ހަބަރު

އިންތިހާބީ ހައްގަކީ ޥޯޓު ވިއްކަން ލިބޭ ލައިސަންސެއް ނޫން

Dec 9, 2020

ކުރިއަށް އޮތް އަހަރަކީ، ނަޒާހަތްތެރިކަން އިސްކޮށް މުހިންމު ނިންމުމެއް ނިންމަންޖެހޭ އާންމު އިންތިހާބެއް އޮތް އަހަރެއް ކަމަށާއި، އިންތިހާބީ ހައްގު ނަޒާހަތްތެރިކަމާއެކު އަދާކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް މަރްޔަމް ޝިއުނާ މިއަދު ރައްޔިތުންނަށް ގޮވާލައްވައިފި އެވެ.

މިއަދު ފާހަގަކުރާ، ކޮރަޕްޝަނާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރެއްގައި މަސައްކަތްކުރާ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ހިތާބުގައި ޝިއުނާ ވިދާޅުވީ، ވޯޓު ދިނުމުގެ އަސާސީ ހައްގުގެ ހަގީގީ ފައިދާ ރައްޔިތުންނަށް ފެންނަމުން ނުދަނީ ކީއްވެގެންކަމާމެދު ވިސްނާ މީހުން ވަރަށް މަދުކަމަށްވާއިރު، ވޯޓު ދިނުމުގައި ރިޝްވަތުގެ ހުތުރު އަމަލުތަކަށް ހުށަހެޅިގެންދާ ދިއުމަކީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ދާދިފަހުން ޓްރާންސްޕޭރަންސީ އިންޓަނޭޝަނަލް އިން އާންމުކުރި ދިރާސާއެއްގައި ދައްކާގޮތުން، ރާއްޖޭގައި ވޯޓުލާ މީހުންގެ ތެރެއިން 18 ޕަސެންޓް މީހުންނަކީ ރިޝްވަތުގެ މުއާމަލާތް ހިންގާ މީހުންކަމަށް ބުނެފައިވެ އެވެ.

އެކަމަށް އިޝާރާތް ކުރައްވައި، ޝިއުނާ ވިދާޅުވީ ވޯޓު ވިއްކުމުގެ ސަބަބުން ތިމާއާއި ތިމާގެ އާއިލާގެ މުސްތަގުބަލުވެސް ނެތިގެންދާކަން ކޮންމެ މީހަކުވެސް ވިސްނަންޖެހޭ ކަމަށެވެ.

"ރައްޔިތުންގެ މަންދޫބުން އައްޔަންކުރުމުގެ ބާރު ރައްޔިތުންނަށް ދިނުމުގެ ބޭނުމަކީ، ވޯޓު ވިއްކުމަށް ދެވޭ ލައިސެންސެއް ނޫން،" ހިތާބުގައި ބުނެފައިވެ އެވެ.

އިތުރަށް ވިދާޅުވީ ވިޔަފާރި އުސޫލުން ވޯޓު ހޯދައިގެން އިންތިހާބު ކުރެވޭ މީހަކީ، މަދު ބައެއްގެ ބާރުވެރިކަމުގައި އެބަޔަކު ބޭނުންވާގޮތަކަށް އެބައެއްގެ ނުވަތަ އަމިއްލަ މަސްލަހަތުގައި ވާހަކަ ދައްކާ ކަންކަން ނިންމާ މީހަކަށް ވެގެންދާނެ ކަމަށެވެ.

އެހެންކަމުން، އިންތިހާބީ ހައްގު ލިބިގަތުމަށްޓަކައި ނަޒާހަތްތެރިކަމާއެކު އެ ހައްގު އަދާކުރުމަކީ އެކަން ކުރަންއޮތް ހަމައެކަނި މަގު ކަމުގައި ދެކެންޖެހޭކަމަށް ޝިއުނާ ވިދާޅުވި އެވެ.

އަދި ކުރިއަށް އޮތް ލޯކަލް ކައުންސިލްގެ އިންތިހާބުގައި އޭސީސީގެ އަމާޒަކީ، ވޯޓު ގަނެ ވިއްކުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހުއްޓުވައި، ޤާނޫނީ އިމުގެތެރެއިން އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އެޅުންކަމަށާއި، އެކަމަށް ރައްޔިތުންނާއި ވާދަކުރައްވާ ކެންޑިޑޭޓުންވެސް ސަމާލުވުމަށް އެ ހިތާބުގައި އެދިފައިވެ އެވެ.

މިއަހަރުގެ އެޕްރީލް މަހުގައި ބޭއްވުމަށް ތައްޔާރުވި ލޯކަލް ކައުންސިލް އިންހާބާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އިގެ ހާލަތާއި ގުޅިގެން ރާއްޖޭގައި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރުމާ ގުޅިގެންނެވެ.

އިންތިހާބު އަންނަ އަހަރު މާޗު މަހު ބޭއްވުމަށް ނިންމާފައިވާއިރު، ސިއްހީ ކުއްލި ނުރައްކަލު އަދިވެސް އުވާލާފައިނުވާތީ، އިންތިހާބު އެ ތާރީހުގައި ނުބޭއްވިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފައި އެވެ.