މިނިސްޓްރީ އޮފް ހެލްތު

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހާލިދާ

Dec 23, 2020
6

ހެލްތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރައްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް، އެ މަގާމަށް އައްޔަން ކުރެއްވީ ގ. ސިލްވަރުގެ، މަރިޔަމް ހާލިދާއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ އެ މަގާމަށް ހާލިދާ އައްޔަން ކުރީ މި ހަފްތާގެ އާދިއްތަ ދުވަހު ކަމަށެވެ.

މީގެ ކުރިން ރައީސުލްޖުމްހޫރިއްޔާ ވަނީ ހެލްތްގެ ސްޓޭޓް މިނިސްޓަރު ކަމަށްވެސް ބޭފުޅަކު އައްޔަން ކުރައްވާފައެވެ. އެ މަގާމަށް އައްޔަން ކުރެއްވީ ކުރިން ޓްރާސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހުމަދު އާދިލްއެވެ. އޭނާގެ މަގާމުން ބަދަލުކޮށްފައިވާއިރު މިނިސްޓަރު އައިޝަތު ނަހުލާއާ އާދިލްގެ ގުޅުން ވަރަށް ގޯސް ކަމަށް އަޑުފެތުރުނެވެ. އަދި އާދިލް އެ މިނިސްޓްރީން ބަދަލުކުރީ ނަހުލާ ޝަކުވާ ކުރެއްވުމުން ކަމަށްވެސް އަޑުފެތުރުނެވެ.

ކުރިން ހެލްތް މިނިސްޓަރަކަށް ހުންނެވި އަބްދުﷲ އަމީން މަގާމުން އިސްތިއުފާ ދެއްވީ އެމްޑީޕީން އަމީންގެ އިތުބާރު ނެތް ކަމުގެ ވޯޓް މަޖިލީހަށް ހުށައެޅުމުންނެވެ. ރައީސް ސޯލިހުގެ ވިސްނުންފުޅާ ދެކޮޅަށް އެމްޑީޕީގެ ޕީޖީން ނިންމި އެ ނިންމުމާއި ގުޅިގެން އަމީން އިސްތިއުފާ ދެއްވީ ރައީސް ސޯލިހާއެކު ކުރެއްވި މަޝްވަރާތަކަކަށްފަހު އެވެ. ފަހުން އެމަގާމަށް ހަމަޖެއްސެވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަހުމަދު ނަސީމެވެ.