ދުނިޔެ

އެމެރިކާގެ ޕައިލެޓަކު އަމިއްލަ ގައިގައި ރޯކޮށްލައިފި

އެމެރިކާގެ ވޮޝިންގްޓަންގައި ހުންނަ އިޒުރޭލު އެމްބަސީ ކައިރީގައި އެމެރިކާ ވައިގެ ސިފައިންގެ ޕައިލެޓަކު އަމިއްލަ ހަށިގަނޑުގައި ރޯކޮށްލައިފި އެވެ.

އޭނާ މިކަންކުރީ ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުން ހިންގަމުން ގެންދަނީ ގަތުލު އާންމެއް ކަމަށް ބުނެ އަދި ނަސްލު ނައްތާލަން ޒަޔަނިސްޓުން ހިންގާ ހަރަކާތްތަކަށް ދެކޮޅު ހަދާ ކަމަށް ބުނެ އެވެ.

ފަޔާ ފައިޓަރުންނާ ހަވާލާދީ ހަބަރުތައް ބުނާ ގޮތުން އޭނާ މިހާރު އޮތީ ހޮސްޕިޓަލުގައެވެ. އޭނާގެ ހާލު ވަރަށް ދެރަ އެވެ.

ބައެއް ނޫސްވެރިން ބުނާ ގޮތުން އޭނާގެ ގައިގާ އަމިއްލައަށް ހުޅުޖެހި ތަން އެ މީހުން ރެކޯޑް ކުރި އެވެ. އޭގެ ބައެއް ފޮޓޯތައް މިހާރު އިންޓަނެޓްގައި ފެތުރެމުންވެސް އެބަދެ އެވެ.

އަމިއްލަ ގައިގައި ހުޅުޖެހުމަށް ފަހުވެސް ފަލަސްތީން މިނިވަންކުރުމަށް އޭނާ ގޮވި ކަމަށް ޚހަބަރުތައް ބުނެ އެވެ. ހުޅުޖެހުމުގެ ކުރިން ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކި ކަަމަށް މަންޒަރު ދުށް މީހުން ބުންޏެވެ.

ސީއެންއެން އިން ބުނި ގޮތުން އެނާގެ ހަށިގަނޑުގައި އަމިއްލައަށް ރޯކުރި މަންޒަރުތައް އެ ސްޓޭޝަނަށްވެސް ވަނީ ލިބިފަ އެވެ.

ސީއެންއެން އިން އަދި ބުނީ އޭނާގެ ނަމަކީ އޭރަން ބުޝްނެލް ކަމަށެވެ. އެމެރިކާ އެއާ ފޯސްގެ ތަރުޖަމާނަކުވެސް ވަނީ އެކަން ތެދުކޮށްފަ އެވެ.

އިޒުރޭލުން ޣައްޒާގައި ހިންގަމުން ގެންދާ އަނިޔާވެރި އަމަލުތައް ކުށްވެރިކޮށް ދުނިޔޭގެ ވަރަށް ގިނަ ގައުމުތަކުގައި އަދި އިޒުރޭލު އެމްބަސީތައް ދޮށުގައި މުޒާހަރާކޮށް ދަނީ އަޑުގަދަކުރަމުންނެވެ.

އިޒުރޭލުން މިދިޔ އަހަރު އޮކްޓޯބަރު ހަތަކުން ފެށިގެން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި މިހާތަނަށް 30،000 އަށް ވުރެ ގިނަ ފަލަސްތީން މީހުން ވަނީ މަރުވެފަ އެވެ. އެކަމަކު މިއީ ނަސްލު ނައްތާލަން ހިންގާ ޖަރީމާތަކެއް ކަމަށް ނުފޫޒުގަދަ ގައުމުތަކުން ގަބޫލެއް ނުކުރެ އެވެ.

ފަލަސްތީނުން މީހުން ބޭލުމަށް އިޒުރޭލަށް އެންމެ ބޮޑަށް ހިތްވަރު ދެނީ އެމެރިކާއާއި އިނގިރޭސިވިލާތުންނެވެ. ފަލަސްތީނަށް މިނިވަންކަން ނުލިބިގެން އުޅެނީވެސް އެމެރިކާއާއި އިނގިރޭސިވިލާތުގެ ސަބަބުންނެވެ.

ފަލަސްތީން މިނިވަންވުން މައްސަލައަކަށް ވަނީ ހަމައެކަނި އިޒުރޭލަކަށް ނޫނެވެ. އެމެރިކާއާއި އިނގިރޭސިން އަދި މި ދެ ގައުމާ އިއިތިހާދުވެގެން ތިބި ޔޫރަޕްގެ ގައުމުތަކުންވެސް ފަލަސްތީން މިނިވަންވާކަށް ބޭނުމެއް ނުވެ އެވެ.