ދުނިޔެ

އިޒްރޭލް - މޮރޮކޯ: ފުރަތަމަ ފްލައިޓް ރިބާތަށް ޖައްސައިފި

އިޒްރޭލާ މޮރޮކޯއާ ދެމެދު ކޮމާޝަލް ފްލައިޓްތައް އޮޕަރޭޓް ކުރަން ފަށައިފި އެވެ. މިއީ އަރަބި ގައުމުތަކާ އިޒްރޭލާ ގުޅުން ބަދަހި ކުރުވުމަށް އެމެރިކާ މެދުވެރި ވެގެން ހެދި ޑީލެކެވެ. މި ދަތުރުގައި އެމެރިކާގެ ރައީސް. ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުން ޖެރެޑް ކުޝްނާ ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މި ދަތުރުގައި ދެ ގައުމުން މުހިންމު އެއްބަސްވުންތަކެއްގައި ސޮއި ކުރާނެ އެވެ. އަދި އިޒްރޭލުގެ ވަފުދު މޮރޮކޯގެ ރަސްގެފާން މުހައްމަދު ހަވަނައާ ވެސް ބައްދަލު ކުރައްވާނެ އެވެ.

މޮރޮކޯއިން އިޒްރޭލާއެކު ގުޅުން ބަދަހިކޮށް އެއްބަސްވުންތަކެއްގައި ސޮއި ކުރުމާ ހަމައަށް އައިސްފައިވާއިރު، އިޒްރޭލާ ގުޅުން ބަދަހި ނުކުރެއްވުމަށް ފަލަސްތީން އޮތޯރިޓީގެ ރައީސް، މަހްމޫދު އައްބާސް އެދިވަޑައިގެންފައި ވެއެވެ. ވިދާޅުވީ އަރަބި ގައުމުތަކުން އިޒްރޭލާއެކު ގުޅުން ބަދަހި ކުރުމަކީ ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބުމަށް ހުރަސް އެޅޭ ކަމެއް ކަމަށެވެ.

އެއްބަސްވުމެއްގައި ސޮއިކުރި ނަމަވެސް މޮރޮކޯއިން ބުނީ ފަލަސްތީންގެ ހައްގުތައް ހޯދައިދިނުމަށް ވާކާލާތު ކުރުމުގައި ދެމި އޮންނާނެ ކަމަށެވެ.

އިޒްރޭލާއެކު ގުލުން ބަދަހި ކުރުމުން މޮރޮކޯއަށް އޮތް އިނާމަކީ ހުޅަނގު ސަހަރާ އެވެ. އެމެރިކާއިން ބުނީ އިޒްރޭލާ ގުޅުން ގާއިމުކޮށްފި ނަމަ ހުޅަނގު ސަހަރާ އަކީ މޮރޮކޯގެ ބައެއްގެ ގޮތުގައި ގަބޫލު ކުރާނެ ކަމަށެވެ. އެހެން ނަމަވެސް، އދ އަދި ޔޫރަޕުން ވެސް އަދި އެ ގޮތް ގަބޫލެއް ނުކުރެ އެވެ. އެމެރިކާގެ ނުފޫޒާ ހެދި އދ. އާއި ޔޫރަޕުން އެއްޗެއް ނުބުނެ ތިބި ނަމަވެސް ވަކި ގޮތެއް ނިންމުން އަދި އޮތީ އެވެ.

މޮރޮކޯއިން އިޒްރޭލާ އެކު ވިޔަފާރީގެ ގުޅުން ބަދަހި ކުރުމާއި، ދެ ގައުމުގައި ވެސް ޑިޕްލޮމެޓިކް އޮފީސް އަޅުން ހުޅުވުން ވެސް އެޖެންޑާގައި އެބަ އޮތެވެ.