އެމްޑަބްލިއުއެސްސީ

ކިނޮޅަހު ފެން ވިއުގައިގެ އަޕްޑޭޓް ދީފި

Jun 7, 2021

އެމްޑަބްލިއުއެސްސީ އިން ރ. ކިނޮޅަހުގައި މިހާރު ކުރަމުން އަންނަ ފެނާއި ނަރުދަމާގެ މަސައްކަތުގެ އަޕްޑޭޓެއް ދީފި އެވެ.

ފެން ކުންފުނިން ބުނީ އެ މަސައްކަތުގެ 35 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ. އެގޮތުން އެ މަޝްރޫއުގެ ފެނުގެ ނިޒާމުގައި ހިމެނޭ ފެން ޕްލާންޓް ބެހެއްޓުމަށް ގާއިމުކުރާ ފެސިލިޓީ ބިލްޑިން އިމާރާތުގެ 91 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ.

ނަރުދަމާ ނިޒާމުގައި ހިމެނޭ 7.45 ކިލޯ މީޓަރުގެ ދިގު ނަރުދަމާ މައި ނެޓްވޯކްގެ ހޮޅިވަޅުލުމުގެ 72 ޕަސެންޓް މަސައްކަތް ނިމިފައިވާއިރު، ގޭގެއަށް ނަރުދަމާ ކަނެކްޝަން ގުޅައިދިނުމުގެ 77 ޕަސެންޓް މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ސީ އައުޓް ފޯލް އެޅުމުގެ 35 ޕަސެންޓް މަސައްކަތުގެ އިތުރުން ޕަންޕިން ސްޓޭޝަންތަކުގެ 16 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އެމްޑަބްލިއުއެސްސީ އިން ބުނެ އެވެ.

އެރަށުގައި 695 މީޓަރުގެ ޕަމްޕިން ލައިނެއް އަޅާނެ އެވެ. އަދި 6.27 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކަކާއި، ފެން އުފެއްދުމަށްޓަކައި ދެ އާރްއޯ ޕްލާންޓް ބެހެއްޓުމާއި، ފެން ރައްކާކުރުމަށްޓަކައި ތިން ތާންގީ ބަހައްޓާނެ އެވެ. އަދި 135 ގެއަކަށް ފެނުގެ ކަނެކްޝަން ގުޅައިދީ، ފެންމީޓަރު ބަހައްޓާނެ ކަމަށް އެކުންފުނިން ބުނެ އެވެ.

ޕްލޭނިން މިނިސްޓްރީ އިން އެމްޑަބްލިއުއެސްސީ އާއި ހަވާލުކޮށްގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ އަގަކީ 36 މިލިއަން ރުފިޔާ އެވެ.