ނާސާގެ ކުރީގެ އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެޕަނީޝަން ޕައިޕާ ރާއްޖެ ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެ އެވެ.
ހެއިޑީމެރީ މި ހަފްތާ ރާއްޖެ ޒިޔާރަތްކުރާއިރު، އޭނާއާ ބައްދަލުކޮށްލުމަށް ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ.
ރިޓަޔާކޮށްފައިވާ ހެއިޑީމެރީއާ ބައްދަލުކުރުން އޮންނާނީ މިމަހުގެ އަށްވަނަ ދުވަހުގެ ހެނދުނު 10:40 އިން މެންދުރު 12:00 އަށް މާލޭގައި ހުންނަ ގައުމީ ދާރުލްއާސާރުގަ އެވެ.
ހެއިޑީމެރީ ބައްދަލުކޮށްލަން ބޭނުންވާ ފަރާތްތަކުން އެކަމަށް ހާއްސަކުރެވިފައިވާ ގޫގުލް ފޯމް ފުރުމަށްފަހު މިމަހުގެ ހަތްވަނަ ދުވަހުގެ މެންދުރުފަހު 3:00ގެ ކުރިން ހުށަހަޅަންޖެހެ އެވެ.
ނާސާގައި ހެއިޑީމެރީ މަސައްކަތް ފެށީ 1996 ވަނަ އަހަރު އެވެ. އޭނާ ވަނީ 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު ދެ ސްޕޭސް މިޝަނެއްގައި ވެސް ބައިވެރިވެފަ އެވެ.
ރާއްޖެއަށް އެސްޓްރޮނޯޓެއް ޒިޔާރަތްކުރާއިރު، ރާއްޖެއިން ވަނީ ސްޕޭސް މިޝަންއެއް ހިންގުމަށް ނިންމާ މިޝަންގެ ނަމަކީ "އަޒުމް" ކަމަށް ކަނޑައަޅާފަ އެވެ.
ރާއްޖޭގެ ސްޕޭސް މިޝަން ހިންގާ އިންސްޓިޓިއުޓް ފޯ ގްލޯބަލް ސަކްސެސް (އައިޖީއެސް) އިން މިހާރު ވަނީ ސްޕޭސް މިޝަންގެ ޓީމު އެކުލަވާލާފަ އެވެ. 30 އަހަރުން ދަށުގެ ހަތް ޒުވާނުން މި ޓީމްގައި ހިމެނެ އެވެ.
މި ސްޕޭސް މިޝަންގައި "ޕްރޮޓައިޕް ސެޓެލައިޓް" އެއް ހަދައި ޓެސްޓްކުރާއިރު މި ސެޓެލައިޓަކީ ދުނިޔެ ހޫނުވުމާއި މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ބޭނުންވާ މައުލޫމާތު އެއްކުރަން އަޖުމަ ބެލުމުގެ ގޮތުން ހަދާ ސެޓެލައިޓެއް ކަމަށް އައިޖީއެސް އިން މީގެ ކުރިން ބުނެފައިވެ އެވެ.