ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އެޗްޕީއޭ

ހަފްލާތަކާއި ކުޅިވަރު މުބާރަތްތައް ބޭއްވުމުގެ ހުއްދަ ދީފި

ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަަޅުތަކަށް ލުއި ދީފި އެވެ. ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ވަނީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ބައެއް ފިޔަވަަޅުތަކަށް ބަދަލު ގެނެސް އެކަން އިއުލާނުކޮށްފައެވެ.

ޑިރެކްޓަރު ޖެނެރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރު ސޮއިކުރައްވާ މިރޭ ނެރުނު އެންގުމުގައި ބުނެފައިވަނީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިންތަކާ އެއްގޮތަށް ކުޅިވަރު މުބާރާތްތައް ބާއްވަން ހުޅުވާލުމާއި ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމަށް ހުޅުވާލާފައިވާ ކަމަށެވެ.

މީގެ ކުރިން ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމަކީ މަނާ ކަމެކެވެ. އަދި ކުޅިވަރު މުބާރާތްތައް ބާއްވުމަކީވެސް މަނާ ކަމެކެވެ. އެއީ ކޮވިޑް-19 އިން ރައްކާތެރިވުމަށް އަޅާފައިވާ ފިޔަވަޅެކެވެ.

މި ލުއި ދިން ނަމަވެސް ކޮންމެ ރެއެއްގެ 11:00 އިން ފަތިހު 4:00 މާލެ، ވިލިމާލެ، ހުޅުމާލޭގައި ކާފިއު ހިންގާނެ އެވެ. އެ ވަގުތަކުގައި ބޭރަށް ނިކުމެ އުޅުމަކީ އަދިވެސް މަނާ ކަމެކެވެ. އަދި މާލެ ސަރަހައްދުގައި ރޭގަނޑު 10:30 އިން ފަތިހު 4:00 އަށް ހޮޓާ، ކެފޭ، ރެސްޓޯރަންޓްތައް ހުޅުވާފައި ބެހެއްޓުން މަނާވާނެ އެވެ.

ހަފްލާތަކާއި ރަސްމިއްޔާތުތައް ބޭއްވުމުގެ ހުއްދަ ދީފައިވާއިރު ދައުލަތުން މި އަހަރު ދޭން ހަމަޖެހިފައިވާ އެކިއެކި އިނާމުތައް ދިނުމަށް ބާއްވާ ރަސްމީ ޖަލްސާ، މި މަހުގެ 26 ވަނަ ދުވަހު ބޭއްވުމަށް ސަރުކާރުން މިއަދު ވަނީ ނިންމާފައެވެ. ރައީސް އޮފީހުން ބުނީ، ޖަލްސާ އޮންނާނީ، ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެރޭ 8:30 ގައި ޖުމްހޫރީ މައިދާނުގައި ކަމަށެވެ. މި ޖަލްސާގައި ދެވޭ އިނާމުތަކުގެ ތެރޭގައި، ގައުމީ އިނާމާއި، މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސް ދެއްވާ ހާއްސަ އިނާމު ހިމެނެ އެވެ.