ދުނިޔެ

އަސަދުގެ ރަޝިޔާ ދަތުރުފުޅާއެކު އެމެރިކާ ހާސްވެފައި

ވޮޝިންޓަން (ބީބީސީ) - ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު ރަޝިޔާއަށް ކުރެއްވި ދަތުރުފުޅު އެމެރިކާއިން ވަރަށް ބޮޑަށް ކުށްވެރިކޮށްފިއެވެ.

ރަޝިޔާއިން އަސަދަށް ކީ ރަތް ދޫލައިގެ މަރުހަބާ އަށް އެމެރިކާގެ ފާޑުކިޔުންތައް އަމާޒު ވިއެވެ. އެމެރިކާއިން ބުނީ އަސަދަކީ އޭނާގެ އަމިއްލަ ރައްޔިތުންނާ ދެކޮޅަށް ކެމިކަލް ހަތިޔާރު ބޭނުންކުރި ފަރާތެއް ކަމަށާއި، އެފަދަ ފަރާތަކަށް ރަޝިޔާއިން ހޫނު މަރުހަބާއެއް ކިޔުމުން ރަޝިޔާއިން ކަނޑައަޅާފައިވާ އަމާޒުތަކާ ފުށުއަރާ ކަމަށެވެ.

އަދި އެމެރިކާއިން އަސަދުގެ މި ދަތުރުފުޅާމެދު ހައިރާން ނުވާ ކަމަށާއި އެކަމަކު ކަންބޮޑުވުމަކީ ރަޝިޔާގެ ބައިވެރިވުން ސީރިޔާގެ ހަނގުރާމައިގާ އިތުރުވެ، ސީރިޔާގެ ދާހިލީ ހަނގުރާމަ އިތުރަށް ދިގުދެމިގެން ދިޔުން ކަމަށް ވެސް އެމެރިކާ ބުނެއެވެ.

ޕުޓިންއާއި އެކު އަސަދު ބޭއްވެވި ބައްދަލުވުމުގައި ރަޝިޔާއިން ސީރިޔާގެ ހަނގުރާމައިގާ ބައިވެރިވީ ފަހުން ޓެރަރިޒަމް އިތުރަށް ފެތުރުން ހުއްޓިފައިވާ ކަމަށް ވިދާޅުވިއެވެ. ޕުޓިން ވިދާޅުވީ މައްސަލަތަކަށް ދާއިމީ ހައްލެއް ލިބޭނީ ޝާމިލުވާ ހުރިހާ ފަރާތްތަކުން ބައިވެރިވާ ސިޔާސީ މަޝްވަރާތަކެއްގެ ތެރޭން ކަމަށެވެ.

އަސަދު ރަޝިޔާއަށް ވަޑައިގެންނެވީ ރަޝިޔާއިން ސީރިޔާގައި ހަނގުރާމަވެރިންނާ ދެކޮޅަށް ވައިގެ ހަމަލާތައް ދޭންފެށިތާ ތިން ހަފްތާ ފަހުންނެވެ. މިއީ ސީރިޔާގައި 2011 ވަނަ އަހަރު ދާހިލީ ހަނގުރާމަ ފެށުނުފަހުން ގައުމުން ބޭރަށް އަސަދު ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. ސީރިޔާގެ ހަނގުރާމައިގާ ތިން ލައްކައެއްހާ މީހުން މަރުވެފައިވެއެވެ.

އެމެރިކާއިން ކަންބޮޑުވާ އަނެއް ކަމަކީ މެދު އިރުމަތީގައި ރަޝިޔާގެ ދައުރު ފުޅާވުމެވެ. އެމެރިކާއިން ބޭނުންވަނީ މެދު އިރުމަތީގައި ގޮތް ނިންމާ ގައުމުގެ ގޮތުގައި ދެމި އޮތުމަށެވެ. މެދު އިރުމަތީގައި އެމެރިކާގެ ކޮންޓްރޯލް ގެއްލެމުން ދާކަމަށް އެމެރިކާގެ އެތެރޭގެ ސިޔާސީ މަސްރަހުގައި ވެސް މިފަހަކަށް އައިސް އިދިކޮޅު ފަރާތްތަކުން ވާހަކަ ދައްކައެވެ. އަދި ސީރިޔާގެ މައްސަލައަށް ރަޝިޔާއާއި ނުލާ ހައްލެއް ނުހޯދޭނެކަން ރަޝިޔާއިން ގެންދަނީ ހާމަކޮށްދެމުންނެވެ.