ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"ކޮވިޑް ވެކްސިން ގައުމުތަަކަށް އެއް ހަމައަކުން ލިބެންޖެހޭ"

ކޯވިޑާ ދެކޮޅަށް އުފައްދާ ވެކްސިނާއި ބޭސް، ފަގީރު ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ ހަމަހަމަ އުސޫލެއް ގާއިމު ކުރެވެން ޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އިންސާނީ ހައްގުތަކުގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ.

ރައީސްގެ ހިތާބުގައި ވިދާޅުވީ މި އަހަރުގެ އިންސާނީ ހައްގުތަކުގެ ދުވަސް މި ބައްދަލުކުރީ މުޅި ދުނިޔެއަށް ވަރަށް ބޮޑު ގުދުރަތީ ކާރިސާއެއް ކުރިމަތިވެފައިވާ ވަގުތެއްގައި ކަމަށާ މިހާރު ފެތުރިފައިވާ ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން ދުނިޔޭގެ އާބާދީގެ ވަރަށް ބޮޑު އިންސައްތައެއް އިންސާނީ އެތައް ހައްގަކުން މަހްރޫމްވެފައިވާ ކަމަށެވެ. ރަނގަޅު ކާނާއާއި ސާފު ބޯފެން ލިބުމާއި ބޭސްފަރުވާ ކުރުން ފަދަ ދިރިހުރުމުގެ ހައްގާ ގުޅިފައިވާ އިންސާނީ ހައްގުތަކުން މަހްރޫމްވެފައިވާ އެތައް މިލިޔަން ބަޔަކު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މިހާރުވެސް ތިބި ކަަން ރައީސް ފާހަގަ ކުރެއްވިއެވެ. އަދި އާމްދަނީ ހޯދުމަށް މަސައްކަތް ކުރުމާއި ވަޒީފާ އަދާކުރުމާއި ދަތުރުފަތުރު ކުރުން ފަދަ އަސާސީ ހައްގުތަކުން މަހްރޫމްވެފައިވާ ނުވަތަ ފުރިހަމައަށް އެ ހައްގުތައް ލިބިފައި ނެތް އެތައް ބަޔަކު ރާއްޖޭގައިވެސް އެބަތިބި ކަމަށް ވިދާޅުވިއެވެ.

"ކޮވިޑް-19އާ ދެކޮޅު ވެކްސިނެއްގެ އުންމީދު އާވަމުން އަންނަ މި ދަނޑިވަޅުގައި މުޅި ދުނިޔެވެސް މިއަދު ރާވަމުން އަންނަނީ މި ބަލީގެ ސަބަބުން ލިބެމުންދާ ސިއްހީ، އިޖުތިމާއީ އަދި އިގްތިސާދީ ގެއްލުންތަކުން އަރައިގަންނާނެ ގޮތުގެ ރޭވުންތައް. ގައުމީ ފެންވަރުގަޔާއި ބައިނަލްއަގްވާމީ ފެންވަރުގައި އެފަދަ ރޭވުންތައް ރާވައި ތަންފީޒުކުރާއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭން ޖެހޭނީ އިންސާނީ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދިނުމަށް. ބައިނަލްއަގްވާމީ މުޖުތަމައު އިހު އޮތް އާންމު ހާލަތަށް އެނބުރި ދިޔުމަށްޓަކައި ކޮވިޑް ނައްތައިލުމަށް ކުރާ މަސައްކަތުގައި ދޭދޭ ގައުމުތަކުގެ މެދުގައި ހަމަހަމަކަން ގާއިމުކުރަން ޖެހޭ. ކޯވިޑާ ދެކޮޅަށް އުފައްދާ ވެކްސިނާއި ބޭސްވެސް ފަގީރު ގައުމުތަކާއި ކުރިއަރާފައިވާ ގައުމުތަކުގެ މެދުގައި އެއް ހަމައަކުން ބެހިގެންދާނެ ހަމަހަމަ އުސޫލެއް ގާއިމުކުރެވެން ޖެހޭ،"

ރައީސް ވިދާޅުވީ ރާއްޖޭގައި ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށުމާއެކު އެކަމާ ދެކޮޅަށް މަސައްކަތްކުރަމުން އައީ ރައްޔިތުންގެ މެދުގައި އެއްވެސް ތަފާތުކުރުމެއް ނެތި ކަމަށެވެ. ބަލިޖެހޭ މީހުންނަށް ފަރުވާ ކުރުމާއި އެކަހެރި ކުރުމާއި ކަރަންޓީނު ކުރުމުގައިވެސް ދިވެހި ދައުލަތުން އަމަލުކުރަމުން ންނަނީ ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނާއި ދިވެހި ރައްޔިތުންނާ ދެމެދު އެއްވެސް ތަފާތު ކުރުމެއް ނެތި ކަމަށާ އިންސާނަކަށް ވީތީ ލިބެންޖެހޭ އަސާސީ ހައްގުތައް ފުރިހަމައަށް ލިބިދެމުން ކަަމަށެވެ.

ކޮވިޑްގެ ސަބަބުން ވަޒީފާ ގެއްލިފައިވާ ދިވެހިންނަށް ވަޒީފާ ހޯދޭނެ ގޮތްތަކަށް މަގުފަހިކޮށްދީ އެމީހުންގެ ދިރިއުޅުން އަލުން އާރާސްތު ކުރުމަށް މަސައްކަތް ކުރުމަކީ މިހާރު އެކުލަވައިލާފައިވާ ނޭޝަނަލް ރެޒިލިއަންސް އެންޑް ރިކަވަރީ ޕްލޭން 2020-2022 ގައިވެސް، ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމެއް ކަމަށްވެސް ރަައީސްގެ ހިތާބުގައި ވިދާޅުވިއެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުގައި ކޮވިޑް ވެކްސިން ވަނީ ދޭން ފަށާފައެވެ. ރާއްޖެއަށް ވެކްސިން ލިބޭނެ ކަމަށް ލަފާ ކުރެވެނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައެވެ. ނަމަވެސް މުޅި އާބާދީއަށް ޖެހޭ މިންވަރަށް ވެކްސިން ނުލިބޭނެ ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.