ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ ކުށެއް ނެތް ބޭފުޅެއް ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ޓުވީޓާ މެދުވެރިކޮށް އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީނަކީ މި ސަރުކާރާއެކު ޑީލެއް ހައްދަވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި އެއީ ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއް ވެސް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ ރައީސް ޔާމީނަށް މިނިވަންވެވަޑައިގަތުމުގެ ފުރުސަތު ލިބިވަޑައިގަތުމުން އެ ފުރުސަތު ބޭނުން ނުކުރެއްވީ ކަމަށް އެމްޑީޕީގެ ހަރުގޭގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް ނަޝީދު ވިދާޅުވުމުން ދެއްވި ރައްދެއްގެ ގޮތުގަ އެވެ.
"ރައީސް ޔާމީނަކީ މި އަނިޔާވެރި ސަރުކާރާއެކު ޑީލް ހައްދަވާނެ ބޭފުޅެއްނޫން. ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއްވެސް ނޫން. ކަންކަމާ ކުރިމަތި ލެއްވުމުގެ ހިތްވަރު ރައީސް ޔާމީނުގެ ހުންނާނެ. އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީނަކީ ކުށެއްނެތް މައުސޫމު ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތުވެގެން ދާނެ." އަބްދުއްރަހީމް ވިދާޅުވި އެވެ.
ރައީސް ޔާމީނަކީ ކުށެއްނެތް މައުސޫމު ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތު ވެގެން ދާނެ.އަބްދުއްރަހީމް އަބްދުﷲ | ޕީއެންސީގެ ރައީސް
މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، ރައީސް ޔާމީން ފަސް އަހަރަށް ޖަލަށްލުމަށް ވަނީ ހުކުމް ކޮށްފަ އެވެ. ކްރިމިނަލް ކޯޓުން އިއްވި އެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފު ކޮށްފައިވިޔަސް ހައި ކޯޓުން އެ މައްސަލައިގައި އަދި ގޮތެއް ނިންމާފައެއް ނުވެއެވެ. ރައީސް ޔާމީނުގެ މައްޗަށް މިހާރުވެސް ވަނީ ދަށު ކޯޓުގައި އެހެން ދެ ދައުވާއެއް އުފުލާފަ އެވެ. އިދިކޮޅުން އެކަން ސިފަ ކުރަނީ އެއީ ސަރުކާރުން ރާވައިގެން ވަކި ބަޔަކަށް އަމާޒު ކޮށްގެން ކުރާ ކަމެއްގެ ގޮތު އެވެ.