އައިޖީއެސް

ރާއްޖެގެ ފުރަތަމަ ޕްރޮޓޮޓައިޕް ސެޓަލައިޓް މަސައްކަތް ފަށަނީ

ރާއްޖޭގެ ފުރަތަމަ ސްޕޭސް މިޝަން ކުރިޔަށް ގެންދާ އިންސްޓްޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން ރާއްޖޭގެ ފުރަތަމަ ޕްރޮޓޯޓައިޕް ސެޓެލައިޓްގެ މަސައްކަތް ފަށަން ތައްޔާރު ވެއްޖެ އެވެ.

އައިޖީއެސްގެ ޗެއާމަން އަދި ސީއީއޯ ރިއްފަތު މުހައްމަދު ވިދާޅުވީ މި މިޝަންގައި ބައިވެރިވާން ބޭނުން ދިވެހި ޒުވާނުންނަށް އެ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށެވެ. އަދި ސެޓަލައިޓް އުފެއްުދުމާއި މުޅި ޕްރޮޖެކްޓް ލީޑް ކުރާނީ ވެސް ދިވެހި ޒުވާނުން ކަމަށް އޭނާ ވިދާޅުވި އެވެ.

މި ސެޓެލައިޓަކީ ދުނިޔޭގެ ހޫނުމިނާއި މޫސުމަށް އަންނަ ސައިންޓިފިކް ދިރާސާ ކުރުމަށް އުފައްދާ ސެޓެލައިޓެކެވެ.

މި ޕްރޮޖެކްޓް ކުރިއަށް ދާނީ އިނގިރޭސިވިލާތުގެ ކޭއެސްއެފް ސްޕޭސް ފައުންޑޭޝަންގެ ފަންނީ އެހީތެރިކަމާއެކު އެވެ. އެ ފައުންޑޭޝަނާއެކު މިދިޔަ މަހު ވަނީ އެގްރިމެންޓެއް ހަދާފަ އެވެ. އެގޮތުން މި ޕްރޮޓޮޓައިޕް ސެޓެލައިޓަށް ބޭނުންވާ ހާޑް ވެއާ ސަޕްލައި ކުރުމާއި ސެޓެލައިޓް ލޯންޗް ކުރުމުގައި ފަންނީ ގޮތުން އެހީވާނީ ކޭއެސްއެފް އެވެ.

އައިޖީއެސް އިން ބުނީ މި އެއްބަސްވުމުގެ ދަށުން ސެޓެލައިޓް ލޯންޗް ކުރާނެ ގައުމެއް ހަމަޖައްސައި އެ ގައުމުގެ އެއާ ސްޕޭސް ބޭނުން ކުރުމުގެ ހުއްދަ ނެގުމުގައި ވެސް ކޭއެސްއެފް އިން އައިޖީއެސްއަށް އެހީތެރިކަން ދޭނެ ކަމަށެވެ.

މި ޕްރޮޖެކްޓްގެ މިޝަން ޑައިރެކްޓަކަށް ހަމަޖައްސާފައި ވަނީ ކާމިޔާބު ސްޕޭސް މިޝަންތައް ލީޑް ކުރައްވާފައިވާ އިންޑިއާގެ ތަޖުރިބާކާރެއް ކަމަށްވާ ޑރ. ސްރިމަތީ ކޭސަން އެވެ. އެނާގެ މައިގަނޑު ޒިންމާއަަކަށް ވާނީ ސްޕޭސް މިޝަންއެއް ރާވައި، ކާމިޔާބު ކަމާއެކު ނިންމާލަން ރާއްޖޭގެ ދަރިވަރުން ތައްޔާރު ކުރުމެވެ.

މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު އައިޖީއެސް އާއި ކޭއެސްއެފް އާ ދެމެދު ސޮއި ކުރި އެއްބަސްވުމާއެކު ސްޓެލައިޓް ޑިޒައިނާއި ހަމައިން ލޯންޗް ކޮށް، ސައިންޓިފިކް ރިސާޗް ހަދަން އެމެރިކާގެ ތަޖުރިބާކާރުންގެ ޓީމަކުން ރާއްޖޭގެ 12 ދަރިވަރަކު ތަމްރީނު ކުރާނެ އެވެ.