ނަފްސާނީ ބަލި

ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރަން ހާއްސަ އިދާރާއެއް

Dec 23, 2022

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް، ނެޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓުގެ ނަމުގައި ސަރުކާރުގެ އިދާރާއެއް މިއަދު އުފައްދަވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ދެންނެވުމެއްގައިވާ ގޮތުން މި އިދާރާ އަކީ މިނިސްޓްރީ އޮފް ހެލްތުގެ ދަށުން ހިނގަމުންދާ އިދާރާ އެކެވެ.

މި އިދާރާ އުފައްދާފައިވަނީ ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށެވެ. އިދާރާގެ މައިގަނޑު ޒިންމާއަކީ ވެސް ނަފްސާނީ ދުޅަހެޔޮކަން އިތުރު ކުރުމާ އެކު ނަފްސާނީ ހިދުމަތްތައް ވިލަރެސްކޮށް ފަންނީ އެހީތެރިކަމާއި ލަފާ ދިނުމެވެ.

ކަމާ ގުޅޭ އިދާރާތަކުން އެއްކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ރާއްޖޭގައި ނަފްސާނީ މައްސަލަތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.

ނަފްސާނީ މައްސަލަތައް ހައްލުކުރުމަށް މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން މަސައްކަތްތަކެއް ވެސް ކުރެ އެވެ. އައިޖީއެމްއެޗްގައި ނަފްސާނީ ބަލިތަކުގައި ޑޮކްޓަރުންނަށް ދައްކަން އޮތް ބޮޑު ކިޔު ވެސް މިހާރު ވަނީ ކުޑަކޮށްލާފަ އެވެ.