ހަބަރު

ކިނޮޅަހު ފެނާއި ނަރުދަމާގެ މަސައްކަތް ފަށައިފި

Dec 14, 2020

ރ. ކިނޮޅަހުގެ ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ އަމަލީ މަސައްކަތް، އެމްޑަބްލިޔުއެސްސީ އިން ފަށައިފި އެވެ.

ކިނޮޅަހުގައި ހިންގާ ފެނާއި ނަރުދަމާގެ އެ މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގް އިން އެ ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށް ގެންދާ މަޝްރޫ އެކެވެ. މި މަޝްރޫއުގެ ދަށުން ފެން އުފައްދާ ޖަނަރޭޓަރު ސެޓާއި އުޅަނދުގެ އިތުރުން ފެން ތަހުލީލު ކުރުމަށް ބޭނުންވާ ސަމާނު ފޯރުކޮށްދޭނެ އެވެ. މަޝްރޫ އަށް 36 މިލިއަން ރުފިޔާ ހަރަދުވާނެ އެވެ. އަދި މި މަސައްކަތް 22 މަސް ދުވަހުން ނިންމަން ޖެހެ އެވެ.

އެ ކުންފުނިން ބުނި ގޮތުގައި މި މަޝްރޫއުގެ ދަށުން އެރަށުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓު ބެހެއްޓުމަށް އިމާރާތްކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 40 ޕަސެންޓް މަސައްކަތް މިހާރު ނިމިފައިވާކަމަށެވެ. އަދި ނަރުދަމާ ނިޒާމް ގާއިމްކުރުމަށް ބޭނުންވާ ސާމާނު މިހާރު އެ ރަށަށް ކިނޮޅަހަށް ގެންދެވިފައިވާ ކަމަށާ ފެން އުފެއްދުމަށްޓަކައި ބޭނުންވާ ބޯހޯލު ތޮރުފުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށެވެ.

މި މަޝްރޫއުގެ ދަށުން ކިނޮޅަހުގައި 10.98 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކު ގާއިމު ކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓު ބެހެއްޓުމާއި ފެން ރައްކާކުރުމަށްޓަކައި 190 އަކަ މީޓަރުގެ ދެ ތާންގިިގެ އިތުރުން 380 އަކަ މީޓަރުގެ އެއް ތާންގި ބަހައްޓާނެ އެވެ. އަދި ގޭގޭގައި ފެންމީޓަރ ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، އެ ގެތަކަށް ރައްކާތެރި ބޯފެން ފޮރުކޮށްދިނުން ވެސް ހިމެނެ އެވެ.

ކިނޮޅަހުގައި 7.69 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކް ގާއިމުކުރުމާއި 870 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި ތިން ޕަންޕިން ސްޓޭޝަނާއި އަދި އެއް ސީ އައުޓް ފޯލް ގާއިމް ކުރާނެ އެވެ. އަދި ގޭގޭގައި ޖަންކްޝަން ބަހައްޓައި ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރުކޮށްދެވިގެން ދާނެކަމަށް އެމްޑަބުލިޔުއެސްސީން ބުނެފައިވެ އެވެ.