ރައީސް އަބްދުﷲ ޔާމީން

ރައީސް ޔާމީން ޖަލަށްލީ ދުވަހު ރޮވުނު: ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލަށް ލުމަކީ އެދިވަޑައިގެންނެވި ކަމެއް ނޫން ކަމަށާ އެމަނިކުފާނު ޖަލަށް ލެއްވުމުން އެކަމާއި ވަރަށް ބޮޑަށް ދެރަވެ ކީރިތި ކުރެއްވި ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލު ކުރައްވަ އެވެ. ނަޝީދު ވިދާޅުވީ ވެރިން ހައްޔަރުކޮށް ޖަލުގައި ބަންދު ކުރުމުގެ ސަގާފަތެއް ރާއްޖޭގައި އޮތުމުން ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އެ ސަގާފަތް ނައްތާލަން ވެރިކަމުގައި ހުންނެވި މުއްދަތުގައި ވަރަށް ހިތްވަރު ކުރެއްވި ކަމަށެވެ. ވެރިން ހައްޔަރު ކުރަމުން އައި ސަގާފަތް ހުއްޓާލުމުގެ ފުރުސަތު ރައީސް ޔާމީނަށް ވެސް ލިބިވަޑައިގެންނެވި ކަމަށާ އެ ފުރުސަތު އެމަނިކުފާނު އެކަން ނުކުރެއްވި ކަމަށެވެ. އެކަން ކުރެއްވިނަމަ މިއަދުގެ ހަގީގަތް ވަރަށް ތަފާތުވީސް ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލެއްވުމަކީ އުފާ ކުރައްވާ ކަމެއް ނޫން ކަމަށާ ފަސް އަހަރުގެ ހުކުމެއް އިއްވުމުން ހަވާ އަރުވައި ލަވަ ވިދާޅުވަމުން ވަޑައިގެންފައިވެސް ނުވާނެ ކަމަށެވެ. އަދި ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލެއްވުމުން އެކަމާއި ވަރަށް ބޮޑަށް ދެރަވެ ރޮވުނު ކަމަށެވެ.

"ރައީސް ޔާމީން ޖަލުގައި އިންނަވަން ޖެހި ވަޑައިގަތުމަކީ އެއީކީއެއް ކޮންމެހެން އަޅުގަނޑު އުފާފާޅު ކުރަމުން ހަވާ އަރުވަމުން ދުވާ ކަމެއް ނޫން. ތިޔަ ބޭފުޅުންނަށް ފަހަރުގައި ސާފުވެފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުވުމާއި ލަނގިރި ޖެހުމާއި ލަވަ ކިޔުއްވުމާއި މާ ބެހުމާއި މި ހުރިހާ ކަމެއް، އެހެން ނަމަވެސް އަޅުގަނޑު ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީ ދެރަ! އަޅުގަނޑަށް ރޮވުނު! އެއީކީ އަޅުގަނޑު އެދޭ ގޮތެއް ނޫން،"

ނަޝީދު މިއަދު ވެސް ވިދާޅުވީ އެމްޑީޕީން ވެރިކަމަށް އައީ ޝަރުއީ ނިޒާމު މިނިވަން ކުރަން ކަމަށާ އެ ވައުދު ފުއްދަވާފައިވާ ކަމަށެވެ. ރައީސް ޔާމީނަށް އިސްތިއުނާފުގެ ހުރިހާ މަރުހަލާއެއް ލިބިވަޑައިގަންނަވާނެ ކަމަށާ ކުރީގެ ރައީސަކު އެންމެ މިނެޓަކަށް ވެސް ޖަލުގައި ހުންނަން އެދިވަޑައި ނުގަންނަވާ ކަަމަށެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުތައް ހުރީ ކުރައްވާ ކަންކަމެއްގައި ވެރިޔަކަށް ވެގެން ސަލާމަތްވެ ވަޑައިގެންނެވޭނެ ގޮތަށް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.

"ދިވެހިރާއްޖޭގެ ވެރިންނަށް، އަޅުގަނޑަށް ވެސް އެބަ ސާފުވާން ޖެހޭ ހިތަކަށް ލިބޭ އެއްޗެއް ނޫންކަން ވެރިކަމަކީ. އަޅުގަނޑުމެންނަކީ، ވެރިންނަކީ މުހިންމު ބައެއް ނޫންކަން. އަޅުގަނޑުމެން ހުރިހާ ވެރިން އަދި އަންނަން ތިބި ވެރިންނަށް ވެސް އެކަން އެބަ އެނގެން ޖެހޭ،"

ރައީސް ޔާމީން ޖަލުގައި ހުންނަވާތާ އަހަރު ދުވަސް ވަނީ ވެފަ އެވެ. މަނީލޯޑަރިންގެ މައްސަލާގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާއިރު ހައިކޯޓްގައި އޮތް އިސްތިއުނާފުގެ ޝަރީއަތް އަހަރު ދުވަސްވީއިރުވެސް ނުނިމެއެވެ. މިހާރުވެސް އިތުރު ދެ ދައުވާއެއް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލާފައެވެ.