އެމްޑަބްލިއުއެސްސީން ރ. ކިނޮޅޮހުގައި ކުރިއަށް ގެންދާ ފެނާއި ނަރުދަމާ ނިޒާމް ގާއިމު ކުރުމުގެ މަޝްރޫއުގެ 71 ޕަސެންޓް ނިންމައިފި އެވެ.
އެމްޑަބްލިއުއެސްސީން ބުނީ ފެނުގެ ނިޒާމް ގާއިމް ކުރުމުގެ މަސައްކަތުގައި ފެން ޕްލާންޓް ބަހައްޓަން ކިނޮޅޮހުގައި އިމާރާތް ކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ މަސައްކަތާއި، 80.7 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކްގެ ހޮޅިވަޅުލުމާއި އަދި ބޯހޯލް ތޮރުފުމުގެ މަސައްކަތްތައް ވެސް ނިމިފައިވާ ކަމަށެވެ.
އެ ރަށުގައި މިހާރު ކުރަނީ ގޭގެއަށް ފެން ގުޅައި ދިނުމުގެ މަސައްކަތްތަކާއި ފެން އުފެއްދުމަށްޓަކައި ބަހައްޓާ ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި އަދި ފެން ރައްކާ ކުރާ ތިން ތާންގީ ބެހެއްޓުމުގެ މަސައްކަތެވެ.
ކިނޮޅޮހުގެ ނަރުދަމާ މަޝްރޫއުގެ ތެރެއިން 49.6 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކްގެ ހޮޅި ވަޅުލުމާއި، ޕަންޕިން ލައިން އެޅުމާއި އަދި ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވަނީ ނިންމާފަ އެވެ. ނަރުދަމާ ނިޒާމުގެ ޕަންޕިން ސްޓޭޝަންތަކުގެ ކޮންކުރީޓް މަސައްކަތާއި ސީ އައުޓްފޯލް ގާއިމްކުރުމުގެ މަސައްކަތް ވެސް އޭގެތެރޭ ހިމެނެ އެވެ.
ކިނޮޅޮހުގެ ފެނާއި ނަރުދަމާގެ ޕްލޭނިން މިނިސްޓްރީން އެމްޑަބްލިއުއެސްސީއާ ހަވާލު ކޮށްގެން ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި މަޝްރޫއުގެ އަގަކީ 36 މިލިއަން ރުފިޔާ އެވެ.