ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ދުނިޔެ

ޖޯ ބައިޑަން ކޮވިޑް ވެކްސިން ޖައްސަވައިފި

އެމެރިކާގެ ރައީސް ކަމަށް އިންތިހާބުވެ ވަޑައިގެން ހުންނެވި ޖޯ ބައިޑަން އަށް ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ދެއްވައިފި އެވެ. އެމެރިކާގެ ރައްޔިތުން ވެޖްސިން ޖެހުމަށް ހިތްވަރު ދެއްވުމަށް، ބައިޑަންއަށް ވެސް ވެކްސިން ދެއްވާފައި ވަނީ ލައިވް ޓީވީގަ އެވެ.

ބައިޑަންއާ އަނބިކަނބަލުން ޖިލް ބައިޑަންއަށް ވެސް ދެއްވާފައި ވަނީ ފައިޒާ ބަޔޮންޓެކް ކޮވިޑް ވެކްސިނެވެ.

"އަޅުގަނޑު ތައްޔާރު،" ބައިޑަން ވިދާޅުވި އެވެ. "ތިޔަ ބޭފުޅުން ވެސް ތައްޔާރުވެވަޑައިގަންނަވާ. ވެކްސިން ލިބެންވާއިރަށް. މިއީ އެއްވެސް ކަމެއް ނޫން"

ސިއްހީ ދާއިރާގައި މަސައްކަތްކުރައްވާހާ ބަޔަކަށް ޝުކުރު ދަންނަވައި ބައިޑަން ވަނީ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ވެސް ތައުރީފު ކުރައްވާފަ އެވެ. ވިދާޅުވީ ވެކްސިން ޕްރޮގްރާމަކީ ޓްރަމްޕް ސަރުކާރުން ފެއްޓެވި ވަރަށް ރަނގަޅު ކަމެއް ކަމަށެވެ.

އެމެރިކާގެ އާންމުނާ މުހާތަބު ކުރައްވައި ބައިޑަން ވިދާޅުވީ ކޮންމެހެން ތަނަކަށް ދާންޖެހިއްޖެ ހާލަތެއްގައި ނޫނީ ނުދިއުމަށާއި މާސްކް އަޅައި ގައިދުރުކަން ދަމަހައްޓަން އެދިވަޑައިގަންނަވާ ކަމަށެވެ. ބައިޑަން ސަރުކާރުގެ ނައިބު ރައީސް ކަމާލް ހެރިސްއާ ފިރިކަލުންނަށް ކޮވިޑް ވެކްސިން ދެއްވުން އަންނަ ހަފުތާއަށް ވަނީ ތާވަލު ކޮށްފަ އެވެ.

ވެކްސިން ޖެހުމަށް ބާރުއެޅުއްވުމުގެ ގޮތުން ކުރީގެ ރައީސުން ވެސް ވަނީ ވެކްސިން ޖައްސަވާނެ ކަމަށް ވިދާޅުވެފަ އެވެ. ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާ ވެރިންނާއި ސިނާއަތްތަކުގެ މާހިރުންނަށް ވެސް އަންނަނީ ވެކްސިން ދެމުންނެވެ.

ޖޯ ބައިޑަން ކޮވިޑް ވެކްސިން ޖައްސަވަނީ. ވެކްސިން ލިބެންވާއިރަށް އާންމުން ތައްޔާރުވުމަށް އެދިވަޑައިގެންނެވި

ނައިބު ރައީސް، މައިކް ޕެންސްއަށާއި އަނބި ކަނބަލުންނަށް ވެސް ވަނީ ވެކްސިންދެއްވާފަ އެވެ. ޕްރެސް ސެކްރެޓަރީ ވިދާޅުވި ގޮތުގައި ޓްރަމްޕްއަށް ވެކްސިން ދެއްވާނެ ދުވަހެއް ކަނޑައަޅުއް ވާނީ އޭނާގެ މެޑިކަލް ޓީމުންނެވެ.

ޓްރަމްޕްއަށް ވެކްސިންދެއްވުން އަވަސްކުރަން ޑރ. އެންތަނީ ފައުޗީއާ ނަސޭހަތްތެރިވެ ވަޑައިގެންފައިވާއިރު، ޓްރަމްޕް ވިދާޅުވަނީ ބޮޑަށް ބޭނުންޖެހިފައި ތިބި މީހުންނަށް އަވަހަށް ވެކްސިންދެއްވުމަށެވެ.