނަޝީދު

ފަހަކަށް އައިސް ރާއްޖެއަށް ޑުރަގު އެތެރެކުރުން އިންތިހާއަށް އިތުރުވެފައިވާތީ އެކަމާމެދު ސުވާލު އުފެދޭ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މިއަދު މަޖިލީހުގެ ރިޔާސަތުގައި އިންނަވައިގެން ރައީސް ނަޝީދު ވިދާޅުވީ މީގެ ކުރިން ރާއްޖޭން އަތުލައިގަނެވޭ މަސްތުވާތަކެތީގެ ބަރުދަން ގްރާމުން ހުރި ނަމަވެސް މިހާރު އެ ނިސްބަތް ބަދަލުވެފައިވާ ކަމަށެވެ.

މަސްތުވާތަކެތި އެތެރެ ކުރުން އިންތިހާއަށް އިތުރުވެފައިވާ އިރު މިދިޔަ ބުދަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި 100 އެއްހާ ކިލޯގެ ހެރޮއިން އަތުލައިގަތެވެ. އަދި ރ. އަތޮޅުގައި ފުލުހުންނާ ގުޅިގެން މިދިޔަ ހަފުތާގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނެއްގައި ގާތްގަނޑަކަށް 215 ކިލޯގެ ހެރޮއިން އަތުލައިގެންފައި ވެއެވެ.

ރައީސް ނަޝީދު ވަނީ އެހާ ގިނަ އަދަދެެއްގެ މަސްތުވާކެތި އެތެރެ ކުރަނީ ހަމައެކަނި ރާއްޖެގައި ބޭނުން ކުރަންތޯ ސުވާލު އުފައްދަވާފަ އެވެ.

"އަޅުގަނޑު ހިތަށް އަރަނީ ރާއްޖޭގެ ހުރިހާ ރައްޔިތުން ބޭނުންކުރި ނަމަވެސް މި އަދަދު ބޭނުން ކުރެވޭ ބާއޭ، ކޮންމެ ދުވަހަކު ބޭނުންކުރި ނަމަވެސް! އެހެންވީމަ ވެެގެން މިދާ ގުޅޭ ގޮތުން އަޅުގަނޑު ހިތުން އިއްޒަތްތެރި މެމްބަރުންނަަށް ސުވާލު އުފެދޭނެ ޓްރާންސްޝިޕްމަންޓް ބަނދަރެއްގެ ގޮތުގައި ހިމެނި އެބާވަތުގެ ވިޔަފާރި ފަހިވެެގެން ކުރިއަށްދާ ކަމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ޑުރަގް އެތެރެ ކުރާ މިންވަރު އިތުރުވުމުގައި ސަރުކާރުގެ ހިއްސާވާ ކަަމަށް ކުރީގެ ޑިފެންސް މިނިސްޓަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ދެކެވަޑައިގަންނަވަ އެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި މިއީ ސްޓޭޓް ސްޕޮންސާޑް ވިޔަފާރި އެކެވެ.