ޑރ. މުހައްމަދު މުއިއްޒު

ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދޭނަން: މުއިއްޒު

ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށް ވެސް ކަށަވަރުވެފައި އޮތް އަސާސީ ހައްގަކަށް ހައްދަވައިދެއްވާނެ ކަމުގައި އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެެވެ.

އިންތިހާބީ ރައީސް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހާ ގުޅުވައިގެން ސޯޝަލްމީޑިއާގައި އާންމުކުރެއްވި މެސެޖެއް ގައެވެ.

މުއިއްޒު ވިދާޅުވީ ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ ރައްޔިތަކަށްމެ ކަށަވަރުކޮށްދޭންޖެހޭ އަސާސީ ހައްގެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެކަން ކުރައްވާނެ ގޮތް ކޮންމެވެސް ވަރަކަށް ހިއްސާވެސް ކުރެއްވި އެވެ. އެގޮތުން ވިދާޅުވީ މިހައްގު ކަށަވަރުކޮށްދެވޭނީ ހަމަޖެހޭ ދުޅަހެޔޮ ވެއްޓެއް ގާއިމުކުރުމާ އެކު، އެއްވެސް ހުރަހެއް ނެތް، ނަފްސާނީ ފަރުވާއާއި އެހީތެރިކަން ފަހިކޮށްދީގެން ކަމަށެވެ.

"އަޅުގަނޑުގެ ސަރުކާރުގައި މިމަގަށް ސިޔާސަތުތައް ބައްޓަންކުރާނަމެވެ." އިންތިހާބީ ރައީސް ވިދާޅުވެފައިވެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ޑރ. މުއިއްޒު ވަނީ ނަފްސާނީ ދުޅަހެޔޮކަމާ ބެހޭ ގާނޫނެއް ފާސްކޮށް، ނަފްސާނީ މައްސަލަތަކަށް ފަރުވާ ދިނުމަށް ހާއްސަކޮށްގެން ބައިނަލްއަގްވާމީ ފެންވަރުގެ ހޮސްޕިޓަލެއް ލ. ގަމުގައި އަޅުއްވައި ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.

ނަފްސާނީ މައްސަލަތައް ހައްލުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ކޮށްފައިވެ އެވެ. އެގޮތުން މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް އުފައްދަވައި "ކިހިނެތް"ގެ ނަމުގައި ނަފްސާނީ ސިއްހަތަށް ހޭލުންތެރިކުރުމުގެ ގައުމީ ކެމްޕޭނެއްވެސް މިސަރުކާރުން ފެއްޓެވި އެވެ.

ރާއްޖޭގައި ގާއިމުކުރި ނަފްސާނީ ފަރުވާދޭ ފުރަތަމަ މަރުކަޒު ކަމުގައިވާ "ސެންޓާ ފޯ މެންޓަލް ހެލްތު" އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލްގައި ހުޅުވީވެސް ރައީސް ސޯލިހް ވެރިކަމުގައި މާޗް 2019 ގައެވެ. އެ ހިދުމަތްތައް އިތުރަށް ފުޅާވެ، ހުޅުމާލޭ ހޮސްޕިޓަލުގައިވެސް މެންޓަލް ހެލްތް ސެންޓަރެއް ފަހުން ގާއިމުކުރި އެވެ. ނަފްސާނީ ބަލިތަކަށް ފަރުވާ ކުރާ މީހުންނަށް އާސަންދަ ސްކީމު ލިބޭ ގޮތް ހަމަޖައްސައިދީ އަތޮޅު ތެރޭގައި މިހާރު ޓާޝަރީ ފެންވަރަށް ތަރައްގީކުރަމުންދާ ފަސް ހޮސްޕިޓަލުގައިވެސް ނަފްސާނީ ފަރުވާދޭނެ އިންތިޒާމުތައް މިސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.

ބައިނަލްއަގްވާމީ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެ އޮކްޓޯބަރު 10 ވަނަ ދުވަހެވެ. މިދުވަސް އެންމެ ފުރަތަމަ ފާހަގަކުރަން ފެށީ 1992 ވަނަ އަހަރު އެވެ.