ބޮލީވުޑް

ނެހާ ކައްކަރު ބަނޑުބޮޑީތަ؟ ނޫނީ ލަވަ ޕްރޮމޯޓް ކުރަނީތަ؟

ލަވަކިޔުންތެރިޔާ ނެހާ ކައްކަރް ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ޝެއާ ކުރި ފޮޓޮއަކާއި އެއާއެކު ލިޔެފައިވާ މެސެޖަކާ އެކު އޭނާގެ ފޭނުންތައް އުތުރި އަރަން ފެށި އެވެ. އަދި ނެހާ ބަނޑުބޮޑީ ކަމަށް ހިތާ އެންމެން އޭނާއަށް މަރުހަބާ ކިޔައި އުފާ ފާޅު ކުރަން ފެށި އެވެ.
ފުއްޕާލާފައި ހުރި ބަނޑުގައި ހިފަހައްޓާލައިގެން ފިރިމީހާ ރޯހަންޕްރީތު ފަހަތުގައި ހުރެ ނަގާފައިވާ ފޮޓޯއަށް ބަލާލުމުން ނެހާ އަސްލުވެސް ބަނޑުބޮޑީ ކަމަށް ހީވެ އެވެ. "ޚަޔާލްރަކްޔާކަރް" މި ފޮޓޯ ތިރީގައި ނެހާ ޖެހި ކެޕްޝަންގައި ލިޔެފައި ވެއެވެ. މިއީ ބަހުގެ މާނައަކީ ފަރުވާ ބަހައްޓައިގެން އުޅޭށޭ އެވެ. ނެހާގެ މެސެޖަށް ފިރިމީހާ ރޯހަންޕްރީތު ކުރި ކޮމެންޓުގައި "މިހާރު ދެން ކުރިޔަށް ވުރެ ވެސް މާ ބޮޑަށް ފަރުވާތެރިވާން ޖެހޭނެ ނޭހޫ،" އެހެން ލިޔެފައި ވެއެވެ.

ނެހާ ކަނޑައެޅިގެން އޭނާ ބަނޑުބޮޑުކަމަށް ބުނެފައި ނެތް ނަމަވެސް މުނިފޫހިފިލުވުމުގެ އިންޑަސްޓްރީގައި އުޅޭ ނެހާގެ އެކުވެރިންގެ ތެރެއިން ވަރަށް ގިނަ ބަޔަކުވެސް މި ޕޯސްޓް ބަލާފައި ނެހާ ބަނޑުބޮޑީ ކަމަށް ނިންމި އެވެ. އަދި ތަފާތު ކޮމެންޓުތައް ކޮށް ނެހާ އަށް މަރުހަބާގެ ޝުއޫރުތައް ފާޅުކުރަން ފެށީ އެވެ.

އެގޮތުން ޖޭ ބާނޫޝާލީ، ކަޕިލް ޝަރުމާ، ހަރްޝްދީޕް ކޯރް ފަދަ ފަންނާނުން ވަނީ ނެހާ އަށް މަރުހަބާ ކިޔާފަ އެވެ. އަދި ނެހަގެ ބޭބެ ޓޯނީ ކައްކަރް ވެސް ވަނީ "އަހަރެން ވަރަށް އަވަހަށް ބޮޑުބޭބެޔަކަށް ވަނީ" ކަމަށް ބުނެ މެސެޖު ކޮށްފަ އެވެ.

ނަމަވެސް ނެހާގެ މެސެޖު ވައިރަލްވީތާ އެތައް ގަޑިއިރެއް ފަހުން އޭނާ އާއި ފިރިމީހާ އެއާޕޯޓަށް ފުރަން ގޮސް ތިއްބާ ނަގާފައިވާ ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދައުރުވި އެވެ. އެ ފޮޓޯތަކުގައި ކުރީގެ ފޮޓޯގައި ފެނުނު "ބޭބީ ބަމްޕް"އެއް ނެތެވެ. އެއްގޮތަކަށް ވެސް ނެހާ ބަނޑުބޮޑުކަމުގެ ނިޝާނެއް ފަހުން ނަގާފައިވާ ފޮޓޯތަކަކުން ފެންނާކަށް ނެތެވެ.

އެހެންކަމުން މިހާރު ގިނަ ބަޔަކު ލަފާ ކުރަނީ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ފަޅާލަން ނެހާ ކުރި ޕޯސްޓަކީ އޭނާގެ އަލަށް ރިލީޒްކުރަން އުޅޭ ލަވަ ޕްރޮމޯޓްކުރުމުގެ ގޮތުން ޝެއާ ކުރި ޕޯސްޓެކެވެ. ސަބަބަކީ އެ ލަވައިގެ ނަމަކީ "ޚަޔާލް ރައްކާ ކަރް" ކަމަށް ވާތީ އެވެ.

ނެހާ ބަނޑުބަނޑުކަން ޔަގީން ނުކޮށްދޭތީ އާއި ނެހާ ޝެއާކޮށްފައިވަނީ ލަވައިގެ ނަން ކަމަށް ވާތީ އޭނާ ބަނޑުބޮޑު ކަމާ މެދު އަނެއްކަވެސް ފޭނުން ވަނީ ސުވާލު އުފައްދާފަ އެވެ. ނެހާ އަކީ ކުރިން ވެސް ބައެއް ޝޯތައް ޕްރޮމޯޓްކުރުމަށް ތަފާތު މިކަހަލަ ދޮގު ޚަބަރުތައް ފަތުރާ ލަވަކިޔުންތެރިއަކަށް ވާތީ މިފަހަރުވެސް މިއީ އެފަދަ ކަމަކަށް ވެދާނެކަމަށް މިހާޜު ގިނަ ބަޔަކު ޝައްކު ކުރެ އެވެ.