މާސް

ނާސާއިން މާސްގެ ވިލާތަކުގެ ފޮޓޯތައް ނަގައިފި

Jun 3, 2021

ނާސާގެ ކިއުރިއޯސިޓީ ރޯވާއިން ޕްލެންޓް މާސްގެ ވިލާ ތަކެއްގެ ފޮޓޯތަކެއް ނަގައިފި އެވެ.

މި ފޮޓޯތައް ނާސާއިން މިހާރު ވަނީ އާންމު ކޮށްފަ އެވެ. މި ފޮޓޯތަކަކީ ކިއުރިއޯސިޓީ ރޯވާއިން މިދިއަ މާޗް މަހުގެ އެކި ދުވަސްތަކުގައި ނަގާފައިވާ ފޮޓޯތަކެކެވެ. ތަފާތު އެކި ގަޑިތަކުގައި އަދި އެކި ދުވަސްތަކުގައި ނަގާފައިވާ މި ފޮޓޯތަކުގައި ތަފާތު ގިނަ ވައްތަރުގެ ވިލާ ތަކުގެ ފޮޓޯ ނަގާފައިވެ އެވެ.

މީގެ ތެރޭގައި ގިނަ ކުލަތަކުން ދިއްލިފައި ހުރި "މަދާ އޮފް ޕާލް" ގެ ނަމުން ނަން ދީފައިވާ ވިލާތަކެއްގެ ފޮޓޯތަކެއް ވެސް ނަގާފައިވެ އެެވެ.

ނާސާއިން ބުނާ ގޮތުގައި މާސްގެ ޖައްވުގައި ވިލާ އުފެދުމަކީ އުނދަގޫ ކަމެކެވެ. ސަބަބަކަށް ވަނީ މާސްގެ ޖައްވު ތުނި ވުމުގެ ސަބަބުންނެވެ. ނަމަވެސް މާސްގެ އީކްއޭޓާ ކައިރިން ފިނި މޫސުމުގައި ވިލާ އުފެދޭ ކަމަށް ދިރާސާ ތަކުން ދައްކާފައި ވެ އެވެ.

މި އަހަރު މާސްގައި ފިނި މޫސުން އެހެން އަހަރުތަކަށް ވުރެ އަވަހަށް އަންނާނެތީ ނާސާއިން ތިބީ މި ފޮޓޯތައް ނަގަން ދުރާލާ ތައްޔާރު ވެގެންނެވެ. މި ވިލާތަކަކީ އާންމުކޮށް މާސްގައި އުފެދޭ ވިލާތަކަށް ވުރެ މަތީގައި އުފެދިފައި ހުރި ވިލާ ތަކެކެވެ.

ނާސާއިން އެންމެ ފުރަތަމަ މާސްގައި މިފަދަ ވިލާ އުފެދޭކަން ފާހަގަ ކޮށްފައި ވަނީ މީގެ ދެ އަހަރު ކުރިންނެވެ.