މޯލްޑިވިއަން

މޯލްޑިވިއަންއަށް 129 މިލިއަން ރުފިޔާގެ ގެއްލުން

ގައުމީ އެއާލައިން މޯލްޑިވިއަންއަށް ލިބުނު އާމްދަނީ ބޮޑުތަނުން ދަށްވެ މިއަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 129 މިލިއަން ރުފިޔާގެ ގެއްލުން ވެއްޖެ އެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ތަފާސް ހިސާބުތަކަށް ބަލާއިރު މޯލްޑިވިއަން އަށް މިއަހަރުގެ ދެވަނަ ކުއާޓަރުގައި ލިބިފައިވަނީ 109 މިލިއަން ރުފިޔާއެވެ. އެއީ މިދިޔަ އަހަރާއި އަޅާ ބަލާއިރު 76 ޕަސެންޓްގެ ދަށްވުމެކެވެ. 2019 ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ކުންފުންޏަށް 458 މިލިއަން ރުފިޔާ ލިބިފައިވެއެވެ.

މިދިޔަ އަހަރުގެ ދެވަނަ ކުއާޓަރުގައިވެސް އެ ކުންފުންޏަށް ގެއްލުވިއެވެ. ނަމަވެސް މިއަހަރުގެ ގެއްލުމަކީ ރެކޯޑް އަދަދެކެވެ.

ކޮވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކޮށް އަދި އެތެރޭގެ އުދުހުންތައްވެސް މަސްތަކަކަށް ހުއްޓުމަކަށް އައެވެ. ނަމަވެސް އެ މުއްދަތުގެ ތެރޭގައި ބޭރު ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ގެނައުމަށް މޯލްޑިވިއަންއިން ހާއްސަ ދަތުރުތަކެއް ކުރިއެވެ. އެ ދަތުރުތައް ނުކުރިނަމަ ލިބުނު ގެއްލުން މިއަށްވުރެ ބޮޑުވާނެ އެވެ.

ގައުމީ އެއާލައިންގެ ހިންގުމަށް ގެނައި ބައެއް ބަދަލުތަކާއި އަދި ކުންފުނީގެ ވެރިންގެ މުސާރަ ބޮޑުކުރުން ފަދަ ކަންކަމާއި ގުޅިގެން މީގެ ކުރިންވެސް ގިނަ ބައެއްގެ ފާޑުކިޔުން އެ ކުންފުންޏަށް އަމާޒުވިއެވެ.