ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަންގެ ނަމަކީ "އަޒުމް" ކަމަށް ކަނޑައަޅައިފި އެވެ.
ސްޕޭސް މިޝަންއަށް މިނަން ދީފައިވަނީ ސައުދުﷲ އިދްރީސް ކިޔާ ބޭފުޅެކެވެ.
އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ބުނި ގޮތުގައި ޖައްވީ ޕްރޮގްރާމަށް މި ނަން ކަނޑައެޅީ މިއީ ދިވެހި ނަމަކަށްވެފައި ކޮންމެ ގައުމެއްގެ ރައްޔިތަކަށްވެސް ފަސޭހައިން މި ނަން ކިޔާލެވޭނެތީ އެވެ.
ސްޕޭސް ޕްރޮގްރާމް ތައާރަފް ކުރުމުގެ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިފްއަތު މުހައްމަދު ވިދާޅުވި ގޮތުގައި މި ޕްރޮގްރާމްގެ ދަށުން ރާއްޖޭގައި ސްޕޭސް ކްރާފްޓް ޑިޒައިން ކޮށް، ބިލްޑް ކޮށް، ލޯންޗް ކުރުމަށްފަހު ސައިންޓިފިކް ރިސާޗް ކުރިއަށް ގެންދާނެ އެވެ.
މިމަސައްކަތަށް ދިވެހިން ތަމްރީނު ކުރުމަށް އައިޖީއެސް އިން ވަނީ އިނގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންއާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މިފައުންޑޭޝަންގެ ހިލޭ އެހީގެ ދަށުން ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދާނީ އެމެރިކާގެ ތަޖުރިބާކާރުންނާ އެކު އެވެ.
އައިޖީއެސް އިން މިހާރު ވަނީ ސްޕޭސް މިޝަންގެ ޓީމު އެކުލަވާލާފަ އެވެ. 30 އަހަރުން ދަށުގެ ހަތް ޒުވާނުން މި ޓީމްގައި ހިމެނެ އެވެ.
ޓީމުން މިހާރު ވަނީ ނެނޯ ސެޓަލައިޓް އިންޖިނިއަރިން ޕްރޮފެޝަނަލް ކޯސް ފުރިހަމަކޮށްފަ އެވެ. މި ކޯހަކީ ސެޓަލައިޓް ހަދައި ލޯންޗުކޮށް، ސައިންޓިފިކް ދިރާސާތައް ހަދަން ދަސްކޮށްދޭ ކޯހެކެވެ.
މި ސްޕޭސް މިޝަންގައި "ޕްރޮޓައިޕް ސެޓެލައިޓް" އެއް ހަދައި ޓެސްޓްކުރާއިރު މި ސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެއް ކަމަށް އައިޖީއެސް އިން މީގެ ކުރިން ބުނެފައިވެ އެވެ.
ސްޕޭސް މިޝަންގެ މެއިން ޕާޓްނަރަކީ އެޗްޑީސީ އެވެ.