ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުވާފަރު

ކޮވިޑްގައި ދުވާފަރުން ހަތަރުވަނަ މަރު، އާންމުން އިހުތިޖާޖު ކުރަނީ

ކޮވިޑަށް ޕޮޒިޓިވް މީހަކު މަރުވެއްޖެ އެވެ. ދުވާފަރުން ރިޕޯޓްކުރި މިއީ ހަތަރުވަނަ މަރެވެ. މި މަހުގެ 27 ވަނަ ދުވަހުވެސް އެރަށުން މީހަކު މަރުވިއެވެ.

މީގެ ކުޑައިރުކޮޅެއްގެ ކުރީން މަރުވެފައިވަނީ އުމުރުން 52 އަހަރުގެ ދިވެހި އަންހެނެކެވެ. އެއީ ދުވާފަރަށް ނިސްބަތްވާ މީހެކެވެ.

ކޮވިޑްގެ ހާލަތު އެންމެ ގޯސް ދުވާފަރުގައި ބަލި މެނޭޖްކުރުމުގައި އިހުމާލުވެފައިވާ ކަމަށް ބުނެ އެ ރަށުގައި މިހާރު ދަނީ އިހުތިޖާޖު ކުރަމުންނެވެ. ގިނަ ބަޔަކު އެއްވެ ސިއްހީ މަރުކަޒު ކައިރީގައި ދަނީ އަޑުއުފުލަމުންނެވެ. އާންމުން ހުއްޓުވަން ފުލުހުން ދަނީ މަސައްކަތް ކުރަމުންނެވެ.

އިހުތިޖާޖުގެ ކުރާ މީހުން ވަނީ މިރޭގެ މަރަކީ އިހުމާލުގެ މަރެއްގެ ގޮތުގައި ސިފަކޮށްފައެވެ. އަދި ފަރުވާ ދިނުން ވަރަށް ބޮޑަށް ލަސްވި ކަމަށް ތުހުމަތުކޮށްފައިވެއެވެ.

ދުވާފަރު ސިއްހީ މަރުކަޒާ ހަވާލުވެވަޑައިގެން ހުންނެވި ސީނިއާ އެޑްމިން އޮފިސަރު އާމިރު އަހްމަދު މިއަދު އަވަސް އަށް ވިދާޅުވީ ބަލި ކޮންޓްރޯލް ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އަދިވެސް ރަށުގެ ހާލަތު ވަރަށް ގޯސް ކަމަށެވެ.

އާމިރު ވިދާޅުވި ގޮތުގައި ހޯމް ކަރަންޓީނުގައި ތިބޭ މީހުން ބައްޔަށް ޕޮޒިޓިވްވަމުން އަންނައިރު ރަށުން ފުލޫގެ ގޮތުގައި ވެސް ބައިވަރު ކޭސްތައް ރިޕޯޓް ކުރަމުންދާ ކަމަށެވެ. ރެންޑަމް ސާމްޕަލް ކުރިން ނެގި ނަމަވެސް ފުލޫގެ ގޮތުގައި ކޭސްތައް ރިޕޯޓް ކުރާތީ ރެންޑަލް ސާމްޕަލް ނެގުން މިވަގުތަށް ހުއްޓާލާފައިވާ ކަމަށްވެސް ވިދާޅުވި އެވެ.

"ނަމަވެސް ހާލަތަށް ބަދަލެއް ނާންނާތީ ބަލި ކޮންޓްރޯލް ކުރެވެން އޮތީ ރެންޑަމް ސާމްޕަލް ނަގައިގެން ކަމަށްވާތީ ވަރަށް އަވަހަށް އަލުން ސާމްޕަލް ނެގުމުގެ މަސައްކަތް ފެށުމަށް މިހާރު މިދަނީ ތައްޔާރުވަމުން،" އާމިރު ވިދާޅުވި އެވެ.

ދުވާފަރުގައި މިވަގުތު ކޮވިޑް ޓެސްޓް ކުރެވޭނެ ގޮތެއް ނެތެވެ. އެންމެ ކައިރިން ވެސް ކޮވިޑް ޓެސްޓް ހެދެން ހުރީ ރ. އުނގޫފާރުގަ އެވެ.

އާމިރު ވިދާޅުވީ ކޮވިޑް ސާމްޕަލްތައް އާންމުކޮށް ފޮނުވަނީ މާލެ ކަމަށާއި، 24 ގަޑިއިރު ތެރޭގައި ނަތީޖާ ލިބޭ ކަމަށެވެ. ނަމަވެސް ބައެއް ފަހަރު ނަތީޖާ ލިބުމުގައި ލަސްތަކެއް ދިމާވާ ކަންވެސް ފާހަގަކުރެއްވި އެވެ.

"މީހުންގެ މޫވްމެންޓަށް ބަލާއިރު ރަށުތެރޭގައި މީހުން ނިކުމެ އުޅުން މަދު. އެކަމަކު ވަރަށް ކަންބޮޑުވާ ދަރަޖައަށް ބައެއް މީހުންގެ މޫވްމެންޓްސް ބައެއްފަހަރު ހުރޭ. މީހުންގެ ފަރާތުން އެއްބާރުލުން ނުލިބޭނަމަ ކޮންޓްރޯލްކުރަން ވަރަށް އުނދަގޫވާނެ. ބައެއް މީހުންގެ ފަރާތުން އެންމެ ރަނގަޅު އެއްބާރުލުމެއް ނުލިބޭ" އާމިރު ވިދާޅުވި އެވެ.

ދުވާފަރުގައި ބަލި ކޮންޓްރޯލް ކުރަން އަޅާފައިވާ ފިޔަަވަޅުތަކަށް އެއްބާރުލުން ނުދޭ މީހުންގެ މައުލޫމާތު އެރަށު ޓާސްކްފޯސް އިން ދަނީ ކަމާ ގުޅޭ އިދާރާތަކަށް ރިޕޯޓް ކުރަމުންނެވެ. ފިޔަވަޅުތަކަށް ރައްޔިތުންގެ ފަރާތުން ފުރިހަމަ އަށް އެއްބާރުލުން ލިބިގެން ނޫނީ ބަލި ފެތުރުން ކޮންޓްރޯލް ނުކުރެވޭނެ ކަމުގައިވެސް އާމިރު ވިދާޅުވި އެވެ.

ދުވާފަރަކީ މެއި މަހުގެ 25 ވަނަ ދުވަހުން ފެށިގެން މޮނިޓަރިންއަށް ގެނެސް އަރާ ފޭބުން މަނާކޮށްފައިވާ ރަށެކެވެ. އެ ރަަށުގައި މިވަގުތުވެސް ކޮވިޑަށް ޕޮޒިޓިވް 145 މީހަކު ވެއެވެ.