ދުނިޔެ

އެއާއޭޝިއާގެ ވެއްޓުނު ބޯޓުގެ ބްލެކްބޮކްސް ނަގައިފި

Jan 12, 2015

އެއާއޭޝިއާގެ ވެެއްޓުނު މަތިންދާބޯޓުގެ ބްލެކްބޮކްސް ކަނޑުއަޑިން ނަގައިފި އެވެ.

އިންޑޮނީޝިއާގެ ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ ބަމްބަންގް ސޮއެލިސްޓިޔޯ ވިދާޅުވީ ބޯޓުގެ ފަހަތުބައި ނެގި ހިސާބުން ކޮކްޕިޓް ވޮއިސް ރެކޯޑާއެއް ފެނިގެން ނަގާފައިވާ ކަމަށާއި އޭގެ ދެ ވަނަ ޑިވައިސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެއާއޭޝިއާގެ ފްލައިޓް QZ8501 މިދިޔަ ޑިސެމްބަރު މަހުގެ 28 ވަނަ ދުވަހު 162 މީހުންނާ އެކު ޖާވާ ކަނޑަށް ވެއްޓިފައި ވަނީ އިންޑޮނީޝިއާ އިން ފުރައިގެން ސިންގަޕޫރަށް ދަނިކޮށެވެ. އެ ބޯޓުގެ މައިގަނޑު އަދިވެސް ނުފެނެ އެވެ. ލަފާކުރެވޭ ގޮތުގައި އެ ބައި ވެސް ވަނީ ކަނޑުގެ އަޑީގަ އެވެ. މިހާތަނަށް ވަނީ ބޯޓު ވެއްޓުނު ސަރަހައްދުން 40 އަށް ވުރެ ގިނަ މީހުންގެ ހަށިތައް ފެނިފަ އެވެ.

ފްލައިޓް ޑޭޓާ ރެކޯޑާ ނުވަތަ ބްލެކްބޮކްސް އަކީ ބޯޓު ދަތުރުކުރި ގޮތުގެ ޓެކްނިކަލް މައުލޫމާތާއި ޕައިލެޓުންގެ މުއާމަލާތުތައް ރައްކާކުރެވިފައި ހުންނަ ޑިވައިސް އެވެ. އެހެންވެ ބްލެކްބޮކްސް ލިބުމާ އެކު، ބޯޓު ވެއްޓުުނު ހަގީގީ ސަބަބު ދެނެގަނެވޭނެ އެވެ.

"ފްލައިޓް ރެކޯޑާއޭ މި ކިޔާ ބްލެކް ބޮކްސް ވަނީ ނަގާފައި. މިހާރު ހޯދަމުން މި ދަނީ ކޮކްޕިޓް ވޮއިސް ރެކޯޑާ،" ސޮއެލިސްޓިޔޯ ވިދާޅުވި އެވެ.

މި ޑިވައިސްތަކަކީ ބާރުގަދަ ގޮވުންތަކުގައި ވެސް ގެއްލުމެއް ނުވާ ގޮތަށް އަދި ގިނަ ދުވަހު ކަނޑުގެ އަޑީގައި ވެސް ގެއްލުމެއް ނުވެ އޮންނަ ގޮތަށް ހަދާފައި ހުންނަ ޑިވައިސްތަކެކެވެ. އަދި މި ޑިވައިސްތަކުން 30 ދުވަސް ވަންދެން ސިގްނަލް ފޮނުވަ އެެވެ. އެހެންވެ އެ ޑިވައިސްތައް ހޯދަނީ އެ ސިގްނަލްތަކަށް ބަލައިގެންނެވެ.

ޑޭޓާ ރެކޯޑާތައް ފެނުމުގެ ކުރިން މިދިިޔަ ހަފުތާގައި ވަނީ ބޯޓުގެ ފަހަތު ބައި ވެސް ކަނޑު އަޑިން ނަގައިފަ އެވެ. އޭގައި ޑޭޓާ ރެކޯޑާތައް ހުންނާނެ ކަމަށް ބެލެވުނު ނަމަވެސް އެ ތަކެތި ފެނިފައި މި ވަނީ ކަނޑުގެ އަޑީގައި ވަޅުޖަހާފައި ވަނިކޮށެވެ. --ބީބީސީ