ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ދެ އަހަރު ކުރިން އޮތް ހާލަތަށް ދާން ބޭނުމެއް ނުވޭ"

މީގެ ދެ އަހަރު ކުރިން ދިވެހި ނޫސްވެރިކަން އޮތް ހާލަތު އަދި ދިވެހި ގައުމު އޮތް ހާލަތު ރައްޔިތުން ހަނދާން ނުނެތޭ ކަމަށާ އެ ދުވަސްތައް އަލުން ދެކެން ދިވެހި އެއްވެސް ރައްޔިތަކު ބޭނުން ނުވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ހަފުލާއަށް ފޮނުވި ވީޑިއޯ މެސެޖެއްގަ އެވެ.

އެމަނިކުފާނު ވިދާޅުވީ މީގެ ދެ އަހަރު ކުރިން މީޑިއާ ކައުންސިލް އާއި ބްރޯޑްކާސްޓިން ކޮމިޝަންގެ މައިގަނޑު މަސައްކަތަކީ ނޫސްވެރިންނާ ދެކޮޅަށް ހުށަހެޅޭ ޝަކުވާތައް ބަލައި ނޫސްވެރިންނާއި ނޫސް އިދާރާތައް ކުށްވެރިކޮށް ފިޔަވަޅު އެޅުން ކަމަށެވެ. ނަމަވެސް މިއަދު އެކަން މުޅިން ބަދަލުވެފައިވާ ކަމަށެވެ.

"ނޫސްވެރި ކަމަށް އަލަށް ނުކުންނަ ނޫސްވެރިންނަށް އަޅުގަނޑު ދަންނަވާނީ ނޫސްވެރިއެއްގެ ހައިސިއްޔަތުން ގަލަމުގެ ދޯރި ނަގަންވާނީ އޭގެ ތުނޑުން ތިމާ ލިޔާނީ ބިނާ ކުރަނިވި ލިޔުމެއްތޯ ނުވަތަ ފަނާކުރަނިވި ލިޔުމެއްތޯ ކަނޑައެޅުމަށް ފަހުގައޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގައި މިހާރު އޮތީ ވަރަށް ވާދަވެރި ނޫސްވެރި ކަމެއް ކަމަށާ އަދި ނޫސްވެރިކަމުގެ ވަރަށް މިނިވަން ޖައްވެއް މިހާރު އެބަ އޮތް ކަމަށެވެ. ކޮންމެ ނޫސްވެރިއެއްވެސް ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާ ޒިންމާދާރުވުމަކީ އިވޭ ވާހަކަތަކުގެ ތެދު ދޮގު ކަށަވަރު ކުރުމަށްފަހު އަދި އެއީ މުޖުތަމައަށް ކޮންމެހެން އެނގެންޖެހޭ ނުވަތަ މުޖުތަމައުގެ މަސްލަހަތާ ގުޅިފައިވާ ވާހަކައެއްކަން ކަށަވަރު ކުރުމަށް ފަހުގައި އާންމު ކުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

"ޒަމާނީ ޑިމޮކްރެސީގެ ހަމަތައް ގަބޫލުކުރާ ގޮތުން ނޫސްވެރި ކަމަކީ ދައުލަތުގެ ހަތަރުވަނަ ބާރު. ނޫސްވެރިން ފަތުރާ ހަބަރާއި މައުލޫމާތުން މުޖުތަމައަށް ފޯރާ އަސަރާއި ނުފޫޒަށް ބަލާއިރުވެސް މިއީ ހަގީގަތުގައި ވަރަށް ބޮޑު ތެދެއްކަން އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ. އެހެން ކަމަށްވާ ނަމަ ނޫސްވެރިންގެ ކޮނޑުގައި ވަރަށް މަތިވެރި ގައުމީ ޒިންމާއެއްވެސް އެޅިގެންދާނެކަން ގަބޫލުކުރަންޖެހޭ,"

ދައުލަތުގެ ކޮންމެ ބާރެއްގެ ކޮނޑުގައި އެޅިފައިވާ ގައުމީ ވާޖިބަކީ ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ހެވާއި ލާބަޔަށް މަސައްކަތް ކުރުން ކަމަށާ ނޫސްވެރިކަމަކީ ތިން ބާރުގެ މައްޗަށް ފާރަވެރިވެ ޒިންމާދާރުކުރުވާ، ދައުލަތުގެ ހަތަރުވަނަ ބާރުކަމުން ނޫސްވެރިންގެ ޒިންމާއަކަށް ވާނީ، ގައުމުގެ ކޮންމެ ކަމެއްގައިވެސް، ރައްޔިތުންނަށް އެންމެ ސީދާ އަދި އެންމެ ރަނގަޅު މަގު ދައްކައިދިނުން ކަމަށް ރައީސް ވިދާޅުވިއެވެ.

ރިލްވާން އާއި ޔާމީނަށް އިންސާފު ހޯދާދޭނެ

މިރޭގެ ހަފްލާގައި ރައީސް ވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާއި ބްލޮގަރު ޔާމީން ރަޝީދުގެ މަރަށް އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެ ދެ މަރަށް އިންސާފު ހޯދުމަށް ސަރުކާރުން ފެށި މަސައްކަތް ހުއްޓާ ނުލާ ކަމަށެވެ. އެއީ އުނދަގޫ މަސައްކަތެއް ނަމަވެސް އެ މަަސައްކަތް ހުއްޓާނުލާ ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.

"ނޫސްވެރިކަމުގެ މިފަދަ ހަފްލާއެއް ކުރިއަށްދާއިރު އަޅުގަނޑުގެ ސިކުނޑިއަށް އަންނަނީ ގެއްލުވައިލާފައިވާ ނޫސްވެރިޔާ އަހްމަދު ރިލްވާނާއި، އަނިޔާވެރި ގޮތަކަށް މަރައިލި ޔާމީން ރަޝީދުގެ ހަނދާންތައް. އެ ދެ ނޫސްވެރިންނަށް އިންސާފު ހޯދައިދިނުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް އަޅުގަނޑުމެން ހުއްޓައެއް ނުލަން. އެއީ އުނދަގޫ މަސައްކަތެއް. ނަމަވެސް، އެ މަސައްކަތް ނުހުއްޓި ކުރިއަށް އެބަދޭ،" ރައީސް ވިދާޅުވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ރިލްވާންގެ ހަނދާނުގައި އޭނާގެ އާއިލާއަށް ވަނީ ހާއްސަ އެވޯޑެއް ދީފައެވެ.