ޓެކްނޯލޮޖީ

ގަޑި ހެދި އަހުމަދު ކިޔަވަން ގަތަރަށް

ދޯހާ (އަލްޖަޒީރާ) - އަމިއްލައަށް ހެދި ގަޑިއެއް ސްކޫލަށް ގެންދިޔުމުން ބޮމެއް ކަމަށް ހީކޮށް ހައްޔަރު ކުރި ދަރިވަރު އަހުމަދު މުހައްމަދު ކިޔެވުމަށްޓަކައި އެމެރިކާ ދޫކޮށް ގަތަރަށް ބަދަލުވާން ނިންމައިފިއެވެ.

ގަޑީގެ ހާދިސާ ހިނގިއިރު އަހުމަދު ކިޔަވަމުން ދިޔައީ ޓެކްސަސްގެ ސްކޫލެއްގައެވެ. އަހުމަދަކީ ސޫދާނަށް އުފަން އެމެރިކާ ރައްޔިތެކެވެ. އަހުމަދުގެ ބައްޕައަކީ ކުރިން ސޫދާނުގެ ވެރިކަމަށް ވެސް ކުރިމަތިލީ ފަރާތެކެވެ. މިހާރު އެ އާއިލާ ދިރިއުޅެނީ ސިޓިޒަންޝިޕާއެކު އެމެރިކާގައެވެ.

އަހުމަދު ގަތަރަށް ބަދަލު ވާން ނިންމީ އެގައުމުން އޭނާއަށް ދިން ސްކޮލަޝިޕެއް ގަބޫލުކޮށް ކިޔެވުން ދޯހާއަށް ބަދަލު ކުރުމަށެވެ.

އަހުމަދުގެ އާއިލާއިން މިކަން އިއުލާނުކުރީ ބަރަކް އޮބާމާ ވައިޓް ހައުސްގައި ބޭއްވެވި އެސްޓްރޮނޮމީ ނައިޓްގައި ބައިވެރިވުމަށް އަހުމަދު ވައިޓް ހައުސްއަށް ދިއުމަށްފަހު އެނބުރި އައިތަނާ ހެންނެވެ.

އަހުމަދަށް ފުރުސަތު ލިބިފައި ވަނީ ގަތަރުގެ ޔަންގް އިނޮވޭޓާސް ޕްރޮގްރާމުންނެވެ. މި ސްކޮލަޝިޕާއި އެކު އަހުމަދުގެ އާއިލާ އެއްކޮށް ގަތަރަށް ބަދަލުވާނެއެވެ. އަދި މި ސްކޮލްގެ ދަށުން އަހުމަދަށް ހިލޭ ޑިގްރީ އާއި ހަމައަށް ކިޔެވޭނެއެވެ.

ގްރޭޑް ނުވައެއްގައި ކިޔަވަމުންދާ އަހުމަދަށް ދުނިޔޭގެ މަޝްހޫރުކަން ލިބުނީ މިދިޔަ މަހު ގަޑީގެ ހާދިސާގައި އޭނާ ހައްޔަރުކުރީ މުސްލިމަކަށް ވާތީ ކަމަށް ގިނަ ފަރާތްތަކަކަށް ގަބޫލުކުރެވި އޭނާގެ ވާހަކަ އިންޓަނެޓުގައި ރާސްލާފައި ފެތުރުމުންނެވެ. އަދި އޭނާއަށް ތައުރީފުކޮށް އޮބާމާއާއި ޒަކަބާގް ވެސް ވާހަކަ ދެއްވެވުމުންނެވެ. ލިބުނު މަޝްހޫރުކަމާއެކު އަހުމަދަށް ވަނީ އެކި އެކި ލީޑަރުންނާ، ކުންފުނި ތަކުގެ ވެރިންނާ ބައްދަލު ކުރުމަށް ފުރުސަތު ލިބިފައެވެ.