ދުނިޔެ

އެމެރިކާ ސިފައިން ސީރިއާގައި ޓެރަރިސްޓުން ތަމްރީންކުރޭ: އަސަދު

ސީރިއާގައި އެމެރިކާ ސިފައިން ތިބޭ އަލްތަންފް އަސްކަރީ މަރުކަޒުގައި ޓެރަރިސްޓުން ތަމްރީންކުރާ ކަމުގެ ހެކި ލިބިވަޑައިގެންފައި ހުރި ކަމަށް ބައްޝާރުލް އަސަދު ވިދާޅުވެއްޖެ އެވެ.

އަސަދު ވިދާޅުވި ގޮތުގައި ސީރިއާ ސިފައިންނަށް ޓެރަރިސްޓުންގެ ޖެއްސުން އެންމެ ބޮޑީ ވެސް އެމެރިކާ ސިފައިން މަރުކަޒުކޮށްގެން ތިބޭ ސަރަހައްދުތަކުގަ އެވެ.

އޭނާ އަދި ވިދާޅުވީ އެމެރިކާ ސިފައިންނަށް ނޫން ބަޔަކަށް ވަނުން މަނާ ސަރަހައްދެއްގައި ޓެރަރިސްޓުން ހަރަކާތްތެރިވަނީ އެމެރިކާއިން ޓެރަރިސްޓުން ތަމްރީންކުރާތީ ކަމަށެވެ.

އެހެންކަމުން އަލްތަންފް އަސްކަރީ މަރުކަޒަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ސިރިއާ ސަރުކާރުން ބަލާ ކަމަށްވެސް އަސަދު ވިދާޅުވި އެވެ.

ސީރިއާގައި ކޮންމެވެސް ވަރަކަށް ހަމަޖެހުން ގާއިމުކުރެވޭއިރަށް އެމެރިކާގެ ޓެރަރިސްޓް ގުރޫޕްތަކުން ސީރިއާ ތެރެއަށް ސިއްރިއްޔާތުގައި ވަދެގަނެ ހަމަލާދިނުމަށް ފަހު ނުތަނަވަސްކަން އުފައްދާ ކަމަށްވެސް އަސަދު ވިދާޅުވި އެވެ.

އަސަދު ވިދާޅުވި ގޮތުގައި މިހާރު އޮތް އެންމެ ބޮޑު ނުރައްކަލަކީ ސީރިއާގައި ޓެރަރިސްޓުން ތަމްރީންކުރުމަށް ފަހު ޔުކްރޭނަށް ފޮނުވުން ކަމަށެވެ. އެމެރިކާއިން ދުނިޔޭގެ ހަމަޖެހުން ގެއްލުވާލަން ރާވާ ގޮތްތަކަށް ބަލާއިރު މިއީ އެ މީހުން ކޮށްފާނެ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

އެމެރިކާއިން ޔުކްރޭނަށް ޓެރަރިސްޓުން ފޮނުވާ ކަމުގެ ހެކި އަދި ނެތް ކަމަށް އަސަދު ވިދާޅުވި އެވެ. އެހެން ނަމަވެސް މިއީ ވެސް ނުވާނެ ކަމެއް ކަމަށް ވިދާޅު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޔުކްރޭންގައި ހިނގަނީ ދީނަށްޓަކައި ކުރެވޭ ހަނގުރާމައެއް ނޫން ކަމަށް އަސަދު ވިދާޅުވި އެވެ. އެހެންކަމުން ސީރިއާގައި މުޖާހިދުން ތަމްރީންކޮށް ޔުކްރޭނަށް ފޮނުވުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.