ޓެކްނޯލޮޖީ

ނާސާގެ ހަބްލް ޓެލެސްކޯޕްގެ މަސައްކަތް ހުއްޓުމަކަށް

ނާސާގެ ހަބްލް ޓެލެސްކޯޕްގެ ސޮފްޓްވެއާއަށް ދިމާވެފައިވާ މައްސަލަތަކެއްގެ ސަބަބުން އެ ޓެލެސްކޯޕްގެ މަސައްކަތްތަކަށް ހުއްޓުމެއް އަތުވެއްޖެ އެވެ.

ނާސާ އިން 1980 އިގެ އަހަރު ތަކުގައި ޖައްވަށް ފޮނުވާފައިވާ ހަބްލް ޓެލެސްކޯޕަށް 40 އަހަރަށް ވުރެ ގިނަ ދުވަސް ވެފައިވާއިރު މި ޓެލެސްކޯޕްގެ ސޮފްޓްވެއާ އަށް މައްސަލަ ދިމާވީ ވެސް އޭގެ އުމުރު ދިގުވެ ކުރަންޖެހުނު ބައެއް މަސައްކަތްތައް ނުކުރެވި ހުރުމުންނެވެ.

ނާސާއިން ބުނެފައިވާ ގޮތުގައި އެންމެ ފުރަތަމަ މި މައްސަލަ ދިމާވެފައި ވަނީ މިދިޔަ ހަފުތާގަ އެވެ. އަދި މެމޮރީ މައްސަލައެއް ކަމަށް ބަލައި މި ޓެލެސްކޯޕް ވަނީ ޓްރަބްލްޝޫޓް ކޮށްފަ އެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު އަލުން ވަނީ މައްސަލަ ދިމާވެފަ އެވެ.

ހަބްލް ޓެލެސްކޯޕްގެ "ޕޭލޯޑް" ކޮމްޕިއުޓަރަށް ދިމާވެވފައިވާ މި މައްސަލަ ހައްލުކުރުމަށް ނާސާ އިން މަސައްކަތްތަކެއް ކުރަމުން އެބަދެ އެވެ. ޓެލެސްކޯޕަށް މައްސަލަ ކުރިމަތިވި ސީދާ ސަބަބެއް އޮޅުންފިލުވުމުގެ މަސައްކަތްވެސް ނާސާ އިން ދަނީ ކުރަމުންނެވެ.

ހުކުރު ދުވަހު މައްސަލަ ޖެހުމަށް ފަހު ނާސާއިން ވަނީ ހަބްލް ޓެލެސްކޯޕްގެ ބެކަޕް، ކޮމްޕިއުޓާ ސިސްޓަމަށް ބަދަލު ކުރުމަށް މަސައްކަތް ކޮށްފަ އެވެ. ނަމަވެސް މިކަން ވަނީ ދެ ފަހަރެއްގެ މަތިން ނާކާމިޔާބު ވެފަ އެވެ.

ނާސާ އިން ބުނާ ގޮތުގައި ހަބްލް ޓެލެސްކޯޕްގެ އިންސްޓުރޫމަންޓްތައް މިހާރު ވަނީ ސޭފް މޯޑްގަ އެވެ. އަދި ޓްރަބަލްޝޫޓް ކުރުން ކުރިއަށްދާ ކަމަށެވެ.

ހަބްލް ޓެލެސްކޯޕަކީ ނާސާ އަދި ޔޫރަޕިއަން ސްޕޭސްް އޭޖެންސީ ގުޅިގެން އުފައްދާފައިވާ ޓެލެސްކޯޕް އެކެވެ. ފަޒާގައި މަސައްކަތް ކުރަމުންދާ މި ޓެލެސްކޯޕަކީ ފަޒާގެ ފޮޓޯތަކާއި މަންޒަރުތައް ރެކޯޑު ކުރުމަށް ނާސާ އިން ބޭނުންކުރަމުން އަންނަ ޓެލެސްކޯޕެކެވެ. އަދި މި ޓެލެސްކޯޕް ބޭނުންކޮށްގެން ވަރަށް ބައިވަރު ހޯދުންތައްވެސް ހޯދާފައިވެ އެވެ.